ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރެންގެ ޙިޔާލު ރިޕޯޓް: ބޮނދު ބުޑަށް ސައި ނުކިޔައިފިއްޔާ ވެދާނެ!

ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަކުޅި ކުރިއަށް ކުޅުނު މީހާ ސައިވެ، ދެން ފެށި ކުޅިގަނޑުގައި ބޮނދު ބުޑަށް ސައި ނުކިޔައިފިއްޔާ ވެދާނެއެވެ.

ރާޒުވާ ކުޅިގަނޑުގައި އެންމެ ދެރަކޮށް ކުޅިގަނޑު ގެއްލެނީ ބޮނދު ބުޑަށް ސައިކިޔައިގެންނެވެ. ކަން މިހެން އޮތް އިރު ރާއްޖޭގެ ސިޔާސީ މަސްރަޙުގައިވެސް މިފަދަ މަންޒަރެއް ފެނުން ގާތެވެ.

ސިޔާސީ ހަޔާތްޕުޅު ފެއްޓެވީންސުރެ ޕާޓީއެއް ގޮވައިގެން އުޅެމުން ޕާޓީ ދެބައިވީ ބަރުލަމާނީ ނިޒާމާއި ޖެހިގެންނެވެ. ބަރުލަމާނީ ނިޒާމަށް އިސްކަން ދިނުމުގެ ނަތީޖާއަކަށްވީ، ޕާޓީ ގެއްލި އެކުވެރިޔާވެސް ގެއްލުނީއެވެ. މިތުރުން ހަތުރުންނަށް ހަތުރުން މިތުރުންނަށް ވާ ވާހަކައަކީވެސް އާންމުކޮށް އިވޭ އަޑެކެވެ. ސިޔާސީ މަސްރަހުން މި މަންޒަރު ވަރަށް ގިނައިން ފެނެއެވެ.

ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ދައްކަވާ އެއްވާހަކައަކީ ރާއްޖޭގައި އޮތުމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމްގެ ވާހަކައެވެ. ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅަށް ބަލާއިރު އެމަނިކުފާނަށް ކާމިޔާބީތަކެއް ހާސިލްވެފައިވެއެވެ. އަދި ހުދު ރައީސް ނަޝީދުވެސް ގަބޫލް ކުރައްވަނީ އެމަނިކުފާނަކީ ރިސްކު ނަންގަވާ ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ ރާއްޖޭގައި މިހާރުވެސް އެންމެ ބޮޑު ޓެރެރިސްޓް ހަމަލާއެއްގެ ރިސްކު އޮތީ އެމަނިކުފާނަަށް ކަމުގައި ވިދާޅުވިއެވެ.

1999 ގައި ބޭއްވި މަޖިލިހުގެ އިންތިޚާބުގައި މާލޭގެ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑި ކާމިޔާބު ކުރެއްވިއެވެ. ނަމަވެސް މަޖިލީހުގެ ގޮނޑި ގެއްލުނީ އޭރު އޮތް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް މަޖިލީހުގައި ފާޑުވިދާޅުވުމާއި ޑިމޮކްރަސީއަށް ވަކާލާތުކުރައްވާތީ، ވައްކަމުގެ އަމަލެއް ސާބިތުކޮށް 2001 ވަނަ އަހަރުގައެވެ.

ނަޝީދުގެ މައްޗަށް ވައްކަން ސާބިތުކުރީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ގެކޮޅު ކަމަށްވާ ވެލާނާގެ ތަޅާލި އިރު އެތަނުން އުކާލަން ބަހައްޓާފައި ހުރި ކުނި އެއްޗަކުން ކަރުދާސްތަކެއް ނެންގެވުމުންނެވެ. އޭރު ވެސް އެތައް ބަޔަކު ގަބޫލުކުރި ގޮތުގައި ނަޝީދު ނޫން އެހެން މީހަކު އެތަނުން އެއްޗެއް އެދުވަހު ގެންދިޔަ ނަމަވެސް ވައްކަމުގެ ދައުވާއެއް ނުކުރީހެވެ. އެމަނިކުފާނާ ދެކޮޅަށް ވައްކަން ސާބިތުކުރީ، މަޖިލިހުގައި ސަރުކާރު ޖަވާބުދާރީކުރުވަން ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށް އެތައް ބަޔަކު އޭރުވެސް ގަބޫލުކުރި އެވެ.

އެއަށްފަހު އަނެއްކާވެސް މަސައްކަތަކުރެއްވީ ރާއްޖެއަށް މަލްޓި ޕާޓީ ސިސްޓަމެއް ގެނައުމަށެވެ. އެގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑިޕީ އުފައްދަވައި ރައީސް މައުމޫންގެ ވެރިކަން ބަދަލްކުރެއްވުމަށް އެތައް މަސައްކަތެއް ވަނީ ކުރައްވާފައެވެ.

2007 ވަނަ އަހަރު ފެހި ޤާނޫން އަސާސީ އެކުލަވާލެވި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލް ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުނެވެ. އަދި އެ ވޯޓުގައި ރައްޔިތުން ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްކަމަށް ފެންނަކަމަށް ވޯޓުދީފައެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ވެރިކަމުގައި އޮންނަންވާނީ ޕާލިމަންޓްރީ ނިޒާމެއްކަމަށް ނުވަތަ ބަރުލަމާނީ ނިޒާމެއް ކަމަށް ދެކިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި މިއީ އެމަނިކުފާނު އަބަދުވެސް ދައްކަވާ އެމަނިކުފާނަށް މިއީ އާދައިގެ ވާހަކައެއްވެސް މެއެވެ.

ބަރުލަމާނީ ނިޒާމަށް އެމްޑީޕީއިން ކުރަމުން އައި ދަތުރުގައި ރައީސް ނަޝީދަށް ވެރިކަން ލިބުން ނަމަވެސް، އެމަނިފާނުގެ ވެރިކަން ކުރިއަށް ނުގޮސް ވެރިކަން ނިމުނެވެ. ނަޝީދަށް ވެރިކަން ގެއްލިގެންދިޔައީ އެމްއެންޑީއެފް މެދުވެރިކޮށް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމާއި ގުޅިގެންކަމަށް ގިނަ ބަޔަކު ޤަބޫލްކުރެއެވެ. ހުދު ރައީސް ނަޝީދު ވެސް ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރިކަމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި އެއީ ހެއްދެވުނު ގޯހެއް ކަމަށް ވެސް ރައީސް ނަޝީދު ގަބޫލުފުޅު ކުރައްވައެވެ.

ނަޝީދުގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ އުފުލީ ކުށް ނުކުރާ މީހަކު، ގާނޫނާ ހިލާފަށް، ގަސްދުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގައެވެ. ހުޅުމާލެ ކޯޓަށް މައްސަލަ ވެއްދިތާ ތިން އަހަރު ވީއިރު ވެސް، ގާނޫނީ އެކި މައްސަލަތަކާ ހެދި އެ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. ދެން ފެނިގެންދިއައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުއްލިއަކަށް 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގައި ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ނެގި ތަނެވެ. އަދި އޭގެ ތިން ދުވަސް ފަހުން ފެބްރުއަރީ 22 ގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދައުވާ އުފުލަން ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. އަދި އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު އިއްވިއެވެ.

ނަޝީދުގެ މައްޗަށް ޖަލު ހުކުމް އިއްވިތާ މާ ގިނަ ދުވަހެއް ނުވެ، ބޭހަށް ރާއްޖެ އިން ބޭރަށް ފޮނުވުމުން، އެނބުރި ވަޑައިނުގެން އުޅުއްވީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެންނެވެ. އެއަށްފަހު އަވަށްޓެރި ސްރީލަންކާއަށް ވަޑައިގެންނެވިއެވެ. ސްރީ ލަންކާގައި ހުންނަވައިގެން އެމަނިކުފާނުގެ އަރިހަށް އެމްޑީޕީގެ އިސް ވެރިން ވަޑައިގެން ވަނީ ބައްދަލުވުންތަކެއް ބާއްވާފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގެ އޮއިވަރު ބަދަލްވެ، އޭރު ވެރިކަންކުރާ ޕީޕީއެމްގެ ތެރޭގައި ހިނގާ ބައިބައިވުންތަކާއި އެމަނިކުފާނުގެ އެމްޑީޕީ އާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނާ ދެމެދު ބަދަހި ގުޅުމެއް އުފެދިގެން ދިއައެވެ. މި އުފެދުނު ގުޅުމާ މެދު އެންމެ ބޮޑަށް އުފާކުރެއްވި އެއް ބޭފުޅަކީ ވެސް ރައީސް ނަޝީދެވެ. ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް އެމްޑީޕީގެ ގިނަ ހަރަކާތްތަކެއް އޭރު ވަނީ ހިންގާފައެވެ. އެ މަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތީ، ރިޔާސީ އިންތިޙާބުން ކުރީގެ ރައީސް ޔާމީން ނާކާމިޔާބު ވުމުންނެވެ. އެންމެ ފަހުވަގުތާއި ހަމައަށްވެސް އެމްޑީޕީއިން ވަނީ ރައީސް ނަޝީދު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ޖަލު ހުކުމުގެ ސަބަބުން ރައީސް ނަޝީދަށް ވަނީ ވެރިކަމަށް ކުރިމަތިނުލެވިފައެވެ.

ރައީސް ނަޝީދު އޭރު ވިދާޅުވީ އެމްޑީޕީއިން ނެރުނު ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނުގެ ހިޏަންޏެއް ނޫންކަމަށާއި އިބްރާހިމް މުހައްމަދު ޞާލިހު (އިބޫ) އަކީ މުގުލެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ މަސައްކަތްތަކުގައި އިބޫއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ. އެ މަސައްކަތްތަކުގައި އިބޫއަކީ ”މުގުލެއް“ ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞަލިޙްއަށް ރިޔާސީ އިންތިޚާބު ކާމިޔާބުވުމާއި އެކު އެމަނިކުފާނު ރާއްޖެއައިސް ދެއްވި ފުރަތަމަ އިންޓަވިއުގައެވެ.

އިބޫގެ ވެރިކަމުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަން ތާއީދު ނުކުރައްވާ ކަމަށް ވެސް އޭރު ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރިޔާސީ ނިޒާމެއްގެ އެންމެ މުހިންމު އެއް ސިފަޔަކީ ފިކްސްޑް ޓާމެއް އޮތުންކަމަށާއި ބަދަލެއް ގެންނާކަށް އެއްވެސް އިރެއްގައި ވާހަކަ ދެކެވިފައެއް ނެތްކަމާއި ރިޔާސީ ނިޒާމެއްގައި ފިކްސްޑް ޓާމެއްގައި މެދުން އިލެކްޝަނެއް ނުގެނެވޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ގެނެސް އެމަނިކުފާނުގެ ވެރިމަމުގެ އެއްވެސް މަޤާމެއް އަދާ ނުކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދެން ފެނުނީ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ދެ ގޮނޑިއެއް އިތުރުކުރި ތަނެވެ. މައްޗަންގޮޅީ މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި އިތުރުކޮށްފައިވަނީ އަހްމަދު ޝަރީފް އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގައި ހުންނަވައިގެންނެވެ.

އޭގެ އެއްމަސް ދުވަސް ފަހުން ފެނިގެންދިއައީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޯޅި މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ނަޝީދު އިޢުލާންކުރެއްވިތަނެވެ. މިއީ އެމަނިކުފާނު މަޖިލީހަށް ވެއްދުމަށްޓަކައި އެމްޑީޕީއިން ކުރި ޕްލޭންއެއްކަމަށް އިދިކޮޅު ގިނަ ފަރާތްތަކަކުން ވަނީ ބުނެފައެވެ.

ނަމަވެސް މައްޗަނގޯޅި މެދު ދާއިރާގެ ގޮނޑި ރައީސް ނަޝީދުވަނީ ކާމިޔާބު ކުރައްވާފައެވެ. މިކަން ވެގެންދިޔައީ އެމަނިކުފާނުގެ ބަރުލަމާނީ ނިޒާމަށް ކުރަމުން އައި ދަތުރުގެ ބޮޑު ހިއްސާއަކަށެވެ. އެހެންނަމަވެސް ކަންތައް ވެގެންދިއައީ މުޅިން އެހެން ގޮތަކަށް ކަމަށްވެދާނެއެވެ. މިއީ ރައީސް ނަޝީދު އަންދާޒާކުރައްވާފައިވާ ގޮތަށްވެސް ވުން އެކަށީގެންވާކަމަކެވެ. ހަ ކުޅި ކުރިއަށް ކުޅެން ނިކުންނާނީ އެކަމުގެ އެންމެ ފުނަށް ވިސްނަވައިގެންނެވެ.

ދެން އެމްޑީޕީގެ ތެރެއިން ފެނިގެންދިއައީ މަޖިލީހުގެ ރައީސް ހޮވުމުގައި ދެ ރައީސުންގެ ޗޮއިސް ތަފާތުވި މަންޒަރެވެ. މި ހިޔާލު ތަފާތުވުން، ޕާޓީ ތެރެއަށް ފޭދި، ފަސްޖެހުމެއް ނެތި، ޕާލަމެންޓްރީ ގްރޫޕް ނިކަން ރަނގަޅަށް ދެ ބަޔަށް ބެހިގެންދިޔައެވެ. އެންމެ ތަންފުކެއް ވެސް ދޫދިނުމެއް ނެތެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ކޯޅި، ބަހުގެ ހަމަލާތައް ބަދަލުކުރުމަށް ފަހު، ވޯޓުގައި މޮޅުވާނެހާ ގޮތަކަށް ހިސާބު ވެސް ޖަހައިފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހާ އެކު ތިއްބެވި މެމްބަރުންނަށް އޮތް ޔަގީން ކަމަކީ، ޕީޖީގެ ގިނަ މެމްބަރުން ރައީސްގެ ވިސްނުންފުޅާ ދެކޮޅު ނުހައްދަވާނެ ކަމެވެ. ރައީސަށް ކުރައްވާ އިހުތިރާމް އެގޮތުގައި ދަމަހައްޓާނެ ކަމެވެ.

އެމްޑީޕީގައި އޮތް ނަޝީދުގެ މަގުބޫލުކަން އެ ވޯޓުން ފެންނާނެ ކަމަށް ސަޕޯޓަރުން ޔަގީންކުރިއެވެ. މި ވޯޓްވެގެންދިއައީ އެމްޑީޕީ އަށް ބޮޑު އިމްތިހާނަކަށެވެ. މީގެ ކުރިން ނެގި ވޯޓުތަކުގައި ވެސް އެއް ބަޔަކު އަނެއް ބަޔަކަށް ހިޔާލުތަފާތުވުން އުފެދިފައިވެ އެވެ. އެކަމަކު މި ދަރަޖައަކަށް ނޫނެވެ. މި ވޯޓާ ގުޅިގެން މިހާ ހިޔާލުތަފާތުވުން ބޮޑުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސްނަޝީދު ދެ ނަމެއް އިޚްތިޔާރު ކުރެއްވުމުންނެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުގެ ވާދަވެރިކަން އޭރު އޮތީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ތެރޭގައި އެކަންޏެވެ. އާ ރައްޔިތުންގެ މަޖިލިހުން 65 މެމްބަރުންނާ އެކު ”ބޮޑު ސިންގާ“ މެޖޯރިޓީއެއް އެ ޕާޓީ ނެގުމުން މަޖިލިހުގެ ރައީސްކަމަށް އެމްޑީޕީގެ ބޭފުޅަކަށް ނޫން އެހެން ބޭފުޅަކަށް ފުރުސަތެއް ނެތެވެ. އެއީ އެކަން ވާނެ ގޮތް ވެސްމެއެވެ.

މަޖިލިހުގެ ރައީސްކަމުގެ ރޭހުގައި އެމްޑީޕީން ވާދަކުރެއްވީ ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމެވެ.

އެމްޑީޕީގެ އެންމެ ނުފޫޒު ގަދަ، އެންމެ ބޮޑު ތާއީދެއް އޮތް ނަޝީދު ހުންނެވީ މަޖިލިހުގެ އެންމެ ކުރީ ސަފުގަ އެވެ. އެމަނިކުފާނު ބޭނުންފުޅު ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަމެވެ. މަޖިލިހުގައި ބަސް ނުއިއްވޭ މަގާމެއްގައި ހުންނަވަން ބޭނުންފުޅު ނުވާތީ މަޖިލިހުގެ ރައީސްކަން ނަޝީދު ބޭނުންފުޅު ނުވާ ކަމަށް ކުރިން އޮތީ ވިދާޅުވެފަ އެވެ. އެކަމަކު މަޖިލިހުގެ ރައީސްކަމުގެ ވާދަވެރިކަމުގެ ތެރެއިން ޕާޓީގެ މަސްލަހަތަށްޓަކައި ފަހު ވަގުތު ނިންމަވާނެ ގޮތެއް އަދި ނޭނގެ އެވެ. މަސްލަހަތަށްޓަކައި މަޖިލިހުގެ ރައީސްކަމަށް ނަޝީދު ގެންނަން ބޭނުންވާ ބަޔަކު މިހާރު އެބަ ތިއްބެވެ.

އެކަމަކު ކަން ހިނގީ ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. އަފީފާއި އަސްލަމް، ނަން އަނބުރާ ގެންދެވީ އެވެ. އެއާ އެކު، މަޖިލީހުގެ ރައީސަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅަށް ވޯޓަށް އަހައި އެމްޑީޕީގެ 64 މެމްބަރުން އިއްތިފާގުން ފާސްވީ އެވެ. ނައިބު ރައީސަކަށް ހުށަހަޅަން ފާސްކުރީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ނަމެވެ.

އެމްޑީޕީގެ ބައްދަލުވުން ފެށުމުގެ ކުރިން ރިޔާސަތު މޭޒުގައި ނަޝީދު އިންނަވަނިކޮށް އަސްލަމާއި އަފީފް، އެމަނިކުފާނު އަރިހަށް ވަޑައިގަތެވެ. އެއާ އެކު، ގޮނޑިން ތެދުވެވަޑައިގެން ދެ ބޭފުޅުންނާ އެކު އެއްފަރާތަށް ޖެހިވަޑައިގެން ކޮންމެވެސް މަޝްވަރާތަކެއް ހިނގި އެވެ.

އެންމެ ފަހުން ދެން ފެނުނީ، ބައެއް މީހުން ސިފަކުރި ގޮތުގައި، ޕާލަމެންޓްރީ ގްރޫޕުގެ ޗަރުކޭހެވެ. މާ ކުރިން ސްކްރިޕްޓް ލިޔެ ކުޅުނު ޑްރާމާއެކެވެ. އަސްލަމް ހޮވަން ބޭނުންވާ އަދަދަށް ވޯޓު ހަމަނުވުމުން ނަޝީދަށް މަޖުބޫރުވި ނިންމުމެކެވެ. ޕާޓީގެ ބޭރުންނާއި އެތެރެ އިން ވެސް އެގޮތަށް ގަބޫލުކުރެ އެވެ. ނަޝީދު ކުއްލިއަކަށް އެ ނިންމެވުން ނިންމެވީ މަސްލަހަތަށްޓައި ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރީ، ފުރަތަމަ ފަހަރަށް އެއް ޕާޓީއަކަށް އެކަނި ގާނޫނުއަސާސީ ބަދަލު ކުރެވޭހާ ބާރާ އެކު އެވެ. ސަރުކާރު ލިބުނަސް މަޖިލީހުގައި ބާރު ނެތިއްޔާ ކުރިމަތިވާނެ ފިއްތުންތައް ވަރަށް ހިތިކޮށް ތަޖުރިބާ، ކުރިން ވެސް ކޮށްފައިވާ އެމްޑީޕީން މަޖިލިސް 19 ގައި 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދީ ފަޚުރުވެރިކަމާ އެކު އެވެ.

މިއަދު ވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގަ އެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި އެމްޑީޕީގައި ފަހަރަކު ރެނދެއް އަޅައި، އެންމެ ފަހުން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ އެއް ބައި ސީދާ ސަރުކާރާ ދެކޮޅަށް ތެދުވަން ނިންމީ އެވެ.

އެ ކޯޅުގަނޑުގެ ތެރޭގައި މި ހުރިހާ ދުވަހު ކުޑަކުޑަ މައިނޯރިޓީގެ ގޮތުގައި އޮތް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ހަތަރު ފަސް މެމްބަރުން އަޑާއި ބާރު ވެސް ގަދަވެ ދެމިގެންފި އެވެ. ކުރިން 10 ވޯޓު ވެސް ހަމަ ނުވާ އިދިކޮޅު ފަރާތްތަކުން ހުށަހަޅާ މައްސަލަތަކަށް 20 އަށް ވުރެ ގިނަ ވޯޓު ލިބެ އެވެ. ބައެއްފަހަރު ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ އަތުން ދޫވެ ބައެއް ވޯޓު ފާސް ވާ ފަހަރު ވެސް އެބަ ދެ އެވެ.

މި ހިތްހަމަނުޖެހުމުގެ ފެށުމަކީ ބަރުލަމާނީ ނިޒާމެވެ. ދައުރުގެ މެދުތެރެއިން ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ނަޝީދު ބޭނުންފުޅުވެ އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިހުން އެދިވަޑައިގަތެވެ. އެކަމަކު، އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ޖާގަ ނުދެއްވީ އެވެ.

އެކަން ކުރެއްވެން އޮތީ، ގާނޫނުއަސާސީ އިސްލާހުކޮށް، ރައްޔިތުންގެ ވޯޓަކުންނެވެ. އެ މަގަށް، މަސައްކަތްކުރަން އެމްޑީޕީގެ މެމްބަރުން ހިމެނޭ ގޮތަށް ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ވެސް ދެކޮޅު ހެދީ އެވެ.

ރައީސް ނަޝީދު ތަކުރާރުކޮށް ދައްކަވާ ވާގަކަފުޅަކީވެސް ވެރިކަމުގެ ނިޒާމް ބަދަލް ކުރުމުގެ ވާހަކައެވެ. އެމްޑިޕީއާއި ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ މެނިފެސްޓޯގައިވެސް ރިޔާސީ ނިޒާމް ބަދަލްކުރުމުގެ އިސްލާހުގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. އަދި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ބޭފުޅަކު ނިންމަންވާނީވެސް ނިޒާމީ ވޯޓު ނެގުމަށްފަހުގައިކަމަށް އެމަނިކުފާނު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ދެ ރައީސުން ވާދަކޮށް، އެމްޑީޕީން 2023 އަށް ރިޔާސީ ކެންޑިޑޭޓަކު ހޮވި ޕްރައިމަރީއަކީ އެ ޕާޓީގެ ހަޔާތުގައި މިހާތަނަށް އައައި ސިޔާސީ އެންމެ ވަރުގަދަ ހަރަކާތެވެ. ގާތް އެކުވެރިންގެ ގޮތުގައި ތިއްބެވި ދެ ރައީސުން މިހާރު ފެންނަނީ ސިޔާސީ ”ހަތުރުން“ގެ ގޮތުގަ އެވެ. އެއް މޭޒެއްގައި ވާހަކަ ނުދެއްކޭހާ ގުޅުން ގޯހެވެ. އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮވެމެ، މަޖިލީހުގައި ވެސް ކުރިއަށް ގެންދިޔައީ ދެ ފެކްޝަނުގެ އަރައިރުމެވެ.

އެމްޑީޕީން 2018 އިން ފެށިގެން މިހާތަނަށް ބޭއްވި ހުރިހާ ޕްރައިމަރީތަކުގައި ވެސް ނަޝީދު ވާދަކުރައްވަ އެވެ. އެންމެ ފުރަތަމަ ވާދަކުރެއްވީ 2007 ގައި ބޭއްވި ޕްރައިމަރީގައި އޭރު ޕާޓީގެ ރައީސް ޑރ. މުހައްމަދު މުނައްވަރާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކާ އެވެ. އޭގެ ފަހުން 2013 އާއި 2018 ގެ ޕްރައިމަރީގައި ވާދަކުރެއްވީ ނަޝީދު އެކަންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ނަޝީދުގެ ސިދާ ކުރިމަތިލެއްވުމެއް މީގެކުރިން ނުފެނުނަސް ޕާޓީގެ އެތެރޭގެ އިންތިހާބުތަކަކީ ދެ ރައީސުންގެ ވާދަވެރި އިންތިހާބުތަކެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މަގާމްތަކާއި ޕާޓީގެ އިސް މަގާމްތަކުގެ އިތުރުން ދާއިރާ ރައީސުންނާއި ގޮފިތަކަށް ވެސް ދެ ރައީސުންގެ ކެންޑިޑޭޓުން ވާދަކުރި އެވެ.

މި އިންތިޚާބުތަކުގެ ނަތީޖާ ބުރަވެފައި އޮތީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ފަޅިއަށެވެ. މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި ދާއިރާތަކުގެ ރައީސުންގެ އަޣުލަބިއްޔަތު އޮތީ ވެސް އެމަނިކުފާނަށެވެ. އެކަމަކު މި ހުރިހާ އިންތިޚާބުތަކާއި ޕްރައިމަރީ ތަފާތުވާނެ ސަބަބެއް އެމްޑީޕީގެ އިސް ބޭފުޅުން ދައްކަވަ އެވެ.

އެމީހަކު އިޝާރާތް ކުރެއްވީ ނަޝީދުގެ ކެމްޕޭން އުކުޅުތަކަށެވެ. ހޮޅިއަށިތަކާއި ޖަގަހަތަކާއި ގޭގެއިން ނަޝީދު ތާއީދު ހޯއްދަވާ ގޮތެވެ. ފާޅުގައި އެމަނިކުފާނު ނުކުމެވަޑައިގެން ކެމްޕޭން ކުރެއްވި ނަމަ ޗެއާޕާސަން އިންތިޚާބުގެ ނަތީޖާގެ ފަރަގު ކުޑަކުރެވޭނެ ކަމަށް ޤަބޫލްކުރެވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ޗެއާޕާސަންކަމުގެ މަގާމު 8000 އެއްހާ ވޯޓުގެ ތަފާތުން އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް ކާމިޔާބުކޮށްފައިވަނީ 2022 ވަނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުއެވެ. ޗެއާޕާސަންކަމުގެ މަގާމުގައި މިނިސްޓާ ފައްޔާޒާއިއެކު ވާދަ ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ފައްޔާޒް އިންތިގެ މައްޗަށް ކުރި ހޯއްދެވީ 28،000 އަށްވުރެ ގިނަ ވޯޓާއިއެކުގައެވެ. ޗެއާޕާސަން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)އާ ވާދަކުރައްވައި ފައްޔާޒް ކާމިޔާބު ހޯއްދެވީ 58 އިންސައްތަ ވޯޓްގެ ނަތީޖާއިންނެވެ.

ޗެއަރޕާސަން އިންތިޚާބަށްފަހު އެމްޑީޕީގެ ކުރީގެ ޗެއަޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ޕާޓީގެ ދަފްތަރުން މެމްބަރުން އުނިކޮށްފައިވާކަމަށް މައްސަލައިގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ދަފްތަރުން ޕާޓީގައި 90،000 އެއްހާ މެމްބަރުން ތިބިކަމަށް ދެއްކި ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ބުނާގޮތުން އެޕާޓީގައި އޭރު ތިބީ 55،000 އެއްހާ މެމްބަރުންކަމަށް ހަސަން ލަތީފް ވިދާޅުވެފައިވެއެވެ.

އެތެރޭގެ އިންތިޚާބުތަކާއި ދިމާކޮށް، އެމްޑީޕީން އާއްމު ކުރާ ލިސްޓުގައި ހިމެނެނީ އެޕާޓިގެ އަމިިއްލަ ދަފްތަރެވެ. އަދި ސޮއި ކުރާތާ މާ ގިނަ ދުވަސް ނުވާ މީހުންނަށް ވެސް ޕްރައިމެރީތަކުގައި ވޯޓު ލެވޭތީ ނަތީޖާ ވަރަށް ބޮޑަށް ބަދަލުވާކަން މީގެ ކުރިން ވެސް ބަހުސް ކުރެވުނެވެ. ނަމަވެސް ދަފްތަރު ސާފު ކުރުމާއި ގުޅޭގޮތުން ބޮޑެތި ބަހުސްތަކެއް ފެށުނީ އެ ޕާޓީގެ ޗެއާޕާސަން އިންތިޚާބުގެ ވާދަވެރިކަމުގެ ތެރެއިންނެވެ.

ޗެއަރޕާސަން އިންތިޚާބަށްފަހު އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެ، ރައީސް ޞާލިހާއި ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙް ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިކަމަށް ރަށްދުދެއްވާ ރައީސް ޞާލިހް ވަނީ އެމްޑީޕީއިން އެކަނި ނުކުމެ ރިޔާސީ އިންތިޚާބެއް ކާމިޔާބު ނުކުރެވޭނެކަން ފާހަގަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ނިންމާނީ ޕާޓީގެ ކޮންގްރެސްއިންކަމަށް ވިދާޅުވެފައެވެ. އަދި 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ޗޮއިސްއަކީ އެމަނިކުފާނުކަމަށް ވެސް އޭރުވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެންވެސް ހަސަން ލަތީފް ވަނީ ރައީސް ނަޝީދާއި އެއް މޭރުމަކުން ވާހަކަ ދައްކަވާ ރައީސް ޞާލިޙް އާއިއެކު އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ހުއްޓުމެއް ނެތި ކުރިއަށް ދިޔަ އިރު ދެން ރާއްޖެ ސިއްސުވާލީ ބިދޭސީއަކާއި އެކު ގިނަ އަދަދެއްގެ ފިރިހެނުންތަކެއް އެއްޖިންސުން ގުޅުން ހިންގި ޚަބަރުތަކެވެ. މީގެ ތެރޭގައި ރައީސް ނަޝީދުގެ ކޮއްކޮ މުހައްމަދު ނާޒިމް ހިމެނިވަޑައިގަންނަވައެވެ. މިމައްސަލައިގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ގޭބަންދު ކުރެވުނެވެ. އަދި މިކަމާއި ގުޅިގެން ރައީސް ނަޝީދު ވަނީ ނާޒިމް ހައްޔަރު ކުރުމުން އެކަމާއި ނުރުހުންފާޅު ވެސް ކޮށްފައެވެ.

ނާޒިމް ހައްޔަރު ކުރީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަރުކަށި ފިކުރުގެ މީހުން ހިތް ރުއްސުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މިއާއި އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ގުރޫޕަކަށް މެސެޖުތަކެއް ފޮނުވައި ރައީސް ނަޝީދު ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި، ކިނބިދޫ ދާއިރާގެ މެމްބަރު ނާޝިޒަށް ވެސް ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެއަށް ފަހު ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޞާލިހް އަރިހުގައި އެމަނިކުފާނު އައްސަވަން ބޭނުންފުޅު ވަނީ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށްފައި ނާޒިމް އެކަނި ހައްޔަރު ކުރީ ކީއްވެތޯ ކަމަށެވެ.

އެއަށްފަހު ރައީސް ނަޝީދު ދައްކަވަން ފެއްޓެވި ވާހަކައަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަންހެން ކުއްޖަކާ ޒިނޭ ކުރާ ފޮޓޯތަކެއް ލިބިފައިވާކަމަށާއި، ހަތަރު ގަނޑު ފޮޓޯ އެމަނިކުފާނު އަތުގައި އެބަ އޮތްކަމަށް ވިދާޅުވިއެވެ. އެ ފޮޓޯތައް ފުލުހަށް ފޮނުވަން ވީތޯ ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ރައީސް ނަޝީދު ގިނަ މެސެޖުތަކެއް ފޮނުވުމާއެކު މެންބަރުންގެ ސުވާލުތަކާއި ނުރުހުން ނަޝީދަށް އަމާޒުވިއެވެ. އަދި ޤައުމުގެ ވަލީއުލްއަމުރުގެ ބޮލުގައި އެފަދަ ބޮޑު ތުހުމަތުތަކެއް އެޅުވުމާއެކު އެމްޑީޕީގެ އިސްފަރާތްތައް އެކަމުގެ ތެދުދޮގު ހާމަކޮށްދިނުމަށް ނަޝީދުގާތު އެދުނު ނަމަވެސް އެ ތުހުމަތު ތައް ނަޝީދަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ.

ބޮޑު ހާޖާނު ތަކަކަށް ފަހު އިންގިރޭސި ވިލާތުގައި ހުންނަވައިގެން ފޮޓޯތަކެއް ލިބިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ސިފަކުރެއްވި ގޮތުން އެމަނިކުފާނަށް ލިބިވަޑައިގަތީ ރައީސް ސާލިހާއި ކަނބަލެއްގެ ފޮޓޯއެވެ. އެހެން ނަމަވެސް ފޮޓޯތައް ފުލުހުންނާއި ހިއްސާ ކުރުމަށް ގޮވާލާއި އަޑުތައް ގަދަވުމާއި އެކު، ބިޔަ ސެކިއުރިޓީ ގެންގުޅުއްވާ ރައީސް ނަޝީދު އިންގިރޭސި ވިލާތުގައި ހުންނަވަނިކޮށް ދެން ފެތުރުނީ އެމަނިކުފާނުގެ ފޯނު ޖަހައިގަތް ވާހަކައެވެ.

އެހެންކަމުން ފޯނު ޖަހައިގަނެފިއޭ ބުނުމުން މިކަމަކީ އަޖައިބުވާ ވަރުގެ ކަމަކަށްވެސް ނުވިއެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓުވެސް ދެ އިރު ދެ ދަޅައަށް ހާމަ ކުރައްވާނެކަމަށް ވިދާޅުވާ ރައީސް ނަޝީދު ރާއްޖެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ފޯޓޯތަކުގެ ވާހަކަތައް އެހުމުން ވިދާޅުވީ އެމަނިކުފާނު ދެއްކެވީ ފޮޓޯ އަލްބަމެއްގެ ތެރޭގައި ހުރި ފޮޓޯ ގަނޑުތަކެއްގެ ވާހަކަތަކެއް ކަމަށެވެ.

މިކަންތައްތަކަށްފަހު އެމްޑީޕީގައި ދެ ފެކްޝަން އުފެދިގެންދިޔައެވެ. އެއީ ރައީސް ޞާލިހަށް ތާއިދުކުރާ ބޭފުޅުންނާއި ރައީސް ނަޝީދަށް ތާއިދުކުރައްވާ މެމްބަރުންގެ ފެކްޝަނެކެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް ރައީސް ޞާލިހް ފޯމް ހުށަހެޅުއްވިއެވެ. އެގޮތުން ރައީސް ސާލިހު ޕްރައިމަރީގެ ކެނޑިޑެސީ ފޯމު ހުށައަޅާފައިވަނީ ވިހި ހާހަށްވުރެ ގިނަ މެމްބަރުންގެ ތާއީދާއި އެކުއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރި ކެމްޕޭންތަކުގެ ތެރެއިން ދެން ރައީސް ނަޝީދު ތުހުމަތުކުރެއްވީ އެމްޑީޕީގެ 39،000 ވަރަކަށް މެމްބަރުން ޕާޓީއިން ވަކިކުރުމަށްފަހު، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި އެމަނިކުފާނުގެ ޓީމު ވިސްނަވަނީ ޕާޓީގެ އެތެރެ ބަދަލުކޮށްގެން، “އަނެއް ޕާޓީ” ހެއްދެވުމަށް ކަމަށެވެ.

އަދި ރައީސް ނަޝީދަަށް ތާއިދުކުރައްވާ އެމްޑިޕީގެ މެންބަރުން ގުޅިގެން “ފިކުރެއްގެ ދިރުން” އުފައްދަވައި ރިޔާސީ ޕްރައިމަރީ ކެމްޕެއިންތައް ފެށިއެވެ. މި ކެމްޕޭން ހަރަކާތްތަކުގައި ފިކުރެއްގެ ދިރުމުގެ މެމްބަރުންވެސް ބުނަމުން އައި ރައީސް ސާލިހު އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ނުކުންނަވައިފި ހާލަތެއްގައި ޕާޓީއަށް ލިބިގެންދާ ވޯޓުގެ އަދަދު ވިހި އިންސައްތައަށް ވުރެވެސް މަދުވެގެންދާނެކަމަށް ގަބޫލު ކުރެއްވޭކަމަށެވެ. އަދި އެމަނިކުފާނު ނުކުންނެވީ އެފަދަ ސަބަބުތަކެއް ހުރުމުންކަމަށްވެސް ރައީސް ނަޝީދު އޭރު ވިދާޅުވެފައިވެއެވެ. ރައީސް ޞާލިހާއި އެމަނިކުފާނުގެ ޓީމު ވޭތުވެދިޔަ ފަސް އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވަނީ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުންނާއި އެމަނިކުފާނުވެސް އެކަހެރިކޮށްލައި ބާކީކޮށްލުމަށް ކަމަށް ނަޝީދު ތުހުމަތުކުރެއްވިއެވެ. އަދި ރައީސް ސާލިހު ގެންގުޅުއްވި ވިސްނުމަކީ އެމްޑީޕީގެ ލޯގޯ، ކުލަ އަދި ޖޯޝު ބޭނުންކުރައްވައިގެން ޕާޓީގެ އެތެރެ ބަދަލު ކުރުމަށް ކަަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސާލިހު ހުންނެވީ އެ ވިސްނުންފުޅުގެ މަތިން އެމްޑީޕީއަށް ނިސްބަތްވާ 39،000 މެމްބަރުން ޕާޓީއިން ވަކި ކުރައްވައިގެންކަމަށެވެ. އަދި އެކަން ކުރީ އެމްޑީޕީ އެހެން ޕާޓީއަކަށް ބަދަލު ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގައި ބައިވެރިވި މީހުންގެ 61 އިންސައްތަ ވޯޓް ހޯއްދަވައިގެން ރައީސް ޞާލިހް ރައީސް ނަޝީދުގެ މައްޗަށް ކުރި ހޯއްދެވިއެވެ. ކޮންމެއަކަސް ރިޔާސީ ޕްރައިމަރީގެ ނަތީޖާ ލިބުމާއެކު އެނަތީޖާ ގަބޫލުނުކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އިންތިޚާބުގައި ވޯޓް އޮޅުވާލުމާއި ލިސްޓްގައި ނަންނެތް މީހުން ވޯޓް ލާފައިވާ މީހުންގެ ތުހުމަތު ރައީސް ނަޝީދާއި ކެމްޕޭން ޓީމުން ކޮށްފައިވެއެވެ. އިންތިހާބުގައި ޕްރައިމަރީގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ބަލިވެއްޖެ ހާލަތެއްގައި ރައީސް ސާލިހްގެ ފަހަތުގައި މަސައްކަތް ނުކުރައްވައި ގޭގައި އޮންނަވާނެ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދަކީ ގޭގައި އެކަނި އޮންނަވާނެ ބޭފުޅެއް ނޫން ކަމަށް އެމްޑީޕީގެ އާއްމު މެމްބަރުން އޭރުވެސް ބުނަމުންދިޔައެވެ.

ދެން ފެނިގެން ދިޔަ މަންޒަރަކީ ފިކުރެއްގެ ދިރުމުގެ ނަމުގައި އުފެދުނު ފެކްޝަން ފިކުރަކަށްވެ އެމްޑީޕީ ދެބައިވި މަންޒަރެވެ.

ފިކުރެއްގެ ދިރުން އުފަދަވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކުގައިވެސް އެމްޑީޕީ ދޫކުރައްވާ ދުވަހަކުވެސް ވަޑައިނުގަންނަވާނެކަމުގައި ވިދާޅުވަމުންގެންދެވިއެވެ. ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ ދޫކޮށް ދިއުމަށް ދުވަހަކު ވެސް ގަސްތެއް ނުކުރައްވާ ކަމަށެވެ. އަދި ޕާޓީގެ އުސޫލުތަކާއި، އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން ޕާޓީގެ ތެރޭގައި އިންތިޒާމުވެ ތިބުމަށް ފުރުސަތު އެބައޮތްކަމަށް ވިދާޅުވި އެވެ.

އޭރުވެސް ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ ރައީސް ޞާލިހަށް 2023 ކާމިޔާބު ނުކުރެވޭނެކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމުން ކެނޑިޑޭޓަށް ތާއީދު ކުރުމަށް ފަސޭހަވާނެ ކަމަށެވެ. އަދި އެމަނިކުފާނު އެދޭ ގޮތަށް ”ފިކުރެއްގެ ދިރުން“ ހަރަކާތްތައް ހިންގުމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ޖާގަ ދޭ އެއްވެސް މަސައްކަތެއް ނުހުއްޓުވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އޭރުވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެމްޑީޕީ ދޫކޮށް އެހެން ޕާޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތްކަމަށާއި ޕާޓީގެ އެތެރޭގައި އުފައްދާ ”ފިކުރެއްގެ ދިރުން“ ގެ ގޮތްޕާއި ގިނަ އަދަދެއްގެ ބަޔަކު ގުޅޭނެކަމަށް ވިދާޅުވިއެވެ.

މިއާއި އެކު އެމްޑީޕީއިން ވަނީ ޕާޓީގެ އަސާސީ ގަވައިދާއި ހިލާފަށް، އެހެން ޕާޓީތަކާއި އެކު އަދި އެހެން ސިޔާސީ ފިކުރުތަކާއި އެކު ރައީސް މުހައްމަދު ނަޝީދާއި އަރިސް މެމްބަރުން މަސައްކަތް ކުރަމުން ގެންދާތީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައި ވެއެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެފައިވާ ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕާޓީގެ މެމްބަރަކު ސޮއިކޮށްފި ނަމަ ވަގުތުން ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ދުވަސްވަރު ފެންމަތިވެގެންދިޔަ ޗާގޮސްގެ މައްސަލައާއި ގުޅިގެން އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރަމުން އައި މަސައްކަތުގައި އެމްޑީޕީގެ މަޖިލިސް މެމްބަރު އާޒިމް އެމްޑީޕީ ތަމްސީލުކޮށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެފައިވެއެވެ.

އެމްޑީޕީ ޕީޖީން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ފުރަތަމަ ނުކުތާއަކީ އާޒިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކޮށްފައި ވުމެވެ. ދެވަނަ ނުކުތާއެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ، ސިޔާސީ ގޮތުން އިދިކޮޅު ޕާޓީތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ފާޑުކިއުންތައް އަމާޒުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ދެ ފަހަރެއްގެ މަތީން ބައިވެރިވެފައިވުމެވެ. ދެން ފެނިގެންދިޔައީ އާޒިމް އެމްޑީޕީން ވަކިކުރި މަންޒަރެވެ. މިއާއި އެކު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ އިސް ބޭފުޅުންތަކެއް ޕާޓީން ވަކިވުމަށް އެދި ސިޓީ ފޮނުވިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި މާފަންނު މެދު ދާއިރާގެ  މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) އާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ގެ އިތުރުން ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު ހިމެނެއެވެ.

އެމްޑީޕީ ދޫކޮށް ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ދެން ވަނީ އަލަށް ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފއެވެ. ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވައި އެމްޑީޕީގެ މައި ހަރު ޑިމޮކްރެޓްސްއިން ވަނީ އަތުލައިފައިވެއެވެ.

ޖޫން މަހުގެ ތެރޭގައި ޑިމޮކްރެޓްސް އުފެއްދެވުމުގެ މަސައްކަތުގެ ތެރެއިން ރައީސް ނަޝީދު ވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން އިސްތިއުފާ ދެއްވާފައެވެ. ޖުލައި 5 ވަނަ ދުވަހު ޑިމޮކްރެޓްސް ޕާޓީ ވުޖޫދުވެ އެ ޕާޓީ އުފެއްދުމަށް ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އެ ޕާޓީއަކީ އެމްޑީޕީގެ އެއްބައި ކަމަށެވެ. އަދި އެ ޕާޓީ ދޫކޮށް އައި މެމްބަރުންނާއި އެކު ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެޖޯރިޓީ އިންސަތަ އެވެ. ނުވަތަ މިއީ އެ ޕާޓީގެ 80 އިންސައްތަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީ ރޫޅާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް އުފެދި އިލެކްޝަންސް ކޮމިޝަނުގައި އެ ޕާޓީ ރަޖިސްޓްރީކުރެވުމާއި އެކު އެ ޕާޓީއިން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ނެރުމަށް މަސައްކަތްތައް ފަށާފައެވެ. އެގޮތުން ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ފަރާތުން ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓަކަށްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުއެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ އިލްޔާސް އެކަނި ކަމުން ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދިޔައީ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގަ އެވެ. ޖުމްލަ 3،203 މީހުންގެ ވޯޓާއި އެކު އޭގެ ތެރެއިން އިލްޔާސަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް 3،041 މީހުން ވޯޓު ދީފައިވެއެވެ. ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 153 ވޯޓެވެ. އަދި ބާތިލް ނުވަ ވޯޓު ވެސް ހިމެނެއެވެ.

މިއާއި އެކު ޑިމޮކްރެޓްސްއިން ރިޔާސީ ކެމްޕޭން ފަށައި ހުދު ރައީސް ނަޝީދު ވަނީ އިލްޔާސް ލަބީބްއާއި އެކު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދަތުރުކޮށް ކެމްޕޭންތައް ކުރިއަށް ގެންގޮސްފައެވެ. މި ކެމްޕޭންތަކުގައި ޑިމޮކްރެޓްސް އާއި ގުޅުމަށް އިދިކޮޅު ޕީޕީއެމް ޕީއެމްސީ ކޯލިޝަނަށްވެސް އެމަނިކުފާނު ދައުވަތު ދެއްވާފައިވެއެވެ. އަދި ބައެއް ރަށްރަށަށް ވަޑައިގެން އިދިކޮޅުގެ ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދު ޤައްޔޫމް މިނިވަންކުރުމަށް އެމަނިކުފާނު އަމިއްލަފުޅަށްވެސް ނުކުންނަވާނެކަމުގައި ވިދާޅުވަމުން ގެންދެވިއެވެ.

ރިޔާސީ އިންތިޚާބުގައި މިއަހަރު 8 ކެންޑިޑޭޓުން ވާދަކޮށް އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިހްއާއި ޑރ.މުހައްމަދު މުއިޒް ދެވަނަ ބުރަކަށް ގޮސްފައިވާއިރު، ތިން ވަނައަށް ގޮސްފައިވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްއެވެ. އިލްޔާސް އަށް 7 އިންސައްތައާއި އެކު 15،000 އާއި ގާތްކުރާ އަދަދަކަށް އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓް ލިބިވަޑައިގެންފައިވެއެވެ.

މިއާއި އެކު ދެން ސުވާލުތައް އުފެދިގެންދިޔައީ ޑިމޮކްރެޓްސް އިން އިންތިޚާބުގެ ދެވަނަ ބުރުގައި އަރާނީ ކޮން ފަޅިއަކަށްތޯ ކަމަށް އުފެދޭ ސުވާލެވެ. ޑިމޮކްރެޓްސްއިން އަދި ހުދު ރައީސް ނަޝީދުވެސް ދަނީ ނުސީދާކޮށް ރައީސް ޞާލިހުގެ ފަހަތަށް އަރައި އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ނުކުރާނެކަމަށް ބުނަމުންނެވެ. އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ބަހުގެ ހަމަލާތައް މަޖިލީހުގެ ތަޅުމުގައި ކުރިއަށްދާއިރުވެސް އަދި މިހާތަނަށް ޑިމޮކްރެޓްސްއިން އަރާނީ ކޮން ފަޅިއަކަށްކަމެއް އެ ޕާޓީއިން އެއްވެސް އިޝާރާތެއް ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އެމްޑީޕީގެ އިސް ބޭފުޅުން ރައީސް ނަޝީދުގެ އަރިހަށް ވަޑައިގެން އެޕާޓީގެ ފަހަތަށް ރައީސް ޞާލިހްގެ ފަހަތަށް އެރުމަށް ސިއްރު ބައްދަލުވުންތަކެއް ކުރިއަށްދާކަމަށް ޚަބަރުތައް ލިބެއެވެ.

އެހެން ނަމަވެސް ހަކުޅި ކުރިއަށް ކުޅޭ ބޭފުޅާ ނިންމަވާނީ ކިހިނެއްކަމެއް އަދި ނޭންގެއެވެ. ގިނަ ބަޔަކު ބުނާ ގޮތުން ނަމަ، އެމަނިކުފާނަކީ އާންމު އުސޫލުން ނަމަ އެމަނިކުފާނު ބުނާ ބަހާއި އިދިކޮޅަށް ކަންކުރައްވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާ ބޭފުޅެކެވެ. ހަކުޅި ކުރިއަށް ކުޅުން ނަމަވެސް ރިޔާސީ ޕްރައިމަރީގައިވެސް ނާކާމިޔާބީ ލިބުމާއި އެކު އެމަނިކުފާނު ސައިވެ ދެން ބޮނދު ބުދަށް ސައި ނުކިޔައިފިއްޔާ ވެދާނެއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 86%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: