ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނު ހުރުމަށް ފަހު، ފަހުން ޝަރީއަތުގައި ޖަވާބުދާރީވާނެކަމަށް ފުލުހުންނަށް އެންގީ އެ މުއައްސަސާއިން ފުރައްސާރަކުރުމުން: ރައީސް ޔާމީން

ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ހިޔާނާތުގެ މައްސަލާގައި، ފުލުހުންގެ ތަހުގީގުގައި ޖަވާބުދާރީނުވެ ހަނު ހުންނެވާ ފަހުން ޝަރީއަތުގައި ޖަވާބުދާރީވާނެ ކަމަށް ފުލުހުންނަށް އެންގެވީ އެ މުއައްސަސާގެ ފަރާތުން ފުރައްސާރަ ކުރަމުން ދިޔުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ހިންގި އެ މުއާމަލާތުގެ މައްސަލާގައި، ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމަށް ހުކުމްކޮށް އެވެ.

ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ މުހައްމަދު ޝަކީލް ނެރުއްވި ހުކުމުގައި ފާހަގަ ކުރައްވާފައިވަނީ، ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމާ ދެމެދު ހިނގީ ޑޮލަރު ގަތުމުގެ “މައުސޫމު” މުއާމަލާތެއް ނަމަ ކުރިއާލާ ތަހުގީގު މަރުހަލާގައި އެ ހެކިތައް ހާމަކުރާނެ ކަމަށެވެ.

ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށްފައިވާ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ އެންމެ ފުރަތަމަ އާރަށު މައްސަލައާއި ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް އެންމެ ފުރަތަމަ ފުލުހުންނަށް އެއްބާރުލުން ދެއްވަމުން ގެންދެވި ކަމަށެވެ.

“އެކަމަކު އިރުކޮޅުކޮޅާ ބަޔާން ބަދަލުކޮށްފައި އިތުރު ސުވާލުކުރަން ފުލުހުން އަޅުގަނޑު ހާޒިރުކުރާތީ އަޅުގަނޑު ދެން ދެންނެވިން، މިހާރު ތި ކުރަނީ ހެރޭސް (ފުރައްސާރަ) އޭ، އެހެންވެގެން ދެން އަޅުގަނޑު ދެންނެވީ އިތުރަށް ޖަވާބުދާރީވާނީ ޝަރީއަތުގައި،” ޔާމީން ކިޔައިދެއްވި އެވެ.

ތަހުގީގުގެ ބޭނުމަށް ފުލުހަށް ހާޒިރުކޮށް އެ ދެ މައްސަލައިގައި ވެސް ސުވާލުކުރަމުން ދިޔަ ދުވަސްވަރަކީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ޔާމީން ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ދުވަސްވަރުކަން ވެސް ޔާމީން ފާހަގަ ކުރެއްވި އެވެ.

“އެހާ ވެސް ދަތި އުނދަގޫ ދުވަސްވަރެއްގައި އެއީ،” އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރު ޔާމީން ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ބ) ގައި ވަނީ ހަނުހުރުމުގެ ހައްގު ހިފެހެއްޓޭނޭ ހާލަތުތައް ބަޔާންކޮށްދީފަ އެވެ. އެ މާއްދާގައި އޮންނަނީ، ބައެއް ބާވަތުގެ ޖިނާއީ މައްސަލަތަކުގައި، އެ މީހަކު ތަހުގީގަށް ދޭ މައުލޫމާތަކީ އޭނާއާ އެއްކޮޅަށް ބޭނުން ކުރެވޭނެ މައުލޫމާތެއް ނަމަ އެކަން ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ހާމަކުރަން ވާނެ ކަމަށާއި އެ ހާލަތުގައި ހަނު ހުރުމުގެ ހައްގު ބޭނުން ނުކުރެވޭނެ ކަމަށެވެ.

ހަނު ހުރުމަކީ އަސާސީ ހައްގެކެވެ. އެ ހައްގު ބޭނުން ކުރުމަކީ ކުށެއް ކުރިކަމުގެ ހެއްކެއް ނޫނެވެ. ރައީސް ޔާމީން ވެސް އެ ކަން ކުރެއްވީ އެ ގޮތަށް ދެކެވަޑައިގެން ކަމަށް ބެލެވެ އެވެ. ނަމަވެސް އެއީ ކުށްކުރި ކަމަށް ބުރަދަން ދެވިދާނެ ކަމެއް ގޮތުގައި ހުކުމުގައި ސިފަކޮށްފައި އެބަވެ އެވެ.

މިއަދު މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 5:15 ވަން ދެން ކުރިއަށް ދިޔަ އެ އަޑުއެހުމުގައި ފަނޑިޔާރުން ސާފުކުރި ގިނަ ކަންކަމަށް ރައީސް ޔާމީނުގެ ވަކީލުންގެ އިތުރަށް ސީދާ އެމަނިކުފާނު ވެސް ޖަވާބު ދެއްވަމުން ގެންދެވި އެވެ.

އެ ގޮތުން ރައީސް ޔާމީނަށް ލިބުނު ފައިސާއަކީ ޑޮލަރު މާރުކޮށްގެން ލިބުނު ފައިސާއެއް ކަމަށް ޝަރީއަތުގައި ބުނުމުގެ ކުރިން ކެމްޕެއިނަށް ޔޫސުފް ނައީމްގެ ފަރާތުން ލިބުނު ފައިސާ ކަމަށް ވިދާޅުވެ އެމަނިކުފާނު ބޭންކަށް ފޮނުވި ސިޓީއަކާ ގުޅޭ ގޮތުން ފަނޑިޔާރުން ސުވާލުކުރެއްވި އެވެ.

ދައުލަތުން ދަށު ކޯޓުގައި ހެއްކެއްގެ ގޮތުގައި ހުށަހެޅި އެ ސިޓީއަކީ ސައްހަ ސިޓީއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެ ސިޓީގެ އެއްބައި ޓައިޕްކޮށްފައިވާއިރު އަނެއް ބައިގައި އަތު ލިޔުމެއް ހިމެނޭތީ ވެސް ރައީސް ޔާމީން ވަނީ އެ ސިޓީގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ (އެ މައްސަލައިގައި ދައުވާ ލިބޭ އަނެއް ފަރާތް) 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރެއްވި އެވެ. ދެ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން އެއީ ދެމެދުގައި ހިނގާފައިވަނީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: