އެމްޑީޕީގެ ވެރިކަމުގެ ދައުރެއް ނިމިގެންދާއިރު ރައްޔިތުން އުއްމީދު ތަކާ ހިސާބަށް ވާސިލުވެވިފައި ނެތް ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
ހެންވޭރު މައިޒާންދޮށުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްތިޔާޒް ވިދާޅުވީ ސަރުކާރުން ވެފައިވާ ބޮޑެތި ވައުދުތަށް ފުއްދިފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ ގައުމުގެ ބޮޑެތި މައްސަލަތަކާއި މެދު އެއްވެސް ކަމެއް ކުރައްވާފައި ނުވާކަމަށެވެ. އޭގެ ތެރޭގައި އޭނާ ފާހަގަކުރެއްވީ ރާއްޖޭގައި ހިނގާފައިވާ ވައްކަމާއި، ކޮރަޕްޝަނާއި އަދި ހިޔާނާތުގެ މައްސަލަތަށް ނުބެލި ހުރިކަމެވެ.
އިމްތިޔާޒް ވިދާޅުވީ ރައީސް ސާލިހްގެ ސަރުކާރުގެ ވައްކަމާއި ހިޔާނާތުގެ ވާހަކައަކީ ދިވެހި ރާއްޖޭގެ ރައްޔިތުން އަބަދުވެސް ފާޅުކުރަމުން އަންނަ ކަންބޮޑުވުމެއް ކަމަށެވެ.
ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ތަރައްގީގެ މަޝްރޫއުތަށް ފައްޓާފައި ކުރިޔަށް ނުގެންގޮސް ހުރިކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އަދި އެކަން ކޮށްފައި ވަނީ އެއްވެސް ރޭވުންތެރިކަމަކާއި އެކު ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އިލްޔާސް ލަބީބް އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އިމްތިޔާޒް ވިދާޅުވީ އެހެން ކެންޑިޑޭޓުންނާއި ތަފާތުކޮށް ކުރައްވާ ކަމެއް ގޮތުގައި ވިދާޅުވީ ދޮރުން ދޮރަށް ކެމްޕެއިން ކުރައްވާ ކަމެވެ. ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ހާލު ގާތުން ބައްލަވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ ކެންޑީޑޭޓް އަދި ރަނިންމޭޓަކީ ސިޔާސަތުތަށް އެކުލަވާލުމުގައި އެބޭފުޅުންގެ އިލްމާއި، ތަޖުރިބާއާއި ވިސްނުމާއި ހިޔާލު އަބަދުވެސް ހިއްސާކުރައްވާ އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

