މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދަށް ތާވަލު ކުރިނަމަވެސް ނައިބުރައީސް އިވާ އަބްދުﷲ ސަލާމުގައި ހުންނެވުމުގެ ސަބަބުން މިއަދުގެ ޖަލްސާވެސް ކެންސަލްކޮށްފި އެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެންބަރަކު ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެ އެ ގަރާރު ހުށއެޅުމަށް އިއްޔެ ތާވަލުކޮށްފައިވާ ޖަލްސާވެސް ކެންސަލް ކޮށްފައިވެއެވެ. އެހެންކަމުން އިއްޔެގެ ޖަލްސާ އެކޭ އެއްފަދައިން އީވާ މިއަދު ވެސް ސަލާން ފޮނުއްވާފައިވާތީ، އެ ޖަލްސާގެ ވެސް ބޭއްވެން ނެތް ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ މެމްބަރުންނަށް އަންގައިފަ އެވެ.
މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބުނެފައެއް ނެތެވެ. ނަމަވެސް އީވާ އާލާސްކަންފުޅާ އުޅުއްވާ ކަމަށް އެމްޑީޕީގެ މެންބަރުން ގަބޫލުނުކުރައްވާ އެ ބޭފުޅުން ވިދާޅުވަނީ ނަޝީދުގެ ގަރާރު ކުރިއަށް ނުގެންދަން އީވާ ރިޔާސަތަށް ”ފިއްލެވީ“ ކަމަށެވެ.
އީވާ ވަޑައިނުގަތަސް، ނަޝީދުގެ ގަރާރު ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެ އެކަން ކޮށްދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވަނީ އެދިފައެވެ. މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބުނާތީ މަޖިލީހުގެ އިދާރާ އިން ވަނީ ނަޝީދުގެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފަ އެވެ.

