ހައްދުފަހަނައަަޅާފައިވާ ޔަހޫދީންގެ އަނިޔާވެރިކަމާއި، ލާއިންސާނިއްޔަތަށް ހުށަހެޅިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ސްޓޭޓް ޓްރޭޑީން އޯގަނައިޒޭޝަން (އެސ.ްޓީ.އޯ) އިން އެއްމިލިއަން ރުފިޔާ ހަދިޔާ ކޮށްފިއެެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގެ ހައިސިއްޔަތުން ފަލަސްތީނަށް އެހީވުމުގައި އެސްޓީއޯ ގްރޫޕްއިން ފަލަސްތީނަށް ފައިސާ ހަދިޔާކޮށްފައިވާއިރު، އެކުންފުއްޏާއިއެކު މިފްކޯ، އަދި އެލައިޑް އިންޝުރަންސްގެ އިތުރުން މޯލްޑިވްސްގޭހާއި، އެމް.އެސް.އެސްއާއި، އެފް.އެސް.އެމް.އިން، ފަލަސްތީނާއިއެކު ދިވެހި ރައްޔިތުން ތިބިކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.
އެ ކުންފުނީގެ މުވައްޒަފުންނާއި އެސްޓީއޯގެ ހިއްސާދާރުންގެ ނަމުގައި އެއް މިލިއަން ދިވެހި ރުފިޔާ، ދީފައިވަނީ ”އަހަރުމެން ފަލަސްތީނާއެކު“ ނަމުގައި ރާއްޖޭގެ ގިނަ މީޑިޔާ ތަކުން ބައިވެރިވެގެން ކުރިއަށްދިޔަ ލައިވް ޓެލެތޯން މެދުވެރިކޮށެވެ.
ހަމަމިއާއިއެކު މި ކުންފުނިތަކުން ވަނީ ފައިސާގެ އެހީގެ ރަމްޒީ ޗެކުގައުވެސް ސޮއި ކުރައްވާފައެވެ. އަދި އެެސްޓީއޯގެ މެނޭޖިން ޑިރެކްޓާރ އަބްދުއްﷲ ސައީދު ވެސް މި ޓެލެތޯންގެ ތެރެއިން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސައީދު ވިދާޅުވީ މިކަމަކީ ވަރަށް ވަރަށްބޮޑަށް ސަމާލުކަމެއްދެވި ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ.
”އަޅުގަނޑުމެންނަށް މިވަގުތު ދެވެން އޮތް އެހީދެވުމުގެ ގޮތުން މިފަހަރު މިދެނީ. އިރާދަ ކުރެއްވިއްޔާ މި ޓެޅެތޯން މެދުވެރިކޮށް އަޅުގަނޑުމެންނަށް މިއައްވުރެ ގިނަ ފައިސާވެސް އެއްކުރެވި ފަލަސްތީނުގެ ރައްޔިތުންނަށް ދެވޭނެ“ އަބްދުއްﷲ ސައިދު ވިދާޅުވިއެވެ.
އިޒްރޭލުގެ ޔަހޫދީން ފަލަސްތީނަށް ހަމަލާ އަމާޒުކޮށްދޭން ފަށާފައިވަނީ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ. މެދުކެޑުމެއްނެތި ހަމަލާތައް އަމާޒު ކުރަމުންދާއިރު، އެގައުމުގެ އެތައް ހާސް ރައްޔިތުންވަނީ ހާލުގައި ޖެހިފައެވެ. އަދި އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރައްޔިތުން ހިންގާ ކެމްޕެއިންގައި އެސްޓީއޯ އިން އަބަދުވެސް ފުރިހަމަބައިވެރިވުން ލިބޭނެ ކަމަށްވެސް އެކުންފުނިން ބުނެފައެވެ.

