ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕަބްލިކް ޓްރާންސްޕޯޓްގެ ޙިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ލިބޭތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ޕަބްލިކް ޓްރާންސްޕޯޓްއަކީ ރާއްޖެއަށް ބަލާއިރު، ޚާއްސަކޮށް މާލޭ ސަރަޚައްދަށް ބަލާއިރުވެސް ވަރަށް މުޙިއްމު އެއްޗެކެވެ. ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި މި ބޭނުންކުރެވެނީ ބަސް އަދި ޓެކްސީއެވެ. ޓެކްސީގެ އަގު އިންތިހާއަށް ބޮޑެވެ. ޓެކްސީގެ އަގުތައް ބޮޑު ކުރަނީ ތެލުގެ އަގަށް ބޮޑު ޚަރަދެއް ދާތީކަމަށް ޓެކްސީގެ ޙިދުމަތް ދޭ ފަރާތްތަކުން ބުނެއެވެ. ކަން މިހެން އޮތް އިރު، ގިނަ ބަޔަކު ޤަބޫލް ކުރާ ގޮތުގައި މާލެ އިން ހުޅުމާލޭގެ ފޭސް 2 އަށް ދިއުމަށް ޓެކްސީއަކަށް 100 ރުފިޔާގެ ނެގުމަކީ އެ ދަތުރަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއްކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައިވެސް ޓެކްސީ ނުވަތަ ޕަބްލިކް ޓްރާންސްޕޯޓްއަށް ބޭނުންކުރާ އެއްގަމު އުޅަނދުތަކަށް ފައިސާ ނަގާނީ އެ އުޅަނދެއްގައި ހަރުކޮށްފައި އިންނަ މީޓަރަކަށް އަރާ މިންވަރަކަށެވެ. އެންމެ ކައިރިން އިންޑިއާ އަދި ސްރީލަންކާއަށް ބަލާލި ނަމަވެސް މިކަން ދިވެހިންނަށް ހުންނާނީ ތަޖުރިބާ ކުރެވިފައެވެ. މިފަދަ ގޮތަކަށް ރާއްޖޭގެ ޓެކްސީތަކުގައި މީޓަރު ހަރު ކުރުން ކިހިނެއްވާނެތޯއެވެ؟ މިކަމުން ރައްޔިތުންނަށް ފުދުންތެރި ގޮތަކަށް އެމީހުންގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ގޮތެއްގައި ބައްޓަންކުރުމަށް ފަސޭހައަކަށް ވާނެ ނޫންތޯއެވެ؟ ގައުމުގެ ހުންގާނުގައި ތިބޭ ފަރާތްތަކުން ގައުމަށް ހެޔޮ ބަދަލް ގެނެސްދޭން ވައުދުތައްވާއިރު މިފަދަ ކަންކަމަށް އިސްކަން ނުދެނީ ކީއްވެ ބާއެވެ؟ ހަމަ ގައިމުވެސް ކޮންމެ ދުވަހަކު ޓެކްސީގެ ޙިދުމަތް ހޯދާ މީހުންވެސް މަދެއް ނޫނެވެ. ކޮންމެ މީހަކަށް ސައިކަލެއްވެސް ނުދުއްވޭނެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުޑަ ކުދިންނަަށް ބަލާއިރުވެސް މާލެ ތެރޭގައި ދުއްވާ ބަހަށް އެކުދިން ނުވަތަ އެމީހުން އިށީންދެ އިންނަ ގޮނޑި ނޭރުވެއެވެ. ހުޅުމާލެ އިން މާލެއަށް އަންނަ ބަހުގައި މިޙިދުމަތް ލިބޭކަން ފާހަގަކޮށްލަމެވެ. ނަމަވެސް މާލޭގައި ދިރިއުޅޭ ނުވަތަ އެހެން ތަނެއްގައިވެސް ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށްވެސް މާލޭގެ އެއްތަނުން އަނެއްތަނަށް ބަހުގައި ދެވޭ ނަމަ، ވަރަށް ފަސޭހަވާނެއެވެ. ސަބަބަކީ ޓެކްސީއަށް ވުރެ ބަހުގައި ދަތުރު ކުރުމަށް ނަގާ އުޖޫރަ ކުޑަ ވުމެވެ. އަދި މީގެ އިތުރުން ބަހުގެ ޙިދުމަތް ދޭ ފަރާތުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތައް ބަހުގެ ޙިދުމަތް ދެމުން އަންނަނީ ވެސް ހިލޭކަން ފާހަގަކޮށްލަމެވެ. މިއީވެސް އެ ފަރާތްތަކަށް ލިބުނު ވަރަށްވެސް ބޮޑު އުފަލެކެވެ.

ގިނަ ފަހަރު ފެންނަ މަންޒަރަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހާއަށް ޚާއްސަ ކުރެވިފައިވާ ޖާގައި ގައިވެސް އިށީންދެ ތިބޭ މަންޒަރެވެ. ދިވެހިން ތަރައްގީ ވަނީ ގެންގުޅޭ ފޯނާއި ތުރުކުރާ ހެދުން ފަދަ ތަކެތިންކަމަށް ބުނާތީ އަޑު އަހަމެވެ. ފެންނަ މަންޒަރަށް ބަލާއިރު މިކަން ޤަބޫލްކުރެވޭ ފަހަރުވެސް އާދެއެވެ. ހުރިހާ އެންމެންވެސް ގުޅިގެން އަހަރުމެންގެ މި ކުޑަ މުޖުތަމަޢު އުފާ ފާގަތި އެކަކު އަނެކަކަށް އެހީވާ ބަޔަކު ކަމުގައި ވަމާ ހިނގާށެވެ.

