ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ތިބި ޖުމްލަ އިންޑިއާ ސިފައިންގެ އަދަދު ނޭނގޭތީ ކަންބޮޑުވޭ: މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެ ދޫކޮށް ދިއުން ނޫން އިތުރު ގޮތެއް ނެތްކަމަށާއި، އެ މަސައްކަތާއި އެ ގައުމުން ރާއްޖޭގައި ކުރިޔަށް ގެންދާ އެއްވެސް މަޝްރޫއުއަކަށް ބުރޫނާރާނެކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހި ސަރުކާރާއި އެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެތިބުމަށް ފުރުސަތު ދެވިފައިވާކަމަށް ކުރެވޭ ތުހުމަތުގެ އަޑުތައް ގަދަ އެވެ. ޑޯނިއާ ބެލެހެއްޓުމާއި، އެ ނޫން ވެސް ބައެއް ތަމްރީނާއި ގުޅުން ހުރި މަސައްކަތްތަކަށް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބިކަން ސަރުކާރުން ވެސް ކަށަވަރުކޮށްދޭއިރު އެއީ މިނިވަންކަމަށް ބުރޫއަރާ ފަދަ ގޮތަކަށް ހިނގާކަމެއް ނޫންކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެންމެ ފަހުން ވެސް ހަމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ޑޯނިއާއާއި ގުޅުން ހުރި ކަންކަމުގައި، 75 އޮފިސަރުން ތިބިކަމެވެ. އެހެން ނަމަވެސް ޖުމްލަ އަދަދު ހާމަކުރުމަށް ދެކޮޅު ހަދައި، އެ މައްސަލަ ކޯޓަށް ވެސް ސަރުކާރުން ހުށަހެޅި އެވެ.

މުއިއްޒުގެ އެންމެ ބޮޑު ވައުދަކީ އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ވެސް އެ ވާހަކަ ތަކުރާރު ކުރެއްވިއިރު ބޭރުގެ މީޑިއާތަކުގެ ސަމާލުކަން ވެސް އެ ވާހަކަފުޅަށް ވަނީ ހުއްޓިފަ އެވެ. އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ދިވެހި މީޑިއާތަކަށް ވެސް އިންޓަވިއު ދެއްވުމަށް ފަހު މުއިއްޒު ވަނީ ފުރަތަމަ ފަހަރަށް ބޭރުގެ މީޑިއާއެއްކަމަށްވާ އަލްޖަޒީރާއަށް އިންޓަވިއުއެއް ދެއްވާފަ އެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ އެންމެ ފުރަތަމަ ވެސް އިންޓަވިއު ފައްޓަވަމުން ފާހަގަކުރީ މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައިވީ އެންމެ ބޮޑު ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުން ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތަކީ ކޮބައިތޯ އާއި އެ އޮފިސަރުން ރާއްޖެ ދޫކޮށް ދާނީ ކޮން އިރަކުންތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް މިވަގުތު ހުރީ ގައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރުވަނި ގޮތަކަށް ނޫން ކަމަށެވެ.

އޭގެ ސަބަބެއްކަމަށް މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލާއި މެދު ސުވާލު އުފެދޭ ގިނަ މައްސަލަތަކެއް ފެންމަތިވަމުން ދިއުމެވެ. މުއިއްޒު ވިދާޅުވީ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި މިނިވަންކަމަށް ބުރޫއަރާ ގޮތަށް ތިބުމަކީ ދިވެހި ރައްޔިތުންނަށް ހުރި ގެއްލުމެއް ކަމަށެވެ.

