އިންޖީނު ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް މާލީގޮތުން ލުއިފަސޭހަ ކޮށްދިނުމަށްޓަކައ،ި އެމްޓީސީސީން މޯލްޑިވްސް އިސްލާމިކް ބޭންކާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މުފައްދަލް އިދްރީސެވެ.
މި އެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޓީސީސީން ވިއްކާ ޔަންމާ އަދި ސުޒުކީ ބްރޭންޑްގެ އިންޖީނު ބައްލަވައި ގަންނަވާ ކަސްޓަމަރުންނަށް ދިގު މުއްދަތަށް ބަހާލައިގެން އިސްލާމީ އުސޫލްތަކާއި އެއްގޮތްވާގޮތުގެމަތިން އިންޖީނަށް ފައިސާ ދައްކާ ހަލާސް ކުރެވޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެހޭނެކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އަދި އެއްބަސްވުމުގެ ދަށުން ސުޒުކީ އައުޓްބޯޑު އިންޖީނުން 2.5 އެޗ.ްޕީ އިން 325 އެޗ.ްޕީ އާހަމައަށް 8 އިންސައްތައިގެ ޑިސްކައުންޓެއް އަދި ޔަންމާ 35 އެޗ.ްޕީ އިން 1400 އެޗ.ްޕީ އާހަމައަށް އިންޖީނުން 5 އިންސައްތައިގެ ޑިސްކައުންޓެއް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.
މިއާއި އެކު ކަސްޓަމަރުން ހޭލުންތެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އެމްޓީސީސީއާއި މޯލްޑިވްސް އިސްލާމިކް ބޭންކް ގުޅިގެން ތަފާތު ހަރަކާތްތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މީޑިއާތަކުގެ އިތުރަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއ،ި އޮޑިވެރިންނާއި އޮޑި ދޯނިފަހަރު ބަންނަ ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވައިގެން ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޓީސީސީން ބުނީ މި ޕްރޮމޯޝަންގެ މަގްސަދަކ،ީ އިންޖީނު ފައިނޭންސް ކުރުމުގައި ކަސްޓަމަރުންނަށް ލުއި ގޮތްތައް ހޯދައިދިނުމާއ،ި މަސްވެރިންނާއ،ި ކަނޑު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއ،ި މޫދު ކުޅިވަރު ފަދަ ހަރަކާތްރަކުގައި ޝާމިލުވެ އުޅޭ ފަރާތްތަކުން އިންޖީނަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށެވެ. އަދި އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އެކަށީގެންވާ ފެންވަރާއި އަގުގައި މުދާ ފޯރުކޮށްދިނުންކަމަށް ބުންޏެވެ.
އެމްޓިސީސީން ބުނެފައި ވަނީ ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއ،ި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް މި ކުންފުނިން އަބަދުވެސް ދަނީ ރާވައި ހިންގަމުން ކަމަށެވެ.

