ރައީސްޔާމީންގެ ޕީޕިއެމްގެ ކެންޑިޑެންސީ ކުޑަކުޑަ ޕީއެންސީއން ޖަހައިގަނެފައިވާ ކަމަށާއި ރައީސް ޔާމީންއަށް މިނިވަންކަން ހޯދައިދެވޭނީ ޖުމްހޫރީ ޕާޓީއަށްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގމޭޓް އަދި އެ ޕާޓީގެ ނައިބު ލީޑަރު ޑރ އަމީން އިބްރާހިމް ވިދާޅިވެއްޖެއެވެ.
އަމީން މިފަދައިން ވިދާޅުވީ ޖުމްހޫރީ ޕާޓީއިން ރޭ މާމިގިލީގައި ބޭއްވި އެޕާޓީގެ ކެމްޕޭން ބޮޑު ޖަލްސާގައެވެ.
އަމީން ވިދާޅުވީ ޕީޕީއެމްއަށް ރައީސް ޔާމީން މިނިވަންކުރުމަށް އެހީތެރިކަން ދޭނީ ޖުމްހޫރީ ޕާޓީއިން ކަމަށާއި، ޖުމްހޫރީ ޕާޓީއާއި ޕީޕީއެމް ގުޅުމަށް ދައުވަތު ދޭ ކަމުގައި ވިދާޅުވިއެވެ. ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް މިސާލު ޖައްސަވަމުން އަމީން ވިދާޅުވީ ޕީޕީއެމް ފަދަ ބޮޑު ޕާޓީއެއްގެ ކެންޑިޑެންސީ ކުޑަކުޑަ ޕީއެންސީއިން ޖަހައިގެންފިކަަމަށެވެ.
ޕީޕީއެމްގެ މެމްބަރުން ރައީސް ޔާމީންގެ ދިފާއުގައި ތިއްބެވި އެންމެހާ ބޭފުޅުން ތިއްބެވީ މަގުމަތިވެފައިކަމަށާއި އެ ހުރިހާ ފަރާތްތައް ވެސް ޖޭޕީއަށް އައުމަށް ދައުވަތު އަރުވާ ކަމަށް ތަކުރާރުކޮށް އަމީން ވިދާޅުވި އެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ދޮރު ބަންދުވިއިރު އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ ރޭހަށް މިހާރު ނެރެފައިވަނީ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ވުމުން ޔާމީން ބޭނުންވެވަޑައިގަތީ އިންތިޚާބު ބޮއިކޮޓްކުރުމަށެވެ. ޕީޕީއެމް-ޕީއެންސީގެ ސެނެޓުން އެކަން ގަބޫލުނުކުރުމުން ވެސް ރައީސް ޔާމީން އެންމެ ފުރަތަމަ އެކަން ގަބޫލެއް ނުކުރެއްވިއެވެ. ނަމަވެސް ފަހުން ރައީސް ޔާމީން ވަނީ ޑރ. މުއިއްޒަށް ތާއީދުކުރަން ނިންމަވައިފައެވެ.