ބަހުގެ ޙިދުމަތުގެ ވާހަކަ ދައްކާއިރު، ހުޅުމާލޭ އިން މާލެއަށް އަންނަ ބަހުގެ ގަޑިތަކުގެ ވާހަކަ އަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ. ބައެއް ފަހަރު ބަސް ޝެޑިއުލްގެ ގަޑިތަކަށް ނާންނަ ވާހަކައެވެ. ބަސް ފުރިގެން ދާ ހާލަތުގައި އިތުރު ބަހެއް ނާންނަ ވާހަކައެވެ. އަދި މާލެ އިން ހުޅުމާލޭ ފޭސް 2 އަކަށް ދަތުރު ކުރާ ބަސްތައް ވަރަށް ގިނަ ފަހަރު ގަޑިއަށް ނާންނަކަމަށް ގިނަ ބަޔަކު ޝަކުވާ ކުރެއެވެ.

ޕަބްލިކް ޓްރާންސްޕޯޓް ދިނުމަކީ ފަސޭހަކަމަކަށް ނުވާއިރު، މިކަމުގައި އާންމުންގެ ޝަކުވާތައް އަޑުއަހައި ރަގަޅު ކުރުމަށް ހުންނަ ކަންކަން ބަލައި އެ ޙިދުމަތް ދޭ ފަރާތްތަކުން އެކަން ރަގަޅު ކުރުމަކީ ވެސް އޮންނާނެ ހައްލެކެވެ. އުފަލާއި އެކީ ފާހަގަކުރާ ހިތްވާ ކަމަކީ ޕަބްލިކް ޓްރާންސްޕޯޓް ދޭ ބަހުގައި ޚާއްސަ އެހީގެ މީހުންނަށާއި ކުދިންނަށް، ދޮށީ އުމުރުގެ މީހުން އަދި ސްކޫލް ކުދިންނަށް މިހާރު ޔުނީފޯމްގައި ނޫން ނަމަވެސް ބަހުގައި ހިލޭ ދަތުރު ކުރެވުމެވެ. މިއީ ވަރަށްވެސް އުފާވެރިކަމެކެވެ.

ދެން އޮތް ވާހަކައަކީ، ޓެކްސީ ތަކުން އަގު ނަގާ އިރު، ކަންޑައެޅިފައިވާ އަގުގެ އިތުރުން އަގު ނަގާ މައްސަލައެވެ. މިއީ ވަރަށް ގިނައިން އަޑު އިވޭ ވާހަކައެކެވެ. ޓެކްސީ ނެގުމަށް އެޕްއެއް ބޭނުންކުރާއިރު، އޭގައި އެމީހަކު އެ ނަގާ ޙިދުމަތަކަށް ހޭދަވާނެ އަގު ހިމަނާފައިވެއެވެ. ނަމަވެސް ޓެކްސީ ނުވަތަ ވޭން ޑްރައިވަރަކަށް އިންނަ މީހާ ޙިދުމަތް ހޯދާ ފަރާތުގެ އަތުން އެޕްގައި ހިމެނޭ އަގުގެ އިތުރަށް އަގު ނަގައެވެ. 100 ރުފިޔާ ނަގަން ޖެހޭ ތަނެއްގައި 150 ރުފިޔާ ނަގާފައިވެސް އެބަ ހުއްޓެވެ. ކަން މިހެން އޮތް އިރު، މިކަންތައްތައް ހައްލު ކުރުމަށް ކަމާއި ބެހޭ އެއްވެސް މުއައްސަސާއަކުން މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ. އާންމު ރައްޔިތުން ހަނާވާ އިރުވެސް ރައްޔިތުންނަށް ފޯރުންތެރި ދިރިއުޅުމެއް ބިނާކޮށްދިނުމަށް ތަކެތީގެ އަގާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަވާ ތަނެއް ނުފެނެއެވެ. ފެންނަނީ ހުރިހާ އެއްޗަކަށް ރައްޔިތު މީހާ ކުރަން ޖެހޭ ޚަރަދު އިތުރުވާ މަންޒަރެވެ.

ރައްޔިތުންނާއި ގުޅުން ހުރި މައްސަލަތައް ހައްލުކޮށްދޭން ތިބި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައިވެސް ބިލްތައް ފާސްކުރެވިގެން ދާއިރު، ރައްޔިތުންގެ އަތުން އިތުރު އެއްޗެއް ޚަރަދުވެއެވެ. މެމްބަރުންގެ ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ މުޙިއްމު ބިލްތަކެއް ހުންނަނީ ތާށިވެފައެވެ. މިފަދަ އަސާސީ ކުދި ކުދި ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރާ މަންޒަރު ފެންނަނީ ވަރަށް މަދުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: