ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމާ މަޖިލީހުން ބޭރު ކޮށްލައިފި

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުގައި ހުރުމަށް އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ހުށައަޅާފައިވާ މައްސަލަ އަނބުރާ ގެންގޮއްސިއެވެ.

މިއަދުގެ މަޖިލީސް ފައްޓަވަމުން ރިޔާސަތުން އަންގާ އެންގެވުމުގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މަގާމުން ވަކިކުރުމަށް ހުށައަޅާފައިވާ ގަރާރު ކުރިއަށް ގެންދާނެ ގޮތަކާއިމެދު ގޮތެއް ނިންމުން މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވަނިކޮށް، މި ގަރާރުގައި ސޮއި ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން 25 ބޭފުޅަކު ވަނީ ނަން އަނބުރާ ގެންދަވާފައިކަމަށެވެ.

މި މައްސަލަ ކުރިއަށްދާނީ 22 މެންބަރުންގެ ސޮޔާއިއެކުކަމުން، އެ އަދަދަށް ސޮއި ހަމަވާތީ ރައީސް ނަޝީދު ފުރަތަމަ ނިންމެވީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އެގޮތުން އިތުރު 8 ބޭފުޅަކު ސޮއި އަނބުރާ ނުގެންދަވާހާ ހިނދަކު މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއީ އެމަނިކުފާނުގެ މަސްލަހަތު ހިމެނޭ މައްސަލައެއްކަމުން ރައީސް ނަޝީދު ވަނީ ރިޔާސަތު ބެލެހެއްޓުމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްއާއި ހަވާލު ކުރެއްވިއެވެ. ރިޔާސަތާއި ހަވާލުވެ އަފީފް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާ ޖަލްސާ ކުރިއަށް ގެންދާނެ ގޮތުގެ ކަންކަން ނިންމުން މަޖިލީހުގައި ކުރިއަށް ގެންދަވާނެކަމަށެވެ. އެގޮތުން ވަގުތު ކަނޑައެޅުން ހުށައެޅުއްވުމަށް އަފީފް އެދިވަޑައިގެންފައެވެ.

އެއާއިއެކު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވީ ނަމަވެސް އެކަން މަޖިލީހުގެ އިދާރާއަށް އެންގިފައި ނުވަނީ އިދާރީ އޮޅުމަކުންކަމަށް ވިދާޅުވެފައެވެ.

އިތުރަށް ދެން މިތާގަ ބަހުސްކޮށްގެން މި މައްސަލަ ކުރިއަށް ގެންދިއުމަށް ބަހުސް ކުރަންޖެހޭ ހާލަތެއް އޮތްކަމަކަށް ނުފެނެ.

އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން ސޮއި އަނބުރާ ނުގެންގޮސް ތިބި މެންބަރުންގެ ސޮއިތައް އަނބުރާ ގެންގޮސް، މަޖިލީހުގެ އިދާރާއަށް އެކަން ރަސްމީކޮށް އަންގަން 15 މިނިޓުދޭން އެދުމުން މަޖިލީހުގެ ޖަލްސާވަނީ މެދުކަނޑާލާފައެވެ.

މިފަދައިން ކަން ކުރެވެން ނެތްކަމަށް އަފީފް ވިދާޅުވިއެވެ. އަދި މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވާ ސޮއި ހަމަވުމާއި ހަމައަށް އިތުބާރު ނެއްކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތް މަޝްވަރާކުރަން ޖެހޭކަމަށް އަފީފް ވިދާޅުވިއެވެ.

އެއާއިއެކު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ މަޖިލީހުގައި ކަން ކުރަމުންދިޔައީ މީގެ ކުރީގައި ކުރާ ގޮތަކަށް ނޫންކަމަށެވެ. އެގޮތުން އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތް މީގެ ކުރިން ނިންމަނީ އާންމު ކޮމިޓީއިން ނަމަވެސް މުޅި މަޖިލީހުގެ މަޝްވަރާއަށް އަފީފް އެދިލެއްވީ ކޮން ގާނޫނެއްގެ ދަށުންތޯ އާމިރު ސުވާލު އުފެއްދެވިއެވެ.

ޖަވާބުގައި އަފީފް ވިދާޅުވީ މުޅި މަޖިލީހުގައި އެކަމުގެ މަޝްވަރާއަށް އެދުނީ ކޮމިޓީތައް އެކުލަވާލެވިފައި ނުވާތީކަމަށެވެ. މިކަމާއިމެދު ގޮތް ނިންމުމަށް މުޅި މަޖިލީހުން ނިންމުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ލަފާ ހުށައެޅާފައިވަނިކޮށް، އަފީފް ވަނީ އެމްޑީޕީގެ ޕީޖީއަށް މި މައްސަލައިގައި ކުޑަ ވަގުތުކޮޅެއް ދިނުމަށް ނިންމާފައިވާކަން ފާހަގަކޮށްފައެވެ.

އެއާއިއެކު ޝަރީފް ވަނީ ފުރުސަތަކަށް އެދިވަޑައިގެން، އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވާ ސޮއި ހަމަވެފައިވާތީ، އެކަން މަޖިލީހުގެ އިދާރާއަށް ރަސްމީކޮށް އެންގުމަށް ވަގުތުދެއްވުމަށް ތަކުރާރުކޮށް އެދިފައެވެ.

ޝަރީފް މިހެން ވިދާޅުވުމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވަނީ މަޖިލީހަކީ ކުޅިވަރު ކުޅޭ ތަނެއް ނޫންކަމަށް ފާހަގަކޮށް، އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވާއިރު، އެމްޑީޕީއިން ގަސްތުގައި އެ މައްސަލައަށް ހުރަސް އަޅަމުންދާކަމަށް ވިދާޅުވެފައެވެ. މިއީ ރޭ ވަކި ގޮތެއް ނިންމާފައި އޮންނަޖެހޭ މައްސަލައެއްކަމަށް ފާހަގަކޮށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެމަނިކުފާނަށް ހެއްދެވުނު ގޯސް ރަނގަޅު ކުރައްވަން ބޭނުންވާކަމަށްވެސް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޗާގޯސްގެ މައްސަލައިގައި މޮރިޝަސްއަށް ރާއްޖެއިން ފޮނުވި ސިއްރު ސިޓީގެ މައްސަލއިގައި ހުށައަޅާފައިވާ ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާކަމަށެވެ.

އަނެއްކާވެސް އަފީފް ފާހަގަކުރެއްވީ ވަގުތު ދިނުމަށް އެމްޑީޕީއިން އެދިފައިވާކަމެވެ. ނަމަވެސް އޭގެ ކުރިން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއަށް ފުރުސަތުދެއްވާފައިވެއެވެ. އެމްޑީޕީއިން ބޭނުންވާކަމެއް ނިންމާ ގެނައުމުގެ ކުރިން، ރިޔާސަތުން އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ މަޝްވަރާ ކުރެއްވުމަށް ހަސަން ލަތީފް އެދިވަޑައިގެންނެވިއެވެ. އާޒިމްގެ ހުށައެޅުމަށް ހަސަން ލަތީފް ތާއީދުކުރެއްވުމުން، ފުރުސަތަކަށް އެދިވަޑައިގެން އާޒިމް ވިދާޅުވީ އެމްޑީޕީއިން އެދިފައިވާ ވަގުރު ދިނުމަށް ތާއީދުކުރާކަމަށެވެ. އާމިރުގެ އިތުރުން ގައްދޫ ދާއިރާގެ އަހްމަދު ޒާހިރުވެސް ވަނީ މި ހުށައެޅުމަށް ތާއީދު ކުރައްވާފައެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް މަޖިލިސް ކުރިއަށްގެންދާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރެއްވާފައިވެއެވެ. އެއަށްފަހު މަޖިލީސް ވަނީ އެމްޑީޕީއިން އެދުނު ގޮތަށް މެދުކަނޑާލާފައެވެ.

15 މިނިތެއްހާއިރުގެ ވަގުތުކޮޅަކަށްފަހު މަޖިލީސް ފައްޓަވާ އަފީފް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރުމަށް އެމްޑީޕީއިން ހުށައެޅި ގަރާރުގައި ސޮއި ކުރެއްވި ހުރިހާ މެންބަރުން ސޮއި އަނބުރާ ގެންދަވާފައިވާކަމަށެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަައިގައި ޖުމްލަ ސޮއި ކުރައްވާފައިވަނީ 54 މެންބަރުންނެވެ. ނައިބު ރައީސް އީވާގެ މައްސަލައިގައި ސޮއި ކުރައްވާފައިވަނީ 50 އެވެ.

މީގެ ތެރޭގައި ހިމެނޭ 33 މެންބަރުންގެ ސޮއި އަނބުރާ ގެންދަވާފައިވާކަމަށް އަފީފް ވިދާޅުވިއެވެ. 22 މެންބަރުންގެ ސޮއި މި މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާކަން ތަކުރާރު ކުރައްވާ އަފީފް ވިދާޅުވީ މެންބަރުން ސޮއި އަނބުރާ ގެންދިއުމުން ސޮއި ހަމަނުވާކަމަށާއި، އެހެންކަމުން ދެން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް އަފީފް ވިދާޅުވިއެވެ.

މިހާރު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައިވާ ސޮއި އަނބުރާ ނުގެންދަވާ ތިއްބެވީ 21 މެންބަރުންނެވެ. އީވާގެ މައްސަލައިގައި އަދިވެސް 19 މެންބަރުންގެ ސޮއި އެބައޮތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: