ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ދެން އަންނަ ވެރިކަމެއްގައި ދަރަނިވެރިވިއަސް ޖަލު ބަންދެއް ނާންނަ ގޮތަށް ގާނޫނެއް އެކުލަވައިލަނީ!

ސޯސަން ޖަގަހައިގައި އެމްޑީޕީއިން ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ދެން އަންނަ ވެރިކަމެއްގައި ދަރަނިވެރިވިއަސް ޖަލު ބަންދެއް ނާންނަ ގޮތަށް ގާނޫނެއް އެކުލަވައިލުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންފިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއިން ހުށައެޅި މެނިފެސްޓޯގެ ދަށުން އިންސާފު ގާއިމުކުރުމުގެ ނިޒާމު ފުރިހަމަކުރުމަށް ގިނަ ވައުދުތަކެއްވެފައިވެއެވެ.

އެގޮތުން:

  • ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ހަލުވިކަމާއިއެކު ކުރިޔަށް ގެންދެވޭނެ އިންތިޒާމު ފަހިކޮށްދިނުމަށްޓަކައި، ކޯޓުތަކަށް ބޭނުންވާ ޖާގައާ ޒަމާނީ ވަސީލަތްތައް ގާއިމުކުރާނެ.

  • ކޯޓުތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް، ގުޅިފައިވާ ޑިޖިޓަލް ވިއުގައެއްގެ ތެރެއިން ކޯޓުތަކަށް މައްސަލަ ހުށަހެޅުމާއި، މައްސަލައިގެ ލިޔުންތަކާއި އިދާރީ ކަންކަން ފުރިހަމަކުރެވޭނޭ ނިޒާމެއް ގާއިމުކުރާނެ. އަދި، ރާއްޖޭގެ ހުރިހާ ކޯޓުތަކުގެ މެދުގައި މުއާމަލާތްކުރުމާއި ލިޔެކިޔުން ބަދަލުކުރުމުގެ އިދާރީ އިންތިޒާމުތަކާއި، ޝަރީއަތުގެ އަޑުއެހުންތައް ރެކޯޑުކޮށް ރައްކާކުރުމުގެ ވަސީލަތްތަކާއި ކުށާއި ދަރަނީގެ ރެކޯޑު ބެލެހެއްޓޭ އިންތިޒާމުތައް މި ވިއުގައިގެ ތެރެއިން ގާއިމްކުރާނެ.

  • ކޯޓުތަކުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި، ސްޕީޗް ޓު ޓެކްސްޓް ޓޫލްސް، ރެފެރެންސިންގ ޓޫލްސް ފަދަ އެސިސްޓިވް ޓޫލްސް ބޭނުންކުރުމަށް އަރޓިފިޝަލް އިންޓެލިޖެންސް (AI) އަށް އިންވެސްޓްކުރާނެ.

  • ފަނޑިޔާރުންނާއި، ޖުޑީޝަރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށްޓަކައި، ޖުޑީޝަލް އެކަޑެމީއަކީ، ފަނޑިޔާރުންނާއި، ޖުޑީޝަރީގެ މުވައްޒަފުންގެ ގާބިލުކަމާއި، މަސައްކަތުގެ ހުނަރު އަދާހަމަކޮށް ހިފެހެއްޓުމަށް ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީނު ޕްރޮގްރާމުތައް ރާވާ ހިންގާ މަރުކަޒަކަށް ހެދުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރާނެ.

  • ފަނޑިޔާރުންނާއި، ޖުޑީޝަރީގެ މުވައްޒަފުންނަކީ، އެމީހުންގެ ދިރިއުޅުމުގެ ހަރަދުބަރަދާއި، ޒަރޫރީ ކަންކަން ހަމަޖެއްސުންފަދަ ކަންކަމުގައި އެހެން މީހުންނަށް ބަރޯސާވާންނުޖެހޭ ފުދުންތެރި ދިރިއުޅުމެއް އުޅޭ މުސްތަގިއްލު ބައެއްކަން ކަށަވަރުކުރުމަށްޓަކައި، ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހިދުމަތްކުރާ ފަނޑިޔާރުންނަށާއި މުވައްޒަފުންނަށް އެކޮމޮޑޭޝަން ފަހިކޮށްދޭނެ.

