2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް 1500 ސޮއި ހަމަވެއްޖެ ކަމަށް އެމްއާރުއެމް ގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ. ގިނަ ރައްޔިތުންގެ ތަރުހީބު އޮތީ މިނިވަން ކެންޑިޑޭޓެއް ގޮތުގައި ކުރިމަތިލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ފާރިސް ވިދާޅުވީ ގިނަ ބަޔަކު ވަނީ ޕާޓީތައް ދެކެ ފޫހިވެފައިކަމަށެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާން ބޭނުންފުޅުވާ އެހެން ސަބަބެއްގެ ގޮތުގައި ފާރިސް ވިދާޅުވީ އެމްއާރުއެމް ގެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދާތީކަމަށެވެ. އޭނާ ވިދާޅުވީ ގަނޫނީ ލަފާ ބޭނުންވާ ކަމަށާއި ޕާޓީ އޮތީ ސުވާލު މާކެއްގެ ތެރޭގައި ކަމަށެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އަދި ކޯޓުން ވަނީ މައްސަލަ ބަލައިގަނެފައި ކަމަށް ވެސް ފާރިސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުންތައް ފެށިފައި ނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޕާޓީ ޓިކެޓުގައި ކުރިމަތި ލައި އެމްއާރުއެމް އާއި ދެކޮޅަށް މައްސަލަ ނިމިއްޖެނަމަ ކެންޑިޑެސީ ބާތިލްވާ ހާލަތެއް އައިސްދާނެ ކަމަށްވެސް ބުނެފައި ވެއެވެ. މިނިވަން ކެންޑިޑޭޓެއް ގޮތުގައި ނިކުންނެވުން އެއީ އެ މައްސަލަ ޕާޓީ އާއި ދެކޮޅަށް ނިމިދާނެކަމަށް ބަލައި އަޅުއްވާ ފިޔަވަޅެއް ކަމަށް ފާރިސް ވިދާޅުވިއެވެ.
މީގެއިތުރުން ފާރިސް ވިދާޅުވީ ކަންކަން ރަނގަޅުކުރުމަށް ކަންބޮޑުވުން ފާޅުކުރުމުގައި ވަކި ގޮތްތަކެއް ހުނަނާނެ ކަމަށާއި އެކަން ކަމަކީ ވަކި އުސޫލަކާއި މިންގަނޑެއްގެ ދަށުން އަދި އަހްލާގީ މިންގަނޑެއްގެ ދަށުން ކުރަންޖެހޭ ކަންކަން ކަމުގައެވެ. އެއްބަސް ވުމެއްގެ ދަށުން މަސައްކަތް ކުރާއިރު ޒިންމާދާރު ގޮތެއްގައި އެންމެންނަށް ފާޅުކަންބޮޑު ނޫން ގޮތެއްގައި މަޝްވަރާތަށް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެންނެވިއެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބެއްގައި ވާދަ ކުރައްވާއިރު ރައްޔިތުންނަށް ހަގީގަތް އެނގެން ޖެހޭ ކަމަށާއި ފުރިހަމަ މައުލޫމާތު ލިބިގެން ނޫނީ ވޯޓާ ހިސާބަށް ނުދެވޭނެ ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިވަގުތު އެބޭފުޅުން ސަރުކާރާ މެދު ދެކޭގޮތް ރައްޔިތުންނާ ހިސާބަށް ގެނެސްދޭން ޖެހޭކަމަށެވެ.

