އެމްޑީޕީގެ މެނިފެސްޓޯގެ “އާ ޒުވާން ޖީލު” އިފްތިތާހުކޮށްފިއެވެ.
މެނިފެސްޓޯގައި މި ބައި އިފްތިތާހުކޮށްފައިވަނީ ނ ވެލިދޫގައި ބޭއްވި ބޮޑު ޖަލްސާއަކުންނެވެ.
“އާ ޒުވާން ޖީލު” ބިނާކުރުމަށްޓަކައި އެމްޑީޕީއިން އެކުލަވާލާފައިވާ ސިޔާސަތުތައް ބެހާލާފައިވަނީ 8 ބަޔަކަށެވެ.
އޭގެ ތެރޭގައި:
- އެމްޕަވަރޑް ޒުވާނުން
- ޒުވާނުންގެ ބޯހިޔާވަހިކަން
- ޒުވާނުނަށް ހެލްތް އެންޑް ވެލްބީންގް
- ޒުވާނުންނާއި ޓެކްނޮލޮޖީ
- ސްކިލްޑް ޒުވާނުން
- ޒުވާން އެންޓަރޕްރިނިއަރ
- ޒުވާނުންގެ ބޭޏުންތެރި ހުސް ވަގުތު
- އެއްވެސް ޒުވާނަކު ބާކީ ނުކުރުނަ
މެނިފެސްޓޯގެ މި ބައިގައި އާ ޒުވާން ޖީލެއް ބިނާކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތުގެ ގޮތުގައި ފާހަގަކޮށްފައިވަނީ މިއަދުގެ ލީޑަރުންނަކީ އަދި މާދަމާގެ މުސްތަގުބަލު ފަރުމާކުރާނެ ފަރާތްތަކަކީ ޒުވާނުންކަމަށެވެ.
ކޮންމެ ޒުވާނަކީވެސް އިސްލާމީ ރިވެތި އަހުލާގާއެކު މަތީ ތައުލީމާއި ތަމްރީނާއި ހުނަރު އިތުރުކުރުމުގެ ފުރުސަތު ލިބިފައިވާ ފަރާތަކަށްވާނެކަމަށް މެނިފެސްޓޯގައި ބުނެފައިވެއެވެ. އެމްޑީޕީއަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ، ޒުވާނުންގެ އިލްމާއި ހުނަރާއި ފަންނުވެރިކަމުން އާމްދަނީ ހޯދޭނެ މަގުފަހިވެ، އުފެއްދުންތެރި ފުދުންތެރި ދިރިއުޅުމެއް ބިނާކުރުމަށް ޒުވާނުންނަށް ބާރުއެޅޭނެކަމަށް ވައުދުވެފައިވެއެވެ.
މި ސިޔާސަތުތަކާއި އިޝާރާތްކޮށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ޒަމާނާއިއެކު ޒުވާނުންނަށް ހުރި ގޮންޖެހުންތައް ތަފާތުވި ނަމަވެސް، ޒުވާނުން ބޭނުންވާ ކަންކަން ތަފާތުނުވާކަމަށެވެ. ޒުވާނުންނަށް ފުރުސަތުތައް ފަހިވާން ޖެހޭކަމަށާއި، ޒުވާނުންގެ މުސްތަގުބަލު މިހާރަށްވުރެ އުޖާލާވާންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަމައެކަނި ތައުލީމުން ޒުވާނުންގެ ހުރިހާ މައްސަަލަތަކެއް ހައްލުނުވާނެކަމަށެވެ. ޑްރަގްގެ ވަބާ ޒުވާނުންގެ މެދުގައި މޫ ލައިފައިވަނީ އިންތިހާ ދަރަޖައަކަށްކަމަށް ވިދާޅުވެ، ރައީސް ވަނީ ދެން އަންނަ ވެރިކަމެއްގައި އެ ފަދަ ކުށަކަށް ހުށަހެޅޭ ޒުވާނުން، އެ މީހުން އެ ކުށަކަށް އިއުތިރާފްވުމާއެކު އެ މީހަކަށް ރިހެބިލިޓޭޝަންގެ ފަރުވާ ދޭން ފަށާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭ ޒުވާނުންނަށް ވިޔަފާރިތައް ފަށައިގަތުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާކަމަށެވެ. އެގޮތުން އޯތެންޓިކް މޯލްޑިވްސްއާއި، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އެސްއެމްއީ ހަބުގެ ތެރެއިން ވެސް އެ ފުރުސަތު ފަހިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

