ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ދެމުން ދާއިރު ދުނިޔެ އޮތީ ނިދާފައިކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވަނީ އިޒްރާއީލުން ފަލަސްޠީނުގެ އެކި ސަރަޙައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތައް ކުށްވެރިކޮށް އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލުމަށް ގޮވާލައި ގަރާރެއް ހުށަހަޅުއްވާފަ އެވެ. އެ ގަރާރުގައި ފަލަސްތީނުގެ އިންސާނީ ހައްގުތައް ކަށަވަރުކޮށް، އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ފޭރިގެންފައިވާ އެންމެހައި ބިންތަކުން ފޭބުމަށާއި އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލާފައެވެ.
އިމްތިޔާޒް އެ ގަރާރަށް ބަހުސް ކުރައްވަމުން ވިދާޅުވީ ވަރުގަދަަ ހަތިޔާރާއި އެކު ހަތިޔާރެއް ނެތް އާންމު ރައްޔިތުންނަށް އިސްރޭލުން ހަމަލާ ދެމުން ގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ދެފުއްކެހެރިކަން ފެންނަމުންދާ ކަމަށެވެ. އިމްތިޔާޒް ވިދާޅުވީ އިޒްރޭލަށް ދިން ހަމަލާ ބާރުގަދަ ބޮޑެތި ގައުމުތަކުން ކުއްވެރިކޮށް އެކަމާމެދު ބަޔާންތަށް ނެރެ ކަންބޮޑުވުން ފާޅު ކުރި ކަމަށެވެ. ނަމަވެސް ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ފަަލަސްތީނަށް ދެމުންދާ ހަމަލާ ހުއްޓާލުމަށް ވެސް ނުގޮވާލާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ގައުމުތަކުން އިސްރޭލަށް ހަތިޔާރުދީ އެމީހުންނަށް ހިއްވަރުދީ އެހީތެރިކަން ފޯރު ކޮށްދެއްވާ ކަމަށް ވިދާޅުވިއެވެ.
އިމްތިޔާޒް ވިދާޅުވީ އދ އިން ފޮނުވާފައިވާ އެއިޑްސް ޖަމާއަތް ތަކަށް އިޒްރޭލުން ހަމަލާ ދޭކަމަށެވެ. ފަލަސްތީނު އިސްރޭލު މައްސަލާގައި އދ އިން ފާސްކޮށްފައިވާ ހުރިހާ ގަރާރަކާއިމެދު އިސްރޭލުން ހިލާފުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އަދި އިންސާނިއްޔަތާ ބެހޭ ގާނޫނު ތަކާވެސް އިސްރޭލުން ހިލާފުވެފައި ވާކަމަށެވެ.
މީގެ އިތުރުން ދިވެހިން ތިބޭނީ އަބަދުވެސް ފަލަސްތީނާއި އެކު ކަމަށް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ. އަދި މުސްލިމަކަށް ވީތީއާއި އިންސާނަކަށް ވީތީ އެކަން ކުއްވެރި ކުރަން ޖެހޭ ކަމަށްވެސް އިމްތިޔާޒް ވިދާޅުވިއެވެ.

