ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދިންގެ އަޚްލާގު ދަށްވުން، ޒިންމާ ނަގާނީ ކޮން ބައެއް؟

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ އެންމެ ސާފު ގޮތުގައެވެ. އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަސާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އޭނާގެ މައިންބަފައިންނެވެ. ކަން މިހެން އޮތްއިރު މިއަދު އެކުދިން ކުރާ ރަނގަޅު އަދި ގޯސް ކަންކަމުގެ ޒިންމާވާންޖެހޭ ފަރާތަކީ އެކުއްޖެއްގެ މައިންބަފައިންނޭ އެންމެން ވެސް ބުނެއެވެ. ނަމަވެސް ތިމާ ދިރިއުޅޭ މާހައުލަކީ ބޮޑުވަމުން ދުނިޔޭގެ ހެވާއި ނުބައި ދަސްވަމުން އަންނަ ކުއްޖާއަށް އެންމެ ރަނގަޅު މާހައުލުތޯ އަމިއްލައަށް ސުވާލު ކޮށްލާށެވެ. ކުޑަކުއްޖަކު ބޮޑުވަމުން އަންނައިރު އެކުއްޖާ ހަމައެކަނި ވަގުތު ހޭދަކުރާ ތަނަކީ އެކުއްޖަކު ދިރިއުޅޭ ގެއެއް ނޫނެވެ. މިހެން ކަން އޮތްއިރު އެ ކުޑަކުއްޖާ ކަންކަން ދަސްކުރާނީވެސް ހަމައެކަނި ގެއަކުން ނޫނެވެ. އެކުއްޖާ މައިންބަފައިންނާއި އެކު ހޭދަކުރާ ވަގުތުގެ އިތުރުން ސްކޫލާއި އަދި ބޭރުތެރޭގައިވެސް އެތައް ވަގުތެއް ހޭދަކުރެއެވެ. ނަމަވެސް ބައެއް ކުދިންނަކީ އެކުއްޖެއްގެ ގޭގައި އިންޓަރނެޓް މެދުވެރިކޮށްވެސް އެތައް އެއްޗެއް ދަސްކުރާ ކުދިންނެވެ.

އަޅުގަނޑުމެންގެ މުޖުތަމައުގައި މިއަދު ކުޑަކުއްޖެއް ބޮޑުމީހެއް ބަލާލުމެއް ނޯވެއެވެ. މިއަދު ބޭރުތެރޭގައި ނުވަތަ މީހުން އެއްވާ ތަންތަނުގައި ތިމާގެ އަޚްލާގީ މިންގަނޑު ގެންގުޅެނީ އެންމެ އެދެވޭ ގޮތުގައެއް ނޫނެވެ. އަޑުއަހާލަން ކިތަންމެ އުނދަގޫ ވާހަކައެއް ނަމަވެސް މިއީ މިއަދުގެ ހިތި ހަގީގަތެވެ. ކުޑަކުދިންނާއި ފުރާވަރުގެ ކުދިން އެއްވެ މަޖާކުރާ ޕާކުތަކާއި، ބަނދަރާއި އަދި އެނޫންވެސް ގިނަ ތަންތަނަކީ އެތަނެއްގައި އެންމެ ނޭދެވޭ ގިނަ އަމަލުތައް ކުރާ ތަންތަނެވެ. ބޮޑެތި މީހުން ނުވަތަ ކަންކަމުގައި ތަޖުރިބާހުރި ކަމުވޮށިވެގެންވާ މީހުންވެސް އެސަރަހައްދުތަކަށް ގޮސް ހިތަށްއެރިހާ މީހަކާ ޒުވާބުކޮށް ނުވަތަ ހިތަށްއެރިހާ ހަޑިހުތުރު ބަސްތައް ބޭނުންކޮށްގެން ވާހަކަ ދައްކައެވެ. ގާތުގައި ހުންނަ ކުޑަ، ދުނިޔޭގެ ކަންކަން ދަސްކުރަމުން ފެންނަމުންދާ ކުއްޖާއަށް ތަޖުރިބާ ކުރެވޭ މަންޒަރަކީ އެއީ އެވެ. އެކުއްޖާގެ ބެލެނިވެރިޔާ އިންނަނީ ފޯނުގެ ދުނިޔެއަށް ގެއްލިފައި ނުވަތަ ރައްޓެއްސަކާ ސަކަ ވާހަކައެއް ދެއްކުމަށް ވަގުތު ހޭދަކުރާށެވެ. މިއަދު ކުޑަކުދިންގެ ރައްކާތެރިކަމާއި އެކުދިންގެ ހައްގުތައް ކަށަވަރު ނުކުރެވެއެވެ.

މި ކުޑަ އާބާދީ ހިމެނޭ ރާއްޖޭގައި ބޮޑުވަމުން އަންނަ ކުދިންގެ ގައިގައި އަހްލާގީ ފެންވަރު ދަށޭ ބުނާ އަޑު ވަރަށް ގިނައިން އަހަމެވެ. އެހެން ނަމަވެސް އެހެން ވަނީ ކޮން ސަބަބަކާއި ހުރެތޯ ވިސްނާލަނީ ކާކު ހެއްޔެވެ؟ ކުދިން ސްކޫލަށް ދިޔަޔަސް އެތަނުގައި ބޮޑަށް ހުންނަ ވެރިއަކަށް އިހްތިރާމެއް ނުކުރެއެވެ. ކިތަންމެ މަތީ ފަންތީގެ މީހަކު ދިމާވި ނަމަވެސް އެމީހުންނާއި މުއާމަލާތް ކުރަން ޖެހެނީ ކިހިނެއްކަމެއް ގިނަ ކުދިންނަކަށް ނޭނގެއެވެ. އެންމެ ބޮޑެތި ވެރިންގެ ވާހަކަ ބާއްވާފައި ތިމާ އެމީހެއްގެ ބަނޑުގައި ނުވަ މާހާއި ނުވަ ދުވަސް ވަންދެން އުފުލި މައިމީހާއަށް ވެސް މިއަދު މިފެންނަނީ ހިތަށްއެރިހާ އެއްޗެއް ގޮވަމުންދާ މަންޒަރެވެ. މިހާވަރަށް ކުދިންގެ އަހްލާގީ މިންގަނޑު ދަށްވުމަކީ މިއަދު އަޅުގަނޑުމެން ނިހާޔަތަށް ކަންބޮޑު ވާންޖެހޭ ކަމެއް ނޫން ތޯއެވެ؟ މަގެއްގެ މައްޗަށް ނިކުތުމުން ދިވެހިންގެ ރިވެތި ބަސްތައް ބޭނުންކުރުމުގެ ބަދަލުގައި އަޑުއިވެނީ ހަޑިހުތުރު ބަސްތަކުން މުހާތަބު ކުރާ އަޑެވެ. މަގުމަތީގެ ރީތި އަދަބުތައް ނެތިގެން ހިނގައްޖެއެވެ. މީހުންނަށް އިހުތިރާމުކުރާ މަންޒަރެއްވެސް ނުފެނެއެވެ.

މީހުން ބުނެ އުޅެއެވެ. ކުޑަ ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ގޮތަށެވެ. ފުރަތަމަ ރާއްޖޭގެ މަތީ ފަންތީގައި ތިއްބެވި ވެރިންގެ ވާހަކަ ދައްކަމާތޯއެވެ. ވެރިންނަކީ ރައްޔިތުން އިހްތިރާމު ކުރާ ބަޔަކަށް މިއަދު ނުވެއެވެ. އެ ބޭފުޅުންގެ ބަސް މިއަދު އަހާނެ ރައްޔިތަކު ނޫޅެއެވެ. ވެރިން މިއަދު ޕޯޑިއަމްތަކަށް އަރައި ދައްކާ ސިޔާސީ މަންޒަރު ނުފެންނަ ކުއްޖެއް ނުހުންނާނެވެ. އެންމެ އިއްޒަތްތެރި ކަމަށް ބުނާ މެންބަރުން އުޅުއްވާ ރައްޔިތުންގެ މަޖިލީހަކީވެސް މިއަދު ބަތްކައްކާކުޅޭ ތަނަކަށް ވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް މިއަދު ވަކި އުސޫލެއް ނޯވެއެވެ. އަދި ގަވާއިދަކަށް ހުރުމަތްތެރިކޮށް ހިތްތަވާ މެމްބަރަކު ނޫޅުއްވައެވެ. މަޖިލީހުގެ ހުރުމަތް ވަނީ ކެނޑިފައެވެ. ހުރިހާ ވެރިންނަށް މިއަދު ގޮވަނީ ހިތް ނޭދޭފަދަ ހަޑި ހުތުރު ބަސްތަކުންނެވެ. ރަށަށް ތިމާ ސަޕޯޓް ނުކުރާ ވެރިއަކު އަރައިފި ނަމަ ގަލާއި ވެއްޔާ ދެންވެސް އަތުގައި ޖެހޭ އެއްޗެެއް އުކައެވެ. މި މަންޒަރުތައް ބަލަން ތިމާގެ ކުޑަ ދަރިފުޅުވެސް ސިޔާސީ ކުރުވައިގެން އެ އެއްވުންތަކުގައި ބައިވެރިކުރުވައެވެ. ނަތީޖާއަކަށް ވަނީ އެކުއްޖާ އެ ކަންކަން ދަސްކުރުމެވެ.

ދިވެހީންގެ ތެރޭގައިވާ ރީތި އާދަތައް މިއަދުގެ ކުދިންގެ ކިބައިން ނުފެނެއެވެ. މިއީ މާދާމާ މިގައުމުގެ ދިދަ ވިހުރުވާލަން ތިބި ކުދިންގެ ހާލަތެވެ. މިއީ މާދަމާ ރާއްޖޭގެ ބޮޑެތި މޭޒުތަކުގައި ގައުމާ ހަވާލުވާން ތިބި ކުދިންގެ ހާލަތެވެ. އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުގެ ފަރުދުންނަކީ މިހާ އަހްލާގީ ފެންވަރު ދަށް ބަޔަކަށް ހެދީ ހަމަ މި މިޖުތަމައުންނެވެ. މިއަދު އެކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ ވެސް ހަމަ އެއީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: