ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ސަފީރު: ފޮރުވިގެން ހުންނަ މުހިންމު ‘ސިޔާސީ’ ކުޅުންތެރިއެއް

ހުޅުމާލޭގައި ހުންނަ އިންޑިއާ އެމްބަސީގައި ދިދަ ނަގަނީ: ފޮޓޯ/ އިންޑިއާ އެމްބަސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައްޔިތުންގެ ބަސް ނުވަތަ ރިޔާސީ އިންތިހާބުގެ ވޯޓުގެ ނަތީޖާއަށް އަވައްޓެރި އިންޑިއާއިން ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންދާކަމަށް ބުނާ އަޑުތައް އެބަ އިވެއެވެ. އަދި ދިވެހިރާއްޖޭގައި މިވަގުތު އެ ގައުމުގެ ސިފައިން ހަރަކާތްތެރިވަމުންދާކަމަށްވެސް ބައެއް ސިޔާސީ އިސްވެރިން ބުނާކަންވެސް ފާހަގަކުރެވެއެވެ. އެހެންކަމުން އެ ގައުމުގެ ފަރާތުން ރާއްޖޭގެ މަސައްކަތްތަކާއި އެންމެ އިސްކޮށް ހަވާލުވެ ހުރި މީހަކީ ކޮބައިކަން އަދި އެ މީހެއްގެ މައުލޫމާތުތައް އެނގުމަކީ ދިވެހި ރައްޔިތުންނަށް މި ވަގުތު ކޮންމެހެންވެސް ބޭނުންތެރިކަމެއް ގޮތުގައި ފެނެއެވެ.

ރާއްޖޭގައި މިވަގުތު އިންޑިއާގެ ފަރާތުން އެންމެ އިސް މީހަކަށް ހުރީ، ރާއްޖެއަށް ކަނޑައެޅިފައިވާ ސަފީރު މުނޫ މަހާވަރެވެ. އޭނާ ރާއްޖޭގެ ސަފީރުކަމާއި ހަވާލުވެވަޑައިގަތީ 2021 ވަނަ އަހަރު ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. އޭނާގެ ކުރިން އެ މަގާމު ފުރުއްވަމުންދިޔަ ސަންޖޭ ސުދީރު މަގާމުން ވަކިވެގެންދިޔައީ ކޮރަޕްޝަނާއި ޑިޕްލޮމެޓެއްގެ މަގާމުގައި ހުރެ ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަންނަކަމުގެ ތުހުމަތުތައް ކުރެވިފައިވަނިކޮށެވެ. މުނޫ މަހާވަރު ދިވެހިރާއްޖެއަށް އައުން، އުންމީދީކަމެއްގެ ގޮތުގައި ބައެއް ދިވެހިން އެ ދުވަހު ފާހަގަކުރި ނަމަވެސް މިއަދު އޭނާއަކީ ދިވެހިންގެ ތެރެއިން ބަޔަކު މީހުންނަށް ފެނުނު ބިރުވެރި ހުވަފެނެކެވެ.

މުނޫ އަކީ ރާއްޖެއަށް ވަޑައިގަތުމުގެ ކުރިން އޮމާނުގެ ސަފީރުގެ މަގާމުގައި ހުންނެވި މީހެކެވެ. އޭނާ ރާއްޖެއަށް ވަޑައިގަތީ އޭނާގެ ކުރިއަށް އެ މަގާމު އަދާކުރެއްވި ސަންޖޭ ސުދީރުގެ މައްޗަށް ކުރެވުނު ބޮޑެތި ތުހުމަތުތަކާއިއެކު އެ ގައުމުނުް އެ ބަދަލު ގެނައުމަށް އެދުމާއިއެކުއެވެ. އެހެންނަމަވެސް އޭރު ސުދީރުގެ މައްޗަށް ތަފާތުއެކި ތުހުމަތުތައް ކުރެވުނު ފަދައިން މިއަދު މުނޫގެ މައްޗަށްވެސް ހަމަ ރާއްޖޭގެ ކަންކަމަށް ބަސްބުނަމުންދާކަމުގެ ތުހުމަތުތައް ކުރެވެއެވެ. އަދި ރައްޔިތުންގެ ރުޅިވެރިކަންވެސް އިންތިހާއަށް އަމާޒުވެއެވެ.

މިހާރުގެ އެމްޑީޕީގެ ސަރުކާރާއި އިންތިހާއަށް ގާތްކަމަށް ފެނިގެންދާ އިންޑިއާގެ ސަފީރު މުނޫގެ މައްޗަށް ކުރެވޭ ގިނަ ތުހުމަތުތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން އޭނާގެ ބެލުމުގެ ދަށުން ދިވެހިރާއްޖޭގެ އެކި މުއައްސަސާތަށް ހިންގަމުންދާކަމުގެ ތުހުމަތާއި ސިޔާސީ މައިދާނަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް ކުރެވެއެވެ.

މުނޫގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ސިޔާސީ މައިދާނުގެ އޮއެވަރަށް ބަދަލު ގެނައުން ހިމެނެއެވެ. ކުރެވެމުންދާ ތުހުމަތުތައް ސާބިތުކުރެވިފައިނުވާނަމަވެސް، ޝަރުއީ ދާއިރާގެ އެންމެ އިސްކޮށް ތިއްބަވާ ފަރާތްތަކާއި އެކު ޕްރޮގްރާމްތައް ހިންގެވުން ފަދަ މަސައްކަތްތަކުގައި ޝާމިލު ވެވަޑައިގެންފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އާއިއެކު އެ މުއައްސަސާގެ ޕްރޮގްރާމްތަކުގައި މަސައްކަތްކުރައްވާފައިވާއިރު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މޫތަސިމް އަދުނާނުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ފަނޑިޔާރުންނަށް ތަމްރީނުތައް ދިނުމުގެ މަސައްކަތްތައް ހިންގުމުގައި މުނޫވަނީ އުޅުއްވާފައެވެ.

މުނޫ މަހާވަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން: ފޮޓޯ/ ޖޭއެސްސީ
ސަފީރު މުނޫ މަހާވަރު، އުއްތަމަ ފަނޑިޔާރު މޫތަސިމް އަދުނާނު، ޕީޖީ އިބްރާހިމް ރިފްއަތު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން: ފޮޓޯ/ އިންޑިއާ ހައި ކޮމިޝަން

ދިވެހިރާއްޖޭގެ ހާރިޖީ ގުޅުމުގެ ވާހަކަތަކަކީ މިދިޔަ ފަސް އަހަރު ދުވަހު އެންމެ ގިނައިން އިވިގެންދިޔަ އެއް ވާހަކައެވެ. ރާއްޖެ އަދި އިންޑިއާއާއި ދެމެދު ނަހަމަ ގުޅުންތަކެއް އޮންނަކަމާއި އެ ގައުމުން ރާއްޖޭގެ މައްޗަށް ބާރު ފޯރުވަމުންދާކަމުގެ ތުހުމަތުތައް ކުރެވުނެވެ. އަދި ދިވެހިރާއްޖޭގެ ވަޒީރުންނަށް އިންޑިއާގެ އިރުޝާދު ދެއްވުމުގައި މުނޫ އިސްކޮށް ހުންނަވާކަމަށް ބުނެ ވާހަކަތައް ދެކެވުނެވެ. އިންޑިއާގެ އަސްކަރިއްޔާއިން ދިވެހިރާއްޖޭގައި ހާޒިރުވެ ހަރަކާތްތެރިވަމުންދާކަމަށްވެސް އަޑުފެތުރުނެވެ. އެހެންނަމަވެސް ކުރެވެމުންދަނީ ތުހުމަތުތަކެކެވެ. އަދި މިހާތަނަށް ސާބިތު ހިފޭ ކަމެއް މި ކަންކަމާއި ގުޅުވައި ފެނިފައި ނުފެނެއެވެ.

އޭނާއަކީ ސަފީރެއްކަމަށްވުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއިއެކު ގާތް ގުޅުމެއް އޮތްކަމަށް ފެނިގެންދެއެވެ. އަދި ރާއްޖޭގެ އަސްކަރިއްޔާއަށް ތަމްރީނު ދިނުމުގައި އެންމެ ބޮޑު އަތެއް ދިއްކުރަމުންދަނީވެސް އިންޑިއާކަަމަށްވުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ގާތުންވެސް ފެނިގެންދެއެވެ. އެގޮތުން ރާއްޖެ އާއި އިންޑިއާ ދެމެދު އެއްބަސްވުން ގާއިމުކުރުމުގެ ހަފްލާތަކުގެ ތެރެއިން މިނިސްޓަރު ޝާހިދު އަދި އިންޑިއާ ސިފައިންނާއިއެކު ކުރިއަށް ގެންދާ ތަމްރީނުތަކުގައި މާރިޔާ އާއިއެކު މުނޫ މަހާވަރު ބައިވެރިވެވަޑައިގެންފައިވެއެވެ.

މިނިސްޓަރު މާރިޔާ އަދި ސަފީރު މުނޫ މަހާވަރު އެމްއެންޑީއެފްގެ ތަމްރީނު ޕްރޮގްރާމެއްގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
އިންޑިއާ ސިފައިންގެ މީހަކު ދިވެހި ސިފައިންނަށް ތަމްރީނު ދިނުމުގައި: ފޮޓޯ/ ސޯޝަލްމީޑިއާ

މުނޫ މަހާވަރުގެ މައްޗަށް މި ފަހަކަށް އައިސް އެންމެ ބޮޑަށް ކުރެވެމުންދާ އެއް ތުހުމަތަކީ ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންދާކަމުގެ ތުހުމަތެވެ. ބައެއް ފަރާތްތަކުން މި ތުހުމަތުތައް ކުރަމުންދަނީ އެހެނިހެން ސަފީރުންނާއި ހާރިޖީ ދާއިރާގެ މީހުން ނުވާ މިންވަރަށް ގައުމެއްގެ ކަމެއްގައި އަމަލީގޮތުން ހަރަކާތްތެރިވާތީކަމަށްވެސް ވުން އެކަށީގެންވެއެވެ. ރިޔާސީ އިންތިހާބުގެ ރޭސް ފެށުމާއިއެކު، މުނޫ މަހާވަރު ރާއްޖޭގެ އިލެކްޝަނަސް ކޮމިޝަނަށް ވަޑައިގެންނެވިއެވެ. އެކަމުގެ ނަތީޖާއަކީ އިންޑިއާއިން ރާއްޖޭގެ 2023ގެ ރިޔާސީ ވޯޓު “ވަގަށް ނެގުމަށް” މަސައްކަތްކުރަމުންދާކަމަށް ބުނެ މިއަދު އަޑު އުފުލަން ފަށާފައިވުމެވެ.

މުނޫ މަހާވަރު އިލެކްޝަންސް ކޮމިޝަންގައި: ފޮޓޯ/ އިލެކްޝަންސް

މިހެން ގޮސް މިއަދު ދިވެހިރާއްޖޭގެ ވަޒީރުންގެ މަގާމު އަދާކުރައްވާ ފަރާތްތަކަށާއި އެޓާރނީ ޖެނެރަލް ފަދަ އެހެނިހެން ބައެއް އިސް މަގާމުތަކުގައި ތިއްބަވާ މީހުންނަށް މުނޫއަކީ އާންމު އަދި އެކުވެރި މޫނަކެވެ. އެހެންނަމަވެސް ފެނިގެންދަނީ ނުފޫޒު ފޯރުވުމުގެ ގޮތުންނާއި އިރުޝާދު ދިނުމުގެ ގޮތުންކަމަށް ބުނެ ދިވެހިން ރައްޔިތުންގެ ތެރެއިން ބައެއް މީހުން މުނޫގެ އަމަލުތައް ހުރި ގޮތް ބަލައިނުގަންނަކަން ސޯޝަލްމީޑިއާގައިވެސް ހިއްސާކުރެއެވެ.

އެގޮތުން ބޭރު ގައުމެއްގެ ސަފީރު ބޭނުން އިރަކު ދިވެހިރާއްޖޭގެ ސަލާމަތީ މުއައްސަސާތަކުގެ ތެރެއަށް ވަނުން ދިވެހިންނަށް ކަމުނުދާއިރު، އޭނާ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާކަމާއިމެދުވެސް ގިނަ ބަޔަކު ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރެއެވެ.

މީހުން ނުރުހުން ފާޅުކުރަމުންދަނީ ގައުމުތަކަށް ކަނޑައެޅިފައިވާ ސަފީރުންނަކީ އެ ގައުމުގެ ރައްޔިތުންގެ ތެރޭގައި ނިންމޭ ނިނުމުންތަކުގެ ތެރެއަށް ވަދެ އުޅޭ ބަޔަކަށް ނުވުމުންނެވެ. އަދި އެފަދަ މަގާމުތައް އަދާކުރާ މީހުންނަކީ ތުހުމަތެއް ކުރެވިދާނެ ނުވަތަ އިތުބާރު ގެއްލިދާނެ ފަދަ ފުރުސަތުތަކާއިވެސް ދުރުހެލިކޮށް އުޅޭ ބައެއްކަމަށް ފެނިގެންދާއިރު، މުނޫ މަހާވަރު ރާއްޖޭގެ ކަންކަން ގާތުން ބެއްލެވުމުގައި އަދި އަމަލީގޮތުން ހިންގެވުމުގައި އެހީތެރިވެ އުޅުއްވާކަމަށްވުމުން ފާޑުކިޔާ މީހުން އެ ތަފާތު ފާހަކުރެއެވެ.

މުނޫ މަހާވަރު އެމްޑީޕީގެ ހަރަކާތެއްގެ އެންމެ ކުރީ ސަފުގައި އިންނަވަނިކޮށް: ފޮޓޯ/ ސޯޝަލްމީޑިއާ
ވެރިކަން ކުރާ ކޯލިޝަން ރޫޅާލުމަށްފަހު ޖޭޕީއިން ބޭއްވި ކޮންގްރެސްގައި އިންވަނިކޮށް: ފޮޓޯ/ ސޯޝަލްމީޑިއާ

މިހާރު އިންތިހާބަށް މަދު ދުވަސްކޮޅަކަށްވެފައިވާއިރު، އިންޑިއާ އާއި ގުޅުވައި އިވިގެންދަނީ އިންތިހާއަށް ނުތަނަވަސް ވާހަކަތަކެވެ. އެހެންކަމުން އިންޑިއާއިން ރާއްޖޭގައި ކުރާ ކޮންމެ ކަމެއް ހިންގުމާއި ހަވާލުވެ ހުރި މީހާއާއި މި ތުހުމަތުތަކާއި ގުޅޭގޮތުން މިހާތަނަށް ސުވާލު ކުރުމަށް ފުރުސަތު ފަހިވެފައިނުވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ހިތަށް އަރައެވެ. އަދި ގާތް ދެ ގައުމުގެ ދެމެދު މަސްލަހަތު ގެއްލިގެންދާއިރު، ރާއްޖެއަށް ހެޔޮ އެދޭކަމަށް ދައްކަވަމުންދާ މުނޫ އަށް އިސްވެ މަސްލަހަތު ދެމެހެއްޓުމަށް އެއްޗެއް ބުނެވިފައިނުވަނީ ކޮން ސަބަބާއި ގުޅިގެންތޯވެސް ހިތަށް އަރައެވެ.

މީގެ ކުރިން އިންޑިއާ ސަފީރަކު ޕްރޮޖެކްޓުތަކުން ކަޓު ނަގާ މައްސަލައާއި ރާއްޖޭގެ ކަންކަމަށް އަތް ބޭނުމުން މައްސަލައިގައި މަގާމުން ދުރުކޮށްފައިވާއިރު، ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި މަސްލަހަތު ގެއްލިދާނެ ފަދަ ވަގުތެއްގައި އެކަމަށް ބެލުމެއް ނެތި ގައުމުގެ އިސްވެރިންނާއި އިންތިހާ ގާތުން މުނޫ އުޅުއްވަމުންދަނީ އަދި އެކަމަށް ހުއްޓުމެއް އައިސްފައިނުވަނީ ކޮން ސަބަބަކާއި ގުޅިގެންބާއޭ ހިތަށް އަރައެވެ.

ވޯޓާއި ގާތްވެފައިވުމުން، ރާއްޖޭގެ ރައްޔިތުން ގައުމުގައި ހިނގަމުންދާ ކަންކަން އަދި ހުރި މައްސަލަތަކާއި ހައްލުތަކަށްވެސް ވިސްނުން ވަރަށްވެސް މުހިންމެވެ. ސިޔާސީ އޮއެވަރެއްގައި ވަކި ބަޔަކު ހޮވުމަށްވުރެ ގައުމު ރަނގަޅު މަގަކުން ކުރިއަށް ގެންދިއުން މުހިންމެވެ. އަދި ގައުމުގެ ރައްޔިތުން އިސްތިއުމާރު ކުރާ ބަޑީގެ ވަޒަނުން ފެންބަޑިއަކަށްވުރެ ބޮޑެތި އަނިޔާތައް ލިބިގެންދާނެކަން ހަނދާނުގައި ބެހެއްޓުންވެސް ވަރަށް މުހިންމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: