ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނިތަކާއި މަޝްރޫޢުތަކެއް ނުހުއްޓޭނެ، ވަޒީފާތަކެއް ނުގެއްލޭނެ: ޑރ މުއިއްޒު

ޑރ މުއިއްޒު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕިޢޭންސީއަށް ވެރިކަން ލިބިއްޖެ ނަމަ ކުންފުނިތައް އުވާލައި މުއައްޒަފުންތައް ވަޒީފާއިން ވަކިކުރާނެކަމަށް ބުނާ ވާހަކަތައް ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.

”އާސްކު މުއިއްޒު“ ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ މުއިއްޒުވަނީ ދޮގު ވާހަކަތައް ފަތުރަމުންދާކަަމުގެ ކަންބޮޑުވުންތައް އޮތްކަން ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، މީހުން އެ ވާހަކަތަކުގެ ހަގީގަތެއް ނުބަލާކަމަށާއި ހަގީގަތާއި ހިލާފު ވާހަހަކަތައް ފެތުރުން ދެވަނަ ބުރަށް ވޯޓުލުމާއި ޖެހެންދެން ކެމްޕެއިން ކުރަން ލިބިފައިވާ ދުވަސްތަކުގެ ތެރޭގައި އިތުރުވެފައިވާކަމަށެވެ.

މުއިއްޒު ވިދާޅުވީ، ދެވަނަ ބުރުގައި ޒިޔާރަތްކުރެއްވިފައިވާ ރަށްތަކުގެ ތެރެއިން 25 ވަރަކަށް ރަށުން ”ކުންފުނިތައް އުވާލާނެ“ ކަމަށް ބުނެ ދެކެވެމުންދާ ހަގީގަތާއި ހިލާފު ވާހަކަތަކާއި ގުޅޭގޮތުން ސުވާލު ކުރެވިގެންދިޔަކަމަށެވެ. އޭނާ ވިދާޅުވީ، ޕޯޑިއަމްތަކުގައި އެ ކަމާއި ގުޅޭގޮތުން ވާހަކަދެއްކެވުމަށްވެސް އިރުޝާދު ލިބުނު ފަހަރުތައްވެސް އައިސްފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ކުންފުނިތައް އުވާލާނެތޯ، މީހުން ވަޒީފާއިން ވަކި ކުރާނެތޯ، ނުވަތަ މަޝްރޫއުތައް ހުއްޓާލާނެތޯވެސް ސުވާލުކޮށްފައިވާކަމަށާއި ސިޔާސީ ވާދަވެރިން ރައްޔިތުންގެ ތެރޭގައި ބިރު އުފައްދަމުންދާކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސިޔާސީ މަގާމެއްގައި ތިބި ބައެއް މީހުން ނޫނީ އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެކަމަށް ތަކުރާރުކޮށް ދެންނެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ސިޔާސީ މަގާމުތަކަކީ ކޮންމެ ސަރުކާރެއް ބަދަލުވުމާއިއެކު އުވިގެންދާ އެއްޗެއްކަމަށެވެ. އެހެންނަމަވެސް ވެރިކަމާއި ހަވާލުވާ ސަރުކާރުން ބަހައްޓަން ބޭނުންވެއްޖެ މީހަކު ބެހެއްޓުމުގެ ފުރުސަތުވެސް އޮތްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެނަކަ އަދި އެހެނިހެން އެސްއޯއީތަކުން އެއްވެސް މުއައްޒިފަކު ވަކި ނުކުރާނެކަމަށެވެ. މުއިއްޒު ވިދާޅުވީ، ކުންފުނި އުވާލާނެކަމަށް ބުނެ ދައްކަމުންދަނީވެސް ހަގީގަތާއި ހިލާފު ވާހަކައެއްކަމަށާއި، އެއްވެސް ކުންފުންޏެއް އުވާ ނުލާނެކަމަށްވެސް ވިދާޅުވިއެވެ.

ޑރ މުއިއްޒު ވިދާޅުވީ، ދައްކަވަމުންދަނީ އިގްތިސާދީ ހާލަތު ހީނަރު ވާހަކަ އަދި އެކަން ހައްލުކުރުމަށް ކުރަންޖެހޭ ކަންކަން ހުރި ވާހަކަކަމަށެވެ. މިސާލަކަށް ފެނަކަ ފަދަ ކުންފުންޏެއްގެ ދަރަނީގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ ކަންކަން ހުންނާނެކަމަށާއި އެހެންނަމަވެސް އެގޮތުން ކުރެވޭ އެއްވެސް މަސައްކަތަކީ ކުންފުނި އުވާލުމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ރަށުގައި ވަޒީފާ އަދާކުރަމުންދާ މީހުން މަސައްކަތްކުރާ ކުންފުނި ބަދަލުވެގެންދިޔަނަމަވެސް ވަޒީފާ ކަށަވަރުކަމަށާއި ރަށުގައި ހުރެެގެން ވަޒީފާ އަދާކުރެވޭނެކަމަށެވެ. މުއިއްޒުވަނީ އެފަދަ ހާލަތެއްގައި ލިބެމުންދާ މުސާރައަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންނަށް ލިބެމުންދާ އެއްވެސް އެއްޗެއް އުނި ނުވާނެކަމަށާއި ވެގެންވަންޏާ އިގްތިސާދީ ގޮތުން ކުރިއަރައި އާމްދަނީ އިތުރުވެގެންދާ މިންވަރަކުން މިހާރު ލިބެމުންދާ ވަރަށްވުރެ ރަނގަޅު މުސާރައެއް ދިނުމަށް މަގުފަހިވެގެންދާނެކަމަށެވެ. މުއިއްޒު ވިދާޅުވީ، އެއްވެސް ކުންފުންޏެއް ހުއްޓާނުލައްވާނެކަމަށާއި އެއްވެސް މީހަކު ވަޒީފާއިންވެސް ވަކި ނުކުރާނެއިރު، އެއްވެސް މަޝްރޫއުއެއްވެސް ނުހުއްޓުވާނެކަމަށެވެ.

މުއިއްޒު ވިދާޅުވީ، ގިނަ އަދަދެއްގެ ރަށްތަކުން އެ ސުވާލު ކޮށްފައިވާކަމަށާއި، އެއީ އެ ރަށްތަކުގައި ތިއްބަވާ އެމްޑީޕީގެ ޓީމުން އެފަދަ މައުލޫމާތު ފަތުރާތީކަމަށް ބެލޭވޭކަމަށް ވިދާޅުވިއެވެ. ބައެއް މީހުން ސުވާލުކުރާއިރު އެ ވާހަކަތައް ގަބޫލުކުރާކަމަށް ފެނިގެންދާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: