ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރެވެނީ ކިހާ މިންވަރަކަށް؟

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ގައުމެއްގައިވެސް ގަވާއިދު ތަކެއް ހަދާފައިހުރެއެވެ. އެ ގަވާއިދު ތަކަކީ ދިމާވެދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި ހަދާފައިހުން އެއްޗެއްސެވެ. އެހެންކަމުން ތިމާގެ ސަލާމަތާއި ރައްކާތެރިކަމަށް ހަދާފައިހުންނަ ގަވާއިދުތަކަށް ބޯލެނބުމަކީ މުހިންމު ކަމެކެވެ. އަޅުގަނޑުމެން ދިރިއުޅެމުން އަންނަ މި ކުޑަ ދިވެހިރާއްޖެއަކީވެސް ވަކި ގަވައިދުތަކަކާއި އުސޫލުތަކެއްގެ މަތިން ކަންކަން ކުރަމުން އަންނަ ތަނެކެވެ. އެހެން ނަމަވެސް ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް އަމަލުކުރަނީ މަދު މީހެކެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށް އޮންނަ އިރު އެރަށް ރަށުގައިވެސް ގަވާއިދު ތަކެއް ހަދާފައި ހުރެއެވެ. ރާއްޖޭގެ ވެރިރަށް މާލެ އަކީ މީހުން ގިނަ ތޮއް ޖެހިފައިވާ ތަނެކެވެ. ފުލުހުންގެ އިދާރާތަކާއި އަދި އެނޫންވެސް ސަރުކާރުގެ އޮފީސްތަށް ހުންނަނީ މާލޭގައިއެވެ. މީހުން ގަވާއިދުތަކަށް އަމަލު ނުކުރާނަމަ އެކަމަށް ކަނޑަ އަޅައިފައިވާ އަދަބު ވެސް އެންމެ ރަނގަޅު ގޮތުގައި ދެވޭނެ އެއްތަނަކީ ފުރަ މާލެ ކަމުގައި ވީނަމަވެސް އެކަން އެންމެ ފުރިހަމައަށް ކުރާ ތަނެއް ނުފެނެއެވެ. ފުލުހުންގެ އިދާރައިގައި ވަކިން ހާއްސަކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ބަޔަކު ކަނޑައަޅައިފައި ތިބެއެވެ. އެހެން ނަމަވެސް ޓްރެފިކް ޕޮލިހުންނަށް މަގުމަތީގެ ނުރައްކާތެރި ހާދިސާތަށް މަދުކުރުމަށް އެންމެ އެކަށޭނެ ފިޔަވަޅުތަކެއް ނޭޅެއެވެ.

މި ކުޑަ ރާއްޖޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވަނީ ކިހާ މިންވަރަކަށް ތޯއެ؟ މަގުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާ ތަކުގެ ވާހަކަ ކޮންމެ ދުވަހަކުހެން އަޑުއިވެއެވެ. ނަމަވެސް މަގުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާ ތަކުން ސަލާމަތްވުމަށް ގާނޫނުތަކާއި ގަވާއިދު ތަކެެއް ވާއިރު އެއީ ހަމައެކަނި ފޮތެއްގައި އޮންނަ ގަވާއިދު ތަކެކެވެ. ގަވާއިދު ތަކަށް އަމަލު ކުރަނީ މަދު މީހެކެވެ. މަގުމަތީގައި އުޅަނދުތަށް ދުއްވާއިރު ބަލަން ޖެހޭނީ ހަމަ އެކަނި ތިމާގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަކަށް ނޫނެވެ. އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަކީ ވެސް ތިމާގެ ޒިންމާއެކެވެ. ހެދޭ ކިތަންމެ ކުޑަ ގޯހަކުންވެސް ތިމާއާއި އަނެކާގެ ފުރާނައަށް ނުރައްކާ ވެދާނެއެވެ.

ރާއްޖޭގައި ވައްކަމަށް ފަހު އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނި މަގުމަތީގައި ދިމާވެފައިވާ އެކްސިޑެންޓު ތަކުގެ މައްސަލައެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވައްކަމަށް ފަހު އެންމެ ގިނައިން ހިނގަނީ މަގުމަތީގެ ހާދިސާ ތަކެެވެ. 2022 އަހަރާއި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިނގާފައިވާ މަގުމަތީގެ ހާދިސާ ތަކަށް ބަލާއިރު 169 މައްސަލަ މިއަހަރު ވަނީ އިތުރު ވެފައެވެ. 2022 ވަނަ އަހަރުގައި ޖުމްލަ 1616 މަގުމަތީގެ ހާދިސާ ހިނގާފައިވާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1785 ހާދިސާއެއް ވަނީ ހިނގާފައެވެ. މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަށް ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅު ތަކެއް އަޅަން ޖެހެއެވެ.

ނުރައްކާތެރި ހާދިސާތަށް ހަމައެކަނި ހިނގާނީ މާލެ ނުވަތަ ބޮޑެތި ރަށް ރަށުގައެއްނޫނެވެ. ކުދި ރަށް ރަށުގައިވެސް އެތަށް ނުރައްކާތެރި ހާދިސާ ތަށް ހިނގައެވެ. ލައިސަންސެއް ނުލާ އުނޅަނދު ދުއްވުން ނިމުމަކަށް އަންނަން ޖެހެއެވެ. އެހެން ނަމަވެސް އެކަން އެންމެ ރަނގަޅު ގޮތުގައި ނުބެލެހެއްޓެއެވެ. މާލެ އާއި އަދި އެނޫންވެސް ފުލުހުންގެ އިދާރާތަށް ހުންނަ ރަށްރަށުގައި ލައިސަންސް ނެތި އުޅަނދު ދުއްވާ އެކި ފަރާތްތަށް އެންމެ އެދެވޭ ގޮތުގައި ނުބެލޭއިރު ފުލުހުންގެ އިދާރާ ނެތް ރަށްރަށުގައި އެކަން އެއްވެސް ވަރަކަށް ބެލެވޭނެ ކަމާމެދު ސުވާލު އުފެދެއެވެ. ގިނަ މީހުންނަކީ އުޅަނދު ދުއްވަންޖެހެނީ މަގުގެ ކޮންފަރާތަކުން ކަންވެސް ނޭންގި ދުއްވާމީހުންނެވެ.

ހަމަ އެކަނި ލައިސަންސް ނުލާ އުޅަނދު ދުއްވާ މީހުންނަކީވެސް ހާދިސާތަށް ހިނގުމަށް ދިމާވާ  ހަމައެކަނި ސަބަބެއް ނޫނެވެ. ލައިސަންސް އޮޮވެ ބާރު ދުވެލީގައި އުޅަނދު ދުއްވާ އެތަށް ބަޔަކުއުޅެއެވެ. މީގެއިތުރުން ސިގްނަލް ނުދިނުމާއި، ނުބަލާ ގޯޅި އެޅުމާއި އެއްލޭނުން އަނެއް ލޭނަށް އަރާއިރު މަގު ރަނގަޅަށް ނުބެލުން ފަދަ އެތަށް ކަމެއް ދިމާއެވެ. މިއަދު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހަދާފައި ހުންނަ ގަވައިދުތަކަކީ އެއްވެސް ބޭނުމެއް ކުރާއެއްޗަކަށް ނުވެއެވެ. ބޭރުގެ ގައުމުތަކުގައި އަމަލުކުރާ ފަދަ ”ސްޓްރިކްޓް“ ގަވާއިދުތަކެއް ހަދައި އެއަށް އަމަލު ކުރުމަކީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ސަލާމަތް ވެވޭނެކަމެކެވެ.

ލައިސަންސް އާންމުނަށް ނުވިއްކުމާއި، ކޮންމެ މީހަކީވެސް މަގުތަކުގައި އުޅަނދު ދުއްވޭނެފަދަ މީހެއްތޯ ބަލައި އެމީހަކަށް ލައިސަންސް ދޫކުރަން ޖެހެއެވެ. މަގުމަތީގެ ގަވައިދުތަށް ރަނގަޅަށް ތަންފީޒު ކުރަން ޖެހެއެވެ. މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކަކީ ގަވައިދުތަކަށް އަމަލު ކުރާނަމަ މަދުކުރެވޭނެ ހާދިސާތަކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: