މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 27 އޮކްޓޯބަރު 2023 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ހަމަޖެހިއްޖެއެވެ.
މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުންމީދީ ދުވުމުގެ 14ވަނަ އެޑިޝަންއެވެ. ޑިރެކްޓަރ، ބްރޭންޑް އެންޑް މާރކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގު މޯލްޑިވްސް ރޯޑް ރޭސް އާންމުންނާއި ހަމައަށް ގެނެސްދިނުމަކީ އެބޭފުޅުންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. މި އިވެންޓަކީ އާންމުންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބޭ އަދި ގިނަ މީހުން މިކަމަށް އިންތިޒާރު ކުރާ އިވެންޓެއް ކަމަށް މިރްޝާން ވިދާޅުވިއެވެ. 2007 ވަނަ އަހަރު ޑީ.އެމް.އާރް.އާރް ވަނީ ދިވެހިރާއްޖޭގައި މާސް ޕާޓިސިޕޭޝަން ރޭސްތައް ފަށައި، ދުވުމުގެ ސަގާފަތް ރާއްޖޭގައި ގާއިމް ކޮށްފައިވާ ކަމަށް މިރްޝާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއަހަރު ފުރަތަމަ ފަހަރަށް ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ ކަމަށެވެ. ކުރިއަށްވުރެ ބޮޑެތި ފައިސާގެ އިނާމުތަކާއި ތަފާތު ކުލަގަދަ ހަރަކާތްތަކަކާއި އެކު މިއަހަރުގެ ޑީ.އެމް.އާރް.އާރް ވަރަށް ފޯރިގަދަ ވާނެކަމަށް ވެސް މިރަޝާން ވިދާޅުވިއެވެ.
ޑީ.އެމް.އާރް.އާރް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމަޢުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމެވެ. މީގެ އިތުރުން މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ޑީ.އެމް.އާރް.އާރް 2023 އަކީވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެން.ޖީ.އޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެގޮތުން ދިރާގުން އެންޑޯރސްކޮށްފައިވާ އެން.ޖީ.އޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާއަކަށް އެ ފަރާތްތަށް ރޭވިފައިވާ ހަރަކާތްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން އެއްމިންވަރެއްގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭން ވަނީ ނިންމާފައެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށްވެސް އެކުންފުނިން ވަނީ ނިންމާފައެވެ.
ޑީ.އެމް.އާރް.އާރްގެ ރަޖިސްޓްރޭޝަން ހުޅުވާލާފައި ވަނީ 30 އޯގަސްޓު 2023 ވާ ބުރާސްފަތި ދުވަހުގެ 23:59 އަށް ނުވަތަ 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މި އިވެންޓްގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރެވޭނެއެވެ.

