ފަންޑިޔާރުން އަދިވެސް ޗުއްޓީގައި ތިއްބެވުމުގެ ސަބަބުން ހިޔާނާތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފު އަޑުއެހުން އަނެއްކާވެސް ލަސްވެއްޖެ އެވެ.
ވ. އާރަށް ވިއްކައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާއިން މަންފާ ނެންގެވިކަމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 05 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ހުކުމްކޮށްފަ އެވެ.
ކޯޓުގައި ގިނަ ދުވަސްވެފައިވާ މި މައްސަލައިގެ ހުކުމަކާއި ހަމައަށް އާދެވުނު ނަމަވެސް މިފަހުން އެއްވެސް އަޑުއެހުމެއް ކުރިޔަށް ގެންދިވިފައި ނުވަނީ ފަނޑިޔާރުން ޗުއްޓީގައި ތިއްބެވުމުންނެވެ.
އަޑުއެހުންތައް ކުރިޔަށް ނުދާތީ، ރައީސް ޔާމީން ވެސް އެކިފަހަރުމަތީން ކަންބޮޑުވުންފާޅުކޮށް އެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.
މި މައްސަލައިގެ އިސްތިއުނާފަށް، ރައީސް ޔާމީންގެ ފަރާތުން ގިނަ ނުކުތާތައް ހުށަހަޅުއްވާފައި ވެއެވެ. އެ ނުކުތާތަކުގެ ރައްދުގައި ދައުލަތުން ކޯޓުގައި ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ހުށަހެޅީ މައްސަލައިގެ ބާވަތުންނާއި އަދި އެއީ އެހެން ގައުމުތަކުގައި ވެސް ޕްރެކްޓިސް ކުރާ އުސޫލަކަށް ވާތީ ކަމަށެވެ.
ދައުލަތުން ބުނީ ކޮރަޕްޝަން ފަދަ އަމަލުތަކަކީ މަދު ބަޔަކު ޝާމިލުވާގޮތަށް ހިންގާ ކުށްތަކެއް ކަމަށެވެ. މިސާލެއްގެ ގޮތުގައި ދައުލަތުން ތަކުރާރުކޮށް ފާހަގަކުރަނީ ބްރެޒިލްގައި ހިނގައިދިޔަ ކޮރަޕްޝަންގެ މައްސަލަ އެކެވެ.
އަދީބާއި، ޒިޔަތު ހެކިންގެ ގޮތުގައި ބޭނުން ނުކުރެވޭނެކަމަށާއި އެއީ ދެ ފާސިގުންކަމަށް އަދި ދެ މީހުންގެ ހިތުގައި ވެސް ރައީސް ޔާމީނާއި މެދު ރުޅިވެރިކަމާއި ނަފްރަތު އޮންނާނެކަމަށް ދިފާއުން ފާހަގަކުރާތީ ރައްދުގައި ދައުލަތުން ބުނެފައި ވަނީ ހެކި ބަހަށް ބާރު ދޭ އެހެން ހެކިތައް އެބަހުރި ކަމަށެވެ. އަދި އަދީބާއި، ޒިޔަތު ދޮގު ހެކި ބަސް ދޭން ޖެހޭ ސަބަބެއް ނެތްކަމަށް ބުންޏެވެ. އެގޮތުން ޔޫސުފް ނައީމާއި، ރައީސް ޔާމީން ދެމެދު އޮތް ގުޅުމާއި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް އާރަށް ބަދަލު ކުރުން އަދި ރަށުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އަދި ރަށުގެ އެއްބަސްވުމުގައި ސޮއި ކުރުމާއި އެކު އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވިކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
ދައުލަތުން ބުނީ މިއީ ރައީސް ޔާމީންގެ އާމްދަނީ އާއި ނުބައްދަލު އަދަދެއް ކަމަށެވެ. އެ ފައިސާއަކީ ޑޮލަރުގެ މުއާމަލާތެއްކަމަށް ރައީސް ޔާމީންގެ ފަރާތުން ބުނެފައި ވީނަމަވެސް އެކަން ސާބިތުކޮށް ނުދެވޭ ކަމަށެވެ. އަދި އެ ކަމާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުން އެއީ ކުށްކޮށްގެން ހޯދި ފައިސާކަން އެނގެން އެބައޮތްކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
މީގެއިތުރުން ޑޮލަރުގެ މުއާމަލާތުގެ ވާހަކަތައް ސާބިތު ކުރުމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމި ނިންމުން ރަނގަޅުކަމަށް ދައުލަތުން ބުންޏެވެ. އޭގެ ސަބަބެއްކަމަށް ދައުލަތުން ބުނީ ދިފާއީ ހެކިވެރިންގެ ހަނދާނުގައި ބައެއް މުހިންމު ކަންކަން ނެތުމާއި އަދި ބުއްދިއަށް ގަބޫލު ނުކުރެވޭފަދަ ވާހަކަތައް ކޯޓުގައި ދައްކާފައިވުމެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު ހަސަން ޝަފީއު އާއި، ފަނޑިޔާރު މުހައްމަދު ސަލީމްގެ އިތުރުން ފަނޑިޔާރުން ހުޒެއިފާ އެވެ.