  • ޝަރީއަތެއް ހިންގުމަކާ ނުލާ މަޝްވަރާގެ އުސޫލުން މައްސަލަ ހައްލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، މަދަނީ އަދި އާއިލީ މައްސަލަތަކުގައި މީޑިއޭޝަން ހިންގޭނެ ގޮތަށް ގާނޫނު އިސްލާހުކުރުމާއި، މަދަނީ އަދި އާއިލީ މައްސަލަތައް ބަލާ ކޯޓުތަކުގައި މީޑިއޭޝަން ހިންގޭނެ މީޑިއޭޓަރުން ތަމްރީނުކޮށް، ކޯޓު އެނެކްސްޑް މީޑިއޭޝަންގެ ނިޒާމެއް ގާއިމުކުރާނެ.

  • ދަރަނިވެރިވުމަކީ ޖަލު ބަންދެއް އަންނަ ސަބަބަކަށްވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ޓަކައި، ވިޔަފާރިތަކަށާއި ވަކިވަކި ފަރުދުންނަށްވެސް ބޭންކްރަޕްޓްސީ ޑިކްލެއަރ ކުރެވޭގޮތަށް ބޭންކްރަޕްޓްސީއާބެހޭ ގާނޫނެއް އެކުލަވައިލާނެ.

  • ޖިނާއީ ކުށްކުށުގައި އަނިޔާލިބޭ ފަރާތްތަކުގެ ބަހެއް ނުލިބުމުގެ ސަބަބުން، އެފަރާތްތަކަށް އިންސާފު ލިބިދިނުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ޖިނާއީ މައްސަލަތަކުގެ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައި، އަނިޔާ ލިބޭފަރާތަށް ބަސް ބުނުމަށް ފުރުސަތުދިނުން ލާޒިމުވާގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކުރާނެ.

  • ޖަލަށްލައި އެކަހެރިކުރުމުގެ ބަދަލުގައި، ކުށްކުރާ މީހުން މުޖުތަމައުއަށް އަނބުރާ ގެނައުމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ މައިގަނޑު އަސާސް ކަމުގައި ހަދައި، ޖަލަށްލުން ފިޔަވައި ދޭ އެހެނިހެން އަދަބުތައް ތަންފީޒުކޮށް ހިންގާނޭ އިދާރާއެއް ޤާއިމުކުރުމާއި، އެ އިދާރާގެ ދަށުން ވިލަރެސްކުރެވިގެން، ގޭ ބަންދު ނުވަތަ މުޖުތަމައުއަށް ހިދުމަތްކުރުން ނުވަތަ ކަނޑައަޅާ ރީހެބިލިޓޭޓިވް ޕްރޮގްރާމްތަކުގައި ބައިވެރިވުމުން އަދަބު ތަންފީޒުކުރެވޭކަން ކަށަވަރުކޮށް، އެ އިދާރާގެ ބެލުމުގެ ދަށުން ޕެރޯލްގެ ނިޒާމު ހިންގާނެ.

ކޯޓުތަކުގެ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރާއި ގާބިލުކަން ވަޒަންކުރުމުގެ އަމަލީ މަސައްކަތްތައް މިދައުރުގައި ފެށިފައިވާކަމަށް އެމްޑީޕީއިން ގަބޫލުކުރެއެވެ. އެގޮތުން ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ އަދި ދައުލަތުގެ އެހެން ބާރުތަކުގެ ނުފޫޒުން މިނިވަން ތަނަކަށް ވާނީ ހަދާފައިކަމަށް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 43%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 14%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: