ރިޔާސީ އިންތިހާބުގެ ވޯޓާއި ދެމެދު ދެ ހަފްތާއެއްހާ ދުވަސް ވެސް ނެތް އިރު، މުއިއްޒުގެ ކެމްޕެއިން ހަރަކާތްތައް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ރޭ ގއ، ގދ އަތޮޅުގެ ދަތުރު ނިންމަވާލެއްވުމަށް ފަހު ދަންވަރު މަލެ ވަޑައިގަތުމަށް ފަހު މިއަދުގެ ފަތިހު ފެއްޓެވީ ރ، ބ، ޅ ގެ ކެމްޕެއިނެވެ.
ވިއްސާރައިގެ ތެރެއިން ވެސް، ގިނަ ބަޔަކު ނިކުމެ މުއިއްޒަށް އެންމެ ފުރަތަމަ މަރުހަބާ ކީ އަލިފުށިންނެވެ. މި ރަށް ފާހަގަކުރެވިފައި ވަނީ ޕީޕީއެމް ރަށެއްގެ ގޮތުގަ އެވެ. ބަނދަރުގައި އެތައް ބަޔަކު ސަފުތައް ހަދައިގެން ތިބި އިރު، އެންމެން އެއް އަޑަކުން ގޮވާލަމުން ދިޔައީ މި އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށެވެ.
ކޮންމެ ރަށަކުން ވެސް މުއިއްޒަށް ކިޔާ މަރުހަބާގައި އެންމެން ވެސް ބުނަމުން ދިޔައީ މި އިންތިހާބު ނަގާނީ އެއްބުރުން ކަމަށެވެ.
ރިޔާސީ ކެމެޕެއިންގެ ޖަލްސާގައި މުއިއްޒު ވަނީ ރާއްޖޭގެ ރަށްތަކަށް ސަރުކާރުންވެފައިވާ އިހުމާލުތައް ފާހަގަކުރައްވައި، އެކަމަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ވައުދުތައް ވެފައި ވަނީ، އެ ތަންފީޒު ކުރާނެ ގޮތެއް ނޭނގި ތިބެކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން ރަށްތަކަށް ތަރައްގީ ގެނައުމުގައި، ބައެއް ރަށްތައް ބާކިކޮށް އެ އަތޮޅުގެ އެހެން ރަށްތަކަށް ސަމާލުކަން ދޭތީ އެއީ ގޯހެއްކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވެފައި ވަނީ އެއީ ތަރައްގީ ގެނައުމުގައި، ތަރުތީބު އޮޅުވާލުންކަމަށް ވާތީ އެވެ. ހުރިހާ ރަށްތަކަށް ވެސް ހަމަހަމަ އުސޫލުން ޕްރޮޖެކްޓުތައް ގެންނައިރު، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެކަމުގައި ހޯދައި އެއާއި އެއްގޮތަށް އަމަލު ކުރަން ޖެހޭނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވާދަވެރިކަމެއް އޮންނާނެކަމަށް ބެލެވެނީ މުއިއްޒާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެމެދު އެވެ. އެހެންވެ އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ޖަލްސާތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ދަނީ މުއިއްޒަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުންނެވެ.

