ޖުމްލަކޮށް ބަލާނަމަ ރާއްޖޭގެ އާބާދީގެ ވަރަށް ބޮޑު އިންސައްތައެއްގައި ފޯރުންތެރިކަން ނެތްކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ފާރިސްގެ ސިޔާސަތުކަމަށްވާ ”ޤާބިލް މީހާ މަގޭ މީހާ“ އާއި ގުޅޭ ގޮތުން ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފާރިސް ވިދާޅުވީ ދިވެހި ރާއްޖޭގައި ނިކަމެތިންނާއި ފޯރުންތެރިކަން ހުރި މީހުންނާއި ވަރަށް ބޮޑު ފަރަގެއް އެބަހުރިކަމަށެވެ. ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ގިނަ މުއްސަނދި ގައުމެއްކަމަށާއި، އެހެން ނަމަވެސް އެ މުއްސަނދިކަން ބެހިގެން ގޮސްފައި އޮންނަނީ ވަރަށް ނަހަމަ ގޮތަކަށް ކަމުގައި ވިދާޅުވިއެވެ.
ވަކި ބަޔަކު އިންތިހާއަށް މުއްސަނދިކަމަށާއި، ނަމަވެސް ގިނަ ބަޔަކު ތިބީ މިއަދު ކާނެ އެއްޗެއް ހުރި ނަމަ މާދަމާ ކާނެ އެއްޗެއް ނެތް ހާލަތުގައި އެކަމާއި ވިސްނާ ހާލުގައިކަަމަށް ފާރިސް ވިދާޅުވިއެވެ. ލިބޭ އާމްދަނީ އިން ދެކޮޅު ނުޖެހޭ މީހުން ގިނަކަމަށް ވިދާޅުވިއެވެ. އަދި އެހީއަށް އެދި މީހުންގެ ކައިރިއަށް ސަލާން ޖަހަން ޖެހޭ ހިސާބަށް ނިކަމެތި މީހާގެ ހާލު ގޮސްފައިވާކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އެހެންކަމުން މިއީ ރައްޔިތުން ތިބެންޖެހޭ ހާލަތު ނޫންކަން އެއީ އޭނާ ޤަބޫލްކުރައްވާ އަދި އޭނާގެ ސިޔާސަތާއި ގައުމުގެ ކަންކަން އެއްގޮތްވާ އެންމެ ބޮޑު ކަންކަމުގައި ފާރިސް ވިދާޅުވިއެވެ. ރާއްޖޭގެ މުޖުތަމަޢުގެ ތެރޭގައި އިސްލާހުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށް ވިދާޅުވިއެވެ. އެގޮތުން ޑްރަގްގެ މައްސަލައާއި ގަވަޢިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ރާއްޖޭގައި ގިނަ އަދަދަކަށް އުޅޭކަން ފާހަގަކުރެއްވިއެވެ.
”ގައުމާއި މެދު ރަނގަޅު ސިޔާސަތެއް ކަނޑައަޅައި ވާސިލްވާންވީ މަންޒިލަކީ ކޮބައިކަން އެންމެން އެއްބަސްވެގެން ދެނެގަނެގެން އެކަމަށް އަޅުގަނޑުމެން އެންމެން އެކީ އެއްބަސްވެގެން އެކީ މަސައްކަތް ފެށުންމުން އެ ހިސާބުން އަޅުގަނޑުމެންނަށް އިނގޭނެ ގައުމުގަ އެކަންކަން އިސްލާހު ކުރުމަށް ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިކަން އިނގޭނެ. އޭގެ ތެރޭގައި ހިމެނޭ އަޅުގަނޑުމެން ޤާނޫން އިސްލާހު ކުރުން. ގަވަނާރސް ރަނގަޅުކުރުން އެއީ ވަރަށް މުހިއްމުކަމެއް. ހެޔޮވެރިކަމެއް ކުރާނެ ގޮތްތައް ކަނޑައެޅުމާއި ކޮރަޕްޝަން ނައްތާލެވޭނެ ގޮތްތައް ކަނޑައެޅުމާއި، އެގޮތުން ޤާނޫން އިސްލާހުކޮށް ޒިންމާދާެރު ބަޔަކު ބެރިކަން ކުރަން އެބަޖެހޭ. ދެފުށް ފެންނަ ސިޔާސަތެއް އޮންނަންޖެހޭ“ ފާރިސް ވިދާޅުވިއެވެ.
ވެރިކަމުގައި ތިބޭ ފަރާތްތަކަކީ ޒިންމާދާރުބަޔަކަށް ވެގެން ނޫނީ ގައުމަށް ބޭނުންވާ އިސްލާހު ނުގެނެވޭނެކަމުގައި ވިދާޅުވިއެވެ. އެގޮތުން މުއައްސަސާތަކުގެ މިނިވަންކަން ނެތްކަމުގައި ވިދާޅުވިއެވެ. ރައްޔިތުންގެ ހިތުގައި ކޯޓުތަކާއި މެދުވެސް އިތުބާރު ގެއްލިފައިވާކަމަށް ފާރިސް ވިދާޅުވިއެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހާއި މެދުވެސް ރައްޔިތުންގެ ހިތުގައި ޝައްކު އުފެދި އިތުބާރު ގެއްލިފައިވާކަމަށް ވިދާޅުވިއެވެ.
ގައުމު ދާންބޭނުންވާ މިސްރާބާއި ތަރައްޤީއަށް ވާސިލްވެވޭނީ މިކަންކަން އިސްލާހު ކުރެވިގެންކަމުގައި ވިދާޅުވިއެވެ. އޭގެ ފަހުގައި ނޫނީ ގައުމަށް ބޭނުންވާ އުމްރާނީ ތަރައްޤީ ނުގެނެވޭނެކަމުގައި ވިދާޅުވިއެވެ. މިހާރި ގައުމު ހިނގާގޮތުން އެއްވެސް ރައްޔިތަކަށް އެއްވެސް މީހަކަށް އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާކަމަށް ފާރިސް ވިދާޅުވިއެވެ. ވަކި ފަރުދެއްގެ ހައިސިއްޔަތުން އިދާރާތަކަށް ދިއުމުން އެހީތެރިކަން ލިބޭ އުސޫލް ބަދަލްކޮށް އާންމު މިހާ ދިއުމުންވެސް އެހީތެރިކަން ލިބޭނެ ގޮތައް އުސޫލްތައް އޮންނަންޖެހޭކަމަށާއި މިކަންކަން ހައްލު ކުރުމުން ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދޭނެކަމުގައި ވިދާލުވިއެވެ.
ފާރިސްގެ ވާހަކައިގައި އޭނާގެ ރިޔާސީ އިންތިޚާބުގެ ސިޔާސަތުކަމަށްވާ ”ޤާބިލް މީހާ މަގޭ މީހާ“ ސިޔާސަތު ޤާއިމް ކުރެވިގެން ނޫނީ އިސްލާހީ ބަދަލްތައް ނުގެނެވޭނެކަމުގައި ވިދާޅުވިއެވެ.
އަންން ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަކުރައްވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