އަޅުގަނޑުމެން އެއްވެސް ގައުމެއްގެ އަސްކަރިއްޔާއެއް މި ގައުމުގެ ފަސްގަނޑުގައި ތިބެން ބޭނުމެއް ނުވޭ.. އެކަން ސާފު.. އެއީ އިންޑިއާތޯ، ނޫނީ އެހެން ގައުމެއްތޯ ބެލުމެއް ނެތް.. މިވަގުތު ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި، އެކަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ޔަގީންކޮށްދޭ.. އެ މީހުން އެބަތިބި.. އެކަމަކު އެބުނަނީ އޮފިސަރުން ތިބީ އެހެން ބޭނުމެއްގަ އޭ

މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ޝަކުވާއަކީ ވަކި ގައުމަކަށްވުން ނޫންކަމަށާއި، އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަށް ރާއްޖޭގައި ތިބުމުގެ ފުރުސަތު ނެތްކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ޔަގީންކޮށްދެއްވާއިރު ހަމައެކަނި ތަފާތަކީ އެ މީހުން ތިބީ އެހެން ބޭނުމެއްގައިކަމަށް ސަރުކާރުން ބުނަމުން ދިއުންކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުން މި ސަރުކާރަށް ދެވަނަ ދައުރެއް ދޭން ބޭނުން ނުވި މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ. އެހެންކަމުން ރިޔާސީ ކެމްޕެއިނުގައި ރައްޔިތުންނަށް ވީވައުދާއި އެއްގޮތަށް ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން، މަޝްވަރާކޮށްގެން ސިފައިން ރާއްޖެއިން ފޮނުވާލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާގެ ސަރުކާރަށް ރަސްމީކޮށް ވެސް އެގޮތަށް އަންގާނެކަމަށް ވިދާޅުވުމުން، އަލްޖަޒީރާގެ ނޫސްވެރިޔާ ވަނީ އެ މަޝްވަރާ ކުރައްވާނީ ނޮވެމްބަރު 17 ގައިތޯ ސުވާލުކޮށްފަ އެވެ. ޖަވާބުގައި މުއިއްޒު ވިދާޅުވީ މަސައްކަތާއި ހަވާލުވެ، އެންމެ ފުރަތަމަ ވެސް ކުރައްވާނީ އެ މަސައްކަތް ކަމަށެވެ.

އަޅުގަނޑު މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާގެ ހައިކޮމިޝަނަރ އާއި އެކު ބައްދަލު ކުރިން، ޓްރާންސިޝަންގެ މުއްދަތުގައި.. ހަމަ އެ ބައްދަލުވުމުގައި ވެސް އަޅުގަނޑު ދެންނެވިން މިއީ އޭ އަޅުގަނޑު އެންމެ އިސްކަން ދޭން ބޭނުންވާކަމަކީ، ގައުމުގެ މިނިވަންކަން އަޅުގަނޑަށް ވަރަށް މުހިންމޭ… ދެން އެބޭފުޅުންގެ ފަރާތުން ޕޮޒިޓިވްކޮށް ފެނުނީ، ދެންނެވީ މިކަމުގައި އެއްކޮށް މަސައްކަތް ކުރާނެކަމަށް

މުއިއްޒު ވިދާޅުވީ މި މައްސަލައިގެ ސީރިއަސްކަން ބޮޑުކަމަށާއި، މިހާތަނަށް ވެސް އެކި ނަންނަމުގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ޖުމްލަ އަދަދު ސާފު ނުވާކަމަށެވެ. އަދި ރިޕޯޓުތަކުން ފެންނަނީ ތަފާތު އަދަދުތަކެއްކަމަށާއި، މައުލޫމާތުތައް ހޯދަން އެދުމުން އެކަމަށް ދެކޮޅު ހަދައި ސަރުކާރުން ކޯޓަށް ވެސް ދިޔަކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ކުރާ މަސައްކަތާއި، އެ ގައުމުން ރާއްޖޭގައި ކުރިޔަށް ގެންދާ އެއްވެސް ޕްރޮޖެކްޓަކާ ގުޅުމެއް ނެތްކަމަށް ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އުފެދިފައި ވަނީ ޒާތީ މައްސަލައެއް ނޫން ކަމަށެވެ. އެހެންކަމުން މަޝްރޫއުތަކަށް އެކަމުގެ އެއްވެސް އަސަރެއް ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: