އެންމެން އެކުގައި ތިބީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރާތީކަމަށް ޕީޕިއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ދޮރު ބަންދުވުމާ ގުޅިގެން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ޑރ.މުހައްމަދު މުއިއްޒު ވަނީ އިންތިޚާބުގައި ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފަ އެވެ. މުއިއްޒުގެ ކެންޑިޑެސީ އީސީން މިހާރު ވަނީ ބަލައިގެންފަ އެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދެ ޕާޓީގެ ލީޑަޝިޕް އޮތީ މުއިއްޒްއާއި އެކު ކަމަށާއި އެކަމުގައި އެއްވެސް ހިޔާލުތަފާތުވުމެއް ނެތް ކަމަށެވެ. އަބްދުއްރަހީމްގެ އިތުރުން ވާހަކަ ދެއްކެވި ލީޑަރޝިޕްގެ ބޭފުޅުންވެސް ވަނީ މުއިއްޒުއަށް ތާއިދުކުރައްވާކަމަށް ވިދާޅުވެ، އިދިކޮޅު ކޯލިޝަންގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނެތްކަމަށް ވިދާޅުވެފައެވެ.
އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ދެ ޕާޓީގެ ލީޑަރޝިޕް ވެސް އޮތީ ތައްޔާރަށް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީގެ އެކި ފަރާތްތައް ރަށްތަކުގައި ރުކުރުވާލާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެ ފަރާތްތަކުން މާލެ ދެން އަންނާނީ ބޮޑުތަނުން މުއިއްޒު އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.

