ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާތަކެއް ދޭނެކަމަށް ބުނި ނަމަވެސް ސާލިހަށް ވޯޓު ދޭން ހެޔޮނުވާނެ: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑެތި އަދަދުތަކުން ފައިސާ ދޭނެކަމަށް ބުނި ނަމަވެސް ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ވޯޓުދޭން “ހެޔޮ ނުވާނެ” ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ޖޭޕީއިން ތިނަދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްވަމުން ގާސިމްވަނީ ދިވެހިރާއްޖެ އަދި މޮރިޝަސްގެ އިން ވަކި ކުރުމުގެ މައްސަލައަށް އަލިއަޅުއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަމުންދަނީ ވާޖިބުތައް އަދާކުރެއްވުމުގެ ގޮތުންކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ތަަރައްގީގެ ދުވެއްޔާއި މިސްރާބު ދަމަހައްޓައި ގައުމުގެ މިނިވަންކަން ދެމެހެއްޓިފައި އޮންނަކަން ކަށަރު ކުރުމަކީ ކޮންމެހެންވެސް ކުރައްވަން ޖެހޭ މަސައްކަތެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަން ގާސިމް ހިއްސާކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަމުންދަނީ އިސްލާހީ ގިނަ މަސައްކަތްތަކެއްގެ ތެރެއިން ދިވެހިރާއްޖެއަށް ލިބިފައިވާ ކުރިއެރުންތައް ގެއްލި ފަހަތަށް ޖެހި އަނގުރު އަލިފާންގަނޑެއްގެ ތެރެއަށް ވެއްޓި ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާ މަންޒަރުތައް ފެނިވަޑައިގަންނަވާތީކަމަށެވެ. ގާސިމް ވިދާޅުވީ، އެމަނިކުފާނު މަސައްކަތްކުރައްވަމުންދަނީ ރާއްްޖޭގައި ކަން ހިނގަމުންދާ ގޮތުގެ އިތުރުން އެގޮތެއްގެ މަތިން ކަންކަން ހިނގުމަށް ދިމާވި ސަބަބުތައްވެސް ސާފުކޮށްދެއްވުމަށްކަމަށެވެ. ގާސިމް ވިދާޅުވީ، ރާއްޖޭގެ ގާނޫނުއަސާސީ އާއި ހިލާފަށް ބޭރު ގައުމެއްގެ ސިފައިން ތިބިކަމަކީ ރައްޔިތުންނަށް ސާފުވެފައިވާނެ ހަގީގަތެއްކަމަށެވެ.އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ބޭރުގެ ސިފައިންނަށް ތިބެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމެއް ހުށައަޅައި ފާސްކުރެވިފައިނުވާކަމަށެވެ.

ގާސިމް ވިދާޅުވީ، ރާއްޖެއަށް ހެލިކޮޕްޓަރެއް ގެނައުމުގެ ނަމުގައި އެންމެ ފުރަތަމަ ބޭރު ސިފައިން ގެނައީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިކަމަށާއި އެއަށްފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައިވެސް އެގޮތުގެ މަތިން އަމަލުކުރެއްވިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އޭރު ޑިފެންސް މިނިސްޓަރެއްގެ މަގާމުގައި ހުންނެވީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމްކަމަށެވެ. އެއަށް ފަހު ރައީސް ޔާމީންގެ ވެރިކަމުގައި އެ މީހުން ބޭރުކުރުމަށް މަސައްކަތްތަކެއް ކުރިނަމަވެސް އެކަން ކުރެވިފައިނުވާކަން މިނިވަން ކެންޑިޑޭޓު އުމަރު ނަސީރުގެ ވާހަކަތަކުން ސާފުވެގެންދާކަމަށް ފާހަގަކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރު ގާއިމުވީ އިރު އެ މީހުން އައްޑޫގައި ނުފައިބާ ތިބީކަމަށާއި އެއަށްފަހު މި ސަރުކާރުންވަނީ އެ މީހުންނަށް ވިސާ ދިނުން ފަދަ ކަންކަން ކޮށްފައިކަމަށްވުމުން މިހާރު ހާލަތު އިތުރަށް ގޯސްވެފައިވާކަމަށް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ، މިހާރު ކަންކަން ގޯސްވެ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިންޑިއާގެ ސިފައިން ތިބިކަމުގެ މައުލޫމާތު ލިބެމުންދާކަމަށާއި އެ މީހުންގެ އަދަދުތައް ނޭނގޭކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން އެ މައުލޫމާތު ހިއްސާނުކުރިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދެން އިވިގެންދިޔައީ ރާއްޖޭގެ ދެކުނުގައި އެންމެ ގަދައަށް މަސްވެރިކަން ކުރަމުންދާ ސަރަހައްދުން ބޮޑު ބައެއް ދޫކޮށްލި ވާހަކަކަމަށެވެ. ގާސިމް ވިދާޅުވީ، އެކަމަކީވެސް ގާނޫނުއަސާސީ އާއި ހިލާފަށް ހިންގާފައިވާ އަމަލެއްކަމަށާއި އެހެންކަމުން އެފަދަ އަމަލުތަކެއް ހިންގާފައިވާ މީހަކު ކިތަންމެ ބޮޑު އަދަދެއްގެ ރިޝްވަތު ދިނުމަށް މަސައްކަތްކުރިނަމަވެސް ވޯޓު ދޭނެ ތޯ ގާސިމް ސުވާލު ކުރެއްވިއެވެ. ގާސިމް ވިދާޅުވީ، ރައީސް ސާލިހަށް ވޯޓު ދޭން ހެޔޮ ނުވާނެކަމަށެވެ. އެހެންނަމަވެސް ސަފު ހަދައި މަރުހަބާ ކިއުމަށް މީހުން ތިބޭ މަންޒަރު ފެނިވަޑައިގަންނަވާކަމަށާއި އެއީ ކޮން ސަބަބަކާއި ގުޅިގެންތޯވެސް ގާސިމް ސުވާލު އުފެއްދެވިއެވެ.

ގާސިމް ވިދާޅުވީ، ރައީސް ސާލިހަށް ވޯޓު ދޭން ހެޔޮ ނުވާނެކަމަށާއި ގައުމުގެ ކަންކަން ކުރިއަށް ދާ ގޮތް އަދި ހިނގަމުންދާ ކަންކަމާއިމެދު ވިސްނާވަޑައިގެންނެވުން މުހިންމުކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޕޯޑިއަމް ތަކުގައި ވާހަކަދައްކަވަމުންދަނީ ގައުމުގެ ކަންކަން ހިނގަމުންދާ ގޮތް ނޭނގި ތިބި މީހުންނަށް އެކަންކަން ތިލަކޮށްދެއްވުމަށްކަމަށެވެ. ގާސިމް ވިދާޅުވީ، ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރީގެ މާލީ ހާލަތާއި އަދުގެ މާލީ ހާލަތާއި ތަފާތުކަމަށެވެ. އެހެންކަމުން މިއަދު ގިނަ އަދަދެއްގެ ފައިސާތަކެއް ލިބިވަޑައިގެން ހުންނެވީ ކޮން ތަނަކުންތޯ ގާސިމް ސުވާލު އުފެއްދެވިއެވެ. ގާސިމް ވިދާޅުވީ، އެފަދަ ތަނަވަސްކަމެއް ކުއްލިޔަކަށް ލިބިވަޑައިގަންނަވާނީ ދައުލަތު މާލިއްޔާތުގެ ނަހަމަ ބޭނުންތަކެއް ހިފައިގެން ނުވަތަ ބޭރު ބައެއްގެ އަތުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: