ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އައްޑޫ ސިޓީ ހުޅުދޫގައި ސަރުކާރުން ތަރައްޤީކުރި އައު ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.

އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ހުޅުއްވައި ދެއްވީ، އެމަނިކުފާނު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސް ސާލިހު މިއަދު ހުޅުއްވައިދެއްވި، އައްޑޫ ސިޓީ ހުޅުދޫ އައު ބަނދަރު މަޝްރޫޢު ކުރިޔަށް ގެންގޮސްފައިވަނީ އެމް.ޓީ.ސީ.ސީއާ ހަވާލުކުރައްވައިގެންނެވެ. މިމަޝްރޫޢުގެ ދަށުން، ބަނދަރު ފުންކޮށް، އެއްގަމުތޮއްޓާއި ބޭރުތޮށިޖަހައި، ލޭންޑިން ކްރާފްޓްތަކަށް ބޭނުން ކުރެވޭނެ ރޭމްޕެއް ވަނީ ހަދާފައެވެ. އަދި ނެރުބައްތިއާ ބަނަދރު ބައްތި ޖަހައި، ޕޭވްމެންޓް ހެދުމުގެ އިތުރުން މިމަޝްރޫޢުގެ ތެރެއިން، ބަނދަރުގެ ބޭރުން މޫދަށް އެރެން ޚާއްޞަ ސަރަހައްދެއްވެސް ވަނީ ހަދާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. މިގޮތުން ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީގައި މިދައުރުގެ ތެރޭގައި ވަނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ހިންގަވާފައެވެ.