މާލޭގެ ކެނެރީ މަގުގައި ރޭ ހިނގި މާރާމާރީއަކާއި ގުޅިގެން ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ހައްޔަރުކޮށްފި އެވެ.
ފުލުހުން ޝުމްބާ ހައްހަރުކޮށްފައިވާކަމަށް ބުނެ އޭނާގެ ވަކީލު މުހައްމަދު ހަލީމް ވަނީ ޓުވީޓެއް ކުރައްވާފައެވެ. އަދި އޭނާ ހައްޔަރުކުރީ ބަޔަކު އެއްވެގެން އުޅޭތީ އެކަން ކަވަރުކުރަން ގޮސް ހުއްޓާ ކަމަށާއި ޝުމްބާ މާރާމާރީއެއް ނުހިންގާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ކެނެރީ މަގުގައި މާރާމާރީއެއް ހިނގާ ޝުމްބާ ހައްޔަރު ކޮށްފައިވާއިރު އެ ސަރަހައްދުގައި ސިފައިންގެ އޮފިސަރެއް ހިފަހަށްޓާ ކަޅު ދެލި އުނގުޅާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރު ކުރަމުންނެވެ. ސިފައިންގެ އޮފިސަރަށް ތުހުމަތު ކުރަނީ ކުޑަކުދިން އުޅޭ ކޮޓަރިއެއްގައި ކެމެރާ ހަރުކޮށް ވީޑިއޯ ކުރާ ކަމުގެ ތުހުމަތެވެ. ނަމަވެސް ފުލުހުން އެކަމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ކެނެރީ މަގުގައި މާރާމާރީއެއް ހިނގާފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ 10:05 ހާއިރު ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް އެއީ ކާކުކަން ހާމަ ކުރެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މީގެއިތުރުން މާރާމާރި އާއި ގުޅިގެން ކުރަންޖެހޭ ތަހުގީގުތަށް ފުލުހުން ކުރަމުން ގެންދާކަމަށް ވަނީ މައުލޫމާތު ދީފައެވެ. އަދި މުއްދަތު ޖެހުމަށްފަހު އިތުރު މައުލޫމާއު ހިއްސާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

