ފުލުހުންނާއި ސިފައިން އަދި ކަރެކްޝަންސް ގެ މުވައްޒަފުންނާއި އިތުރު ދާއިރާ ތަކުގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައަމްދު ސާލިހް ވިދާޅުވެއްޖެއެވެ.
ބ. ތުޅާދޫގައި ބޭއްވި ”އުފާވެރި އަމާންރާއްޖެ“ ކެމްޕެއިން ޖަލްސާގައި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް ގެނެސްދެއްވި ހެޔޮބަދަލު ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސިފައިންނާ ފުލުންނާއި، ޖުޑިޝަރީއާއި، ސިވިލްސާވިސް މުވައްޒަފުންނާއި، ކަރެކްޝަންސް އާއި، ކަސްޓަމްސް އާއި އިމިގްރޭޝަން އާއި އިމާމުން އަދި މުދިމުން، މި ދާއިރާ ތަކަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެމނަިކުފާނު ވިދާޅުވީ ފާސް ކުރާ ބަޖެޓާއިއެކު އަންނަ ޖެނުއަރި މަހުން ފެށިގެން އެ ދާއިރާތަކުގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ އެއްވެސް ވެރިއެއް ކޮށްފައިވާ ކަމެއް ނޫން ކަމަށާއި އަދި ކުރަން ވިސްނާފައިވާ ކަމެއްވެސް ނޫން ކަމުގައެވެ. އެސަރުކާރުތަކުން ބޭނުންވީ މުށުތެރޭގައި ރައްޔިތުން ބައިތިއްބައިގެން ގަދަބާރުން ރައްޔިތުން ލައްވާ މަސައްކަތްކުރުވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ވެސް ކުރީގެ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ދާއިރާއެއްކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ އެޖެންޑާއަކީ ރައްޔިތުންނަށް އުފާވެރި ދިރިއުޅުމެއް އަމާން މުޖުތަމައުއެއްގައި ގެނެސްދިނުން ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލު ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކަންކަން ތަރުތީބު ކުރާއިރު ބައެއް ހާލަތުގައި މަޝްރޫއުތަށް އިސްފަސް ވާކަމަށެވެ. ނަމަވެސް އެއީ ކުރީގެ ސަރުކާރުތަކުން ތަރައްގީގެ މަޝްރޫއުތަށް ހިންގައިފައި ވާއިރު މާބޮޑަށް ބާކީ ކުރެވިފައި އޮތުމުން ކަމަށް ވިދާޅުވިއެވެ. އެއްވެސް ކަމެއް ނުކުރެވި ހުރި ގިނަ ރަށްތަކެއް ހުރިކަމަށް ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް ރަށެއްގެ އެއްވެސް ކަމެއް ބާކީ ނުވާނެކަމަށް ވިދާޅުވިއެވެ.
ތުޅާދޫއަށް ގިނަ ވައުދުތަކެއް ރައީސް ވެވަޑައިގެންފައި ވެއެވެ. އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމަކީ އެރަށައް އެންމެ ބެނުންވެފައިވާ އެއްކަންތައް ކަމަށެވެ. ތުޅާދޫގައި 100 ހައުސިންގ ޔުނިޓް އަޅައިދެއްވާފައި ވާކަމަށާއި އަދި އިތުރު 100 ހައުސިންގ ޔުނިޓް އަޅައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވިދާޅުވީ ރަށުގައި ހުރެގެން ސިއްހީ ހިދުމަތް ލިބޭގޮތަށް ހޮސްޕިޓަލް އަޅައިދެއްވާނެ ކަމަށެވެ. އަދި އެކަމުގެ އަމަލީ މަަސައްކަތް ފަށައިފާވާ ކަމަށް ވިދާޅުވިއެވެ. ތުޅާދޫގައި އެއާޕޯޓެއް އެޅުމަށްޓަކައި ކޮންޓްރެކްޓު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

