ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ އަޑުއެހުން ދައުލަތުން އެދިގެން ކެންސަލް ކޮށްފިއެވެ. އެ މައްސަލަ ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 2:00 އަށެވެ.
ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވި ކަމުގެ ކުށުގައި ރައީސް ޔާމީން އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ހައިކޯޓުގައި ތަވާލް ކޮށްފައިވީ ނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އެދިގެން މި އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
އެންމެ ފަހުން ބާއްވަން ތާވަލު ކުރި ރައީސް ޔާމީންގެ އިސްތިއުނާފީ އަޑު އެހުން ވަނީ ކެންސަލްވެފައެވެ. އެއީ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުންނެވެ.
ރައީސް ޔާމީން މި ވަގުތު ގޭ ބަންދުގައި ހުންނެވިއިރު، ވ. އާރަށް ކުއްޔަށް ދީގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާއިން މަންފާ ނެންގެވިކަމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ މިދިޔަ ޑިސެމްބަރު 25 ގައެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 05 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ހުކުމްކޮށްފައެވެ. ނަމަވެސް ޢެ ފައިސާ ވެސް ރައީސް ޔާމީން ދައްކާފައެއް ޏުވެއެވެ.
ނަމަވެސް މިހާރު ހައި ކޯޓުން ވަނީ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް ނެރެފައެވެ.
ރައީސް ޔާމީންއަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ހައްގު ގެއްލުނު ސަބަބުތަކުގެ ތެރޭގައި މި ދަރަނި ނުދައްކާ އޮތުން ހިމެނުނުއިރު، ރައީސް ޔާމީން ވިދާޅުވީ ދަރަނި ދައްކަންޖެހޭ ވަކި ތާރީހެއް ދީފައިނުވާކަމަށެވެ.