ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކެމުންދާ ހުވަފެނާއި ހިސާބަށް ރައްޔިތުން ވާސިލުކޮށްދޭނަން: ނާޒިމް

އެމްއެންޕީގެ ލީޑަރު ނާޒިމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ރޭހުގައި ކުރިމަތިލެއްވީ ހުވަފެނެއް ފެނިވަޑައިގެންކަމަށާއި އިރާދަކުރެއްވިއްޔާ އެ ހުވަފާނާއި ހިސާބަށް ރައްޔިތުން ވާސިލުކޮށްދެއްވާނެކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުތައް ނިންމަވާލައްވައި މާލެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ  އެދިވަޑައިގަތީ ރައްޔިތުން ކަންބޮޑުނުވުމަށެވެ. ނާޒިމް ވިދާޅުވީ، ދިވެހިރާއްޖޭގައި ފަގީރުން އަދި މުއްސަނދިނާ ދެމެދު އޮތް ތަފާތުތައް ނައްތާލަން ޖެހޭ ކަމަށާއި އެ ނޫން ކަމަކާއި މެދު އޭނާ ވިސްނު ނުގެންގުޅުއްވާ ކަމަށެވެ. އަދި އޭނާއަށް ވެރިކަން ލިބިއްޖެނަމަ އެކަން ހައްލު ކޮށްދެއްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން ތިބީ މާޔޫސްވެފައިކަމަށެވެ. އެގޮތުން މާޔޫސްވާ ސަބަބުތަކުގެ ތެރޭގައި ސިއްހީ ހިދުމަތްތަކުގެ ފެންވަރު ދަށްވުން ހިމެނޭކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ރ މަޑުއްވަރީ އޮތީ މީގެ 10 އަހަރު ކުރިންވެސް އޭނާ އެ ރަށަށް ވަޑައިގެންނެވިއިރު އޮތް ހާލަތުގައެވެ. އަދި ދަރަވަންދޫ އަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ސުކޫލުގެ ހާލަތު ބެއްލެވުމަށްވެސް ވަޑައިގެންނެވިކަމަށެވެ. ނާޒިމް ވިދާޅުވީ، އެ ސުކޫލަށްވެސް ބަދަލުތަކެއް އައިސްފައިނުވާކަމަށާއި ހުރީ ނިކަމެތި ހާޅަތުގައިކަމަށެވެ.

ނާޒިމް ވިދާޅުވީ، ދިވެހި ރައްޔިތުން ތިބީ ތައުލީމަށް ފެންބޮވައިގަނެފައިކަމަށެވެ. ސިއްހީ ހިދުމަތްތައް ރަނގަޅުވެގެންދާނެ ދުވަހަކަށް ރައްޔިތުން އިންތިޒާރު ކުރަމުންދާ ކަމަށެވެ. އެ މީހުން ތިބީ ދަތި ހާލަތެއްގައިކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ، ރައްޔިތުން ތިބީ ބޯހިޔާވަހިކަމުގެ ބޭނުންވެސް ޖެހިފައިކަމަށެވެ. އަދި ރާއްޖޭގެ އުތުރަށް ކުރެއްވި ދަތުރުގެ ތެރެއިން ވަޑައިގެންނެވި ރަށްތަކުން ތަރައްގީތަކެއް ފެނިގެން ނުދާކަމަށާއި ފެނަކަ އޮފީސް އަދި އިންޖީނުގެ ހުޅުވުމުގައި ފައިދާތަކެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ރައްޔިތުން ތިބީ ނިކަމެތިކަންމަތީގައިކަމަށާއި ބިންމަތީގައި ނިދަމުންދާކަމަށާއި އެހެންނަމަވެސް މިއީ 21 ވަނަ ގަރުނުކަމަށް ފާހަގަކުރައްވާ ނާޒިމްވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ގޯތި ނުދޭތާ ދިހަ އަހަރުވެފައިވާ ރަށްތަށްވެސް ތިބިކަމަށާއި އެ ރަށްތަކުގެ ރައްޔިތުން ބޭނުންވަނީ ގޯތިތައް ލިބުމަށްކަމަށާއި އާބާދީ ބޮޑެގޮސްފައިވާއިރު ރައްޔިތުން ބޭނުންވަނީ ތަނަވަސްކަމާއިއެކު ދިރިއުޅުމަށްކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދަރަވަންދޫ އެއަރޕޯޓަށް ޖެއްސުމުން ފެނިގެންދިޔައީ ހިތާމަވެރި މަންޒަރެއްކަމަށާއި ވަށައިގެން 17 ރިސޯޓު އޮތް އިރު ލަގެޖު އެއްތަނުން އަނެއްތަނަށް ގެންދަނީ ގާޑިޔާއެއް ބޭނުންކޮށްގެންކަމަށެވެ. ނާޒިމްވަނީ އެ މަސައްކަތްތައް ކުރެވެމުންދަނީ ޒަމާނާއި ހާލަތާއި އެކަށީގެންވާ ފެންވަރެއްގައިތޯ ސުވާލު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ފަސްތަރީގެ ރިސޯޓުތަކުގައި ތިބުމަށްފަހު އަނބުރާ ދާ ފަތުރުވެރިޔާގެ ދަބަސްތައް ގާޑިޔަލެއްގައި އުފުލުން ފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އޮތް ހާލަތާއިމެދު ވާހަކަތަކެއް ދެއްކެން ނެތްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމްއެންޕީއިން ވެރިކަމަށް ވާސިލުވުމަށް މަސައްްކަތްކުރަމުންދަނީ ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތު ލީޑިންގް ޑެސްޓިނޭޝަންއަށް ހެއްދެވުމަށްކަމަށެވެ. އެހެންކަމުން ދަރަވަންދޫ އެއަރޕޯޓަކީ ބައިނަލްއަގުވާމީ ވައިގެ ބަނދަރަކަށް ހައްދަވައިދެއްވާނެކަމަށެެވެ.

ނާޒިމް ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުވެސް އޮތީ ދާދި އެއް ފަދަ ހާލަތެއްގައިކަމަށެވެ. އޭނާ ވިދާޅުވީ، މަސްވެރިން އެދެމުންދާ ކަންކަން އެބަހުރިކަމަށެވެ. އޭނާ ވިދާޅުވީ، އޭގެ ތެރެއިން އެއްކަމަކީ ލޭނު މަސްވެރިކަމާއި މަސްވެރިކަން ތައާރަފްކުރުންކަމަށެވެ. ނާޒިމް ވިދާޅުވީ، އެކަން ވާނީ އެމްއެންޕީގެ މެނިފެސްޓޯގައި ހިމަނާފައިކަމަށެވެ. އޭނާ ވިދާޅުވީ، އެ ޕާޓީގެ ވެރިކަމެއްގައި އެކަން ކުރައްވާނެކަމަށެވެ. ނާޒިމް ވިދާޅުވީ، ރައްޔިތުންނަށް ހައްގުމިންވަރަކީ ހަމައެކަނި ދޮށި ހިފައިން މަސްބާނަ ބާނާ ތިބުމެއް ނޫންކަމަށެވެ. ނާޒިމް ވިދާޅުވީ، ރައްޔިތުންނަށް އާމްދަނީ ލިބިގެންދާނެ ގޮތްތައް ފަހިކޮށްދޭން ޖެހޭކަމަށެވެ.

އެހެންކަމުން އެމްއެންޕީގެ ވެރިކަމެއްގައި އެ މަސައްކަތްތައް ކުރެވޭނެ ސަރަހައްދެއް ކަނޑައަޅައި އަހަރެއްގެ ހަތަރު މަސްދުވަހު މިޔަރުގެ މަސްވެރިކަން ކުރެވޭނެ އުސޫލެއްވެސް ތައާރަފްކުރައްވާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ މަސައްކަތްތަކަށް ފަހިވުމުގެ ސަބަބުން އެކަން ކުރައްވާ ފަރާތްތަކަށް ނަފާއެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އޭނާއަށް މަންޒަރު ފެނިވަޑައިގަންނަކަމަށެވެ. އޭނާ ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވީ ހުވަފެނެއް ފެނިވަޑައިގެންކަމަށްވުމުން އެ ހުވަފެން ދައްކަވާނެކަމަށެވެ. އަދި ރައްޔިތުން އެ ހުވަފެނާއި ހިސާބަށް ވާސިލުކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، އޭނާ ވަޑައިގެން ހުންނެވީ ރައްޔިތުންގެ ގާތަށް ވަޑައިގަތުމަށްފަހުކަމަށެވެ. އެގޮތުން ރައްޔިތުންގެ ގޭގެއަށް ވަދެ ރައްޔިތުން ތިބި ގޮތް ދަސްކޮށް ދެނެގަނެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެމްއެންޕީގެ އިތުރު ހަރަކާތްތައްވެސް ކުރިއަަށް އޮތްކަމަށެވެ. އެގޮތުން މާދަމާގެ ވަގުތެއްގައި މ އަތޮޅަށާއި ފ އަތޮޅު އަދި ދ އަތޮޅަށާއި ތ އަތޮޅުގެ އިތުރު ލ އަތޮޅަށްވެސް ވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިތުރު ސަރަހައްދުތަކަށްވެސް ވަޑައިގަތުމަށް ކަނޑައެޅިފައިވާކަމަށާއި އޭނާ އަށްވުރެ ގިނަ ރަށްތަކަށް ވަޑައިގެންނެވޭ ފަރާތެއް ހުރިތޯވެސް ބައްލަވާނެކަމަށް ނާޒިމްވަނީ މި ފުރުސަތުގައި ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: