ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަން ހެދުމަށް ހުށައެޅި ހުށަހެޅުންތައް ހާމަކުރެއްވުމަށް ގާސިމް ދެކޮޅު ހައްދަވައިފި!

ގާސިމް އިބްރާހީމް ކެމްޕެއިން ހަރަކާތެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕާޓީތަކުން ކޯލިޝަން ހެދުމަށް ހުށައެޅި ހުށައެޅުންތަކަކީ ކޮބައިތޯ ސުވާލުކުރުމުން، އެ ހުށައެޅުންތައް ހާމަ ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ދެކޮޅު ހައްދަވައިފިއެވެ.

ސެޕްޓެމްބަރ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒެވެ. ރައީސް ސާލިހު ވަނީ ގާސިމްގެ އަރިހަށް ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން ކޯލިޝަންގެ މަޝްވަރާތައް ކުރެއްވުމަށް 2 ދުވަސް ހޭދަ ކުރައްވާފައެވެ. ޕީޕީއެމް/ޕީއެންސީގެ ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފްއާއި ލީޑަރޝިޕްގެ ބޭފުޅުންވެސް ވަނީ ގާސިމްގެ އަރިހަށް ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކާއިއެކު ކޯލިޝަން ނުހެދުމަށް ނިންމެވި ޖުމްހޫރީ ޕާޓީގެ 160 ވަނަ ކައުންސިލް ބައްދަލުވުމަށްފަހު މީޑިއާތަކާއި ގާސިމް ބައްދަލުކުރުމުން “ސަންގުން” ވަނީ ކޯލިޝަން ހެދުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ހުށައެޅި ހުށައެޅުންތަކަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.

ހުށައެޅުންތައް ހާމަ ކުރެއްވުމަށް ދެކޮޅު ހެއްދެއްވުމުން، ކޯލިޝަން ނުހެދުމަށް ނިންމާ، ސަރުކާރުގައި ހުންނަ މައްސަލަތައް ހައްލުކުރުމުގެ ފުރުސަތު ދޫކޮށްލަނީތޯ ސުވާލުކުރުމުން ގާސިމް ވިދާޅުވީ އެ ފުރުސަތު ގެއްލުވާ ނުލައްވާނެކަމަށެވެ. ކޯލިޝަން ނުހެދުމަށް ނިންމީ އެ ފުރުސަތު ނުލިބޭތީކަމަށާއި، އިސްލާހަށް އޭނާ ކުރައްވާ މަސައްކަތަކީ އިހުލާސްތެރިކަމާއިއެކު ބުރަ މަސައްކަތުން ކުރައްވާ ކަމެއްކަމަށް ދޭހަކޮށްދެއްވާ ގާސިމް ވިދާޅުވީ މިއީ އެންމެންވެސް ދަންނާނެ ހަގީގަތެއްކަމަށެވެ.

އެމްޑީޕީއާއިއެކު ދެވަނަ ދައުރެއް ހޯދުމަށް ކޯލިޝަން ހަދައިފިނަމަ، ސަރުކާރުގެ 40 އިންސައްތަ ދެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހުށައެޅުއްވިކަމަށް ބުނެ ދެކެވުނު ވާހަކަތައް ފާހަގަކޮށް ސުވާލުކުރުމުން ގާސިމް ވަނީ އެ ވާހަކަތައްވެސް ހިއްސާކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

މީގެ އިތުރުން ގާސިމް ވަނީ އޭނާއަކީ ރާއްޖޭގެ ސިޔާސީ މައިދާނަށް މިހާރު މާ ބޭނުންތެރި މީހެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ. އަދި އިންތިހާބުގެ ނަތީޖާއިން އޭނާއަށް ތާއީދު ނެތްކަން ހާމަވިކަމަށް ގާސިމް ވިދާޅުވިއެވެ.

މި ހިނދަށް އަޅުގަނޑު މާ ރެލެވެންޓް މީހެއް ކަމަކަށް ވެސް ނުދެކެން. އެއީ އަޅުގަނޑަށް އުމަރު ނަސީރަށް ވުރެ ދަށުން ވޯޓު ލިބިގެން އައިމާ، މާ ރެލެވެންޓް މީހަކަށް ހެދިގެން، މާ ބޮޑު މީހަކަށް ހެދިގެން އުޅޭކަށް ވެސް ބޭނުމެއް ނޫން.

ގާސިމް ވިދާޅުވިއެވެ.

އޭނާއަށް އޮތް ތާއިދު ގެއްލުނީ ރައްޔިތުންނަށް އިހުލާސްތެރި ނޫން ސަރުކާރުތައް ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތުގެ ސަބަބުންކަމަށާއި، އަދި ސަރުކާރުތަކުން ހައްދަވާ ގޯހުގެ ޒިންމާ ބޮލުގައި އެޅުމުންކަމަށް ގާސިމް ވިދާޅުވިއެވެ. އެއްވެސް ސަރުކަރަކީ ޖޭޕީގެ ތާއީދާއިއެކު ވެރިކަމަށް އައި ސަރުކާރެކޭ ބުނުމުގެ ފުރުސަތު ރައްޔިތުންނަށް ދެއްވަން ބޭނުން ނުވާކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިއަހަަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އޭނާ ތާއީދުކުރައްވާ ކެންޑިޑޭޓެއް ނެތްކަމަށެވެ. ނަމަވެސް ވޯޓަކީ މުހިންމު އެއްޗެއްކަމުން ވޯޓުލައްވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: