ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިންގައިވެސް އަދި މަޖިލީހުގެ ތަޅުމުގައިވެސް ހަމަނުޖެހުން ހިންގަނީ އެމްޑީޕީ މެމްބަރުން: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބުގެ ކެމްޕެންތަކުގައިވެސް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ރަށްރަށަށް ވަޑައިގެން ހަމަނުޖެހުން ހިންގުމާއި، ހަޅުތާލު އުފެއްދުމާއި މާރާމާރީ ހިންގުން އާންމުވެފައިވާއިރު ރައްޔިތުންގެ މަޖިލިސްގެ ތަޅުމުގައިވެސް އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ދައްކަވަނީ ހަމަ އެ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މިޖިލީހުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އެމްޑީޕީގެ މެމްބަރުން އަޑުގަދަ ކުރެއްވުމާއި ގުޅިގެން އެ ޕާޓީއަށް ނިސްބަތްވާ 3 މެންބަރެއްގެ ނަން އިއްވާ ދެއްކެވި ވާހަކައިގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވާ ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި މެމްބަރުން، މަޖިލީހުގައި އެޕާޓީ ތަމްސީލުކުރައްވާ ގޮތަށް އިދާރީ ކަންތައްތައް ހަމަ ޖެހެންދެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުން ލަސްކުރެއްވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެގެންދިޔައެވެ.

މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ފެއްޓެވުމަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރެއްވި ގޮތުގައި ޑިމޮކްރެޓްސްއާއި ގުޅިވަޑައިިގެންނެވި ކަމުގެ ސިޓީ ފޮނުއްވީ އެންމެ ތިން މެމްބަރުންނެވެ. އެއާ އެކު އެމަނިކުފާނު ވިދާޅުވީ ކޮމިޓީތަކަށް މެމްބަރުން ކަނޑައެޅުމުގެ މައްސަލަ ކުރިއަށް ގެންދެވޭނީ އެޕާޓީއަށް ސޮއިކުރެއްވި އެހެން މެމްބަރުންގެ ސިޓީ ލިބުމުން ކަމަށެވެ.

މަޖިލީހުގެ އެމްޑީޕީ މެމްބަރުން އެކަމާއި ދެކޮޅަށް އަޑު އުފުއްލަވަން ފެށްޓެވުމުން ރައީސް ނަޝީދު ވަނީ ތިން މެމްބަރެއްގެ ނަން އިއްވަވައި މަޖިލީހުގެ ތަޅުން ދޫކުރައްވައި ނުކުމެވަޑައިގަންނަވަން އެ މެމްބަރުންނަށް އަންގަވައިފައެވެ. އެހެން ނަމަވެސް މަޖިލިސް ބްރޭކްއަށް ދިޔަ އިރުވެސް އެ ތިން މެމްބަރުން ތަޅުމުގަ ތިއްބެވިއެވެ.

ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގަަންނަވަން ރައީސް ނަޝީދު އެންގެވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އަށާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ އާއި ކެލާ ދާއިރާގެ މެމްބްރު އިބްރާހީމް ޝަރީފަށެވެ. އެ މެމްބަރުން ނުކުމެވަޑައި ނުގެންނެވުމުން މެމްބަރުން ނެރެން މަޖިލީހުގެ ސެކިއުރިޓީ އޮފިޝަލުންނަށް ވެސް ރައީސް ނަޝީދު އެންގެވިއެވެ.

“ރާއްޖޭގެ ރައްޔިތުން އެއްގޮތަކަށްވެސް އެދޭނެ މަންޒަރެއް ނޫން މިއީކީ، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުޞަތު އަޅުގަނޑުމެންގެ ޤާނޫން އަސާސީއިން ލިބިދީފައިވާއިރު، އެފުރުޞަތުތައް ދޫކޮށްލައްވާ ރަށްރަށުގައި ތިބޭފުޅުން ތި ދައްކަވަނީ ވަރަށް ހުތުރު މަންޒަރެއް. މި މަޖިލީހުގައިވެސް ތި ދައްކަވަނީ ހަމަ އެ މަންޒަރު” އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި މުހާތަބު ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
“އެމްޑީޕީގެ މެންބަރުންނަށް މިގޮވާލަނީ ގާނޫން އަސާސީއަސް ހުރުމަތްތެރިކޮށް ހިތައި ގާނޫންތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހުގެ ތަޅުމަށް ހުރުމަތްތެރިކޮށް ހިތުމަށް” ރައީސް ނަޝީދު މެމްބަރުންނަށް ގޮވާލެއްވިއެވެ.
“ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެންގުންތަކަށް ތީގެން އެއްވެސް ބެފުޅަކަށް ޖަދަލެއް ނުކުރެއްވޭނެ މި މަޖިލިސްގަ. މަ މަޖިލިސް ހިނގާނީ މި މަޖިލީހުގެ ގަވަޢިދާއި އެއްގޮތައް. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ މި މަޖިލީހުގެ ރައީސް. އެކަން މި މަޖިލީހުގެ ރައީސް ޤާނޫންގައިވާ ގޮތުގެ މަތިން އަބަދުވެސް ކުރަމުންގެންދާނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.
” މި އިއްޒަތްތެރި މަޖިލިސް ހިނގަމުންދާނީ މި ރާއްޖޭހެ ޤާނޫންތަކާއި އެއްގޮތްވާ ގޮތުގެ މަތިން. އަދި މި އިއްޒަތްތެރި މަޖިލީހަށް ޕެޕާރ ސްޕްރޭއެއްވެސް ނުޖެހޭނެ. ދަގަނޑު މުގުރެއްވެސް ނުގެނެވޭނެ. ކަރަންޓު މުގުރެއްވެސް ނުގެނެވޭނެ. އަޅުގަނޑުމެން މިކަން ކުރަމުންގެންދާނީ ސުލްހަވެރިކަމާއި އެކީގަ. ތި އިއްޒަތްތެރި މެމްބަރުން ބައެއް ފަހަރު ރަށްރަށަަށް ވަޑައިގެން ތި ދައްކަވާ މަންޒަރު މި މަޖިލީހުގެ ތެރޭގައި ނުދެއްކުމަށް ވަރަށް ބޮޑަށް އިލްތިމާސްކޮށް އާދޭހާއި އެކު ދަންނަވަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ އެމްޑީޕީގެ މެމްބަރުން މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް 2 ވަނަ ދައުރު ނިމިގެންދިޔަ އިރުވެސް އިތުބާރު ނެތްކަމުގެ މައްސަލައިގައި ކޮމެޓީ ބައްދަލުވުންތައް ބޭއްވިފައެވެ ނުވެއެވެ.
އެމްޑީޕީގެ މެންބަރުން އަޑުގަދަކުރައްވަމުން ގެންދެވުމާއި އެކު މިއަދު މަޖިލީހުގެ ޖަލްސާ ވަނީ ކުރިއަށް ނުގެންދެވިގެން ނިންމަވާލައްވާފައެވެ. އަދި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 2023 އޯގަސްޓް 22 ވާ އަންގާރަ ދުވަހުއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: