ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް އިތުރު އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދެވޭނެކަމަށް ބުނެ އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ މެމްބަރުން އިހުތިޖާޖު ކުރުމުން ޖަލްސާ ނިންމާލައިފި އެވެ.
އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ހުށަހަޅާފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ އެޖެންޑާގައި ހިމަނާފައި ނެތުމުން، އެ އިސްލާހު ކުރުމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ސޮއި ކުރައްވައި އަމީން އާންމު ފާތިމަތު ނިއުޝާއަށް ސިޓީއެއް ވެސް ރޭ ފޮނުވި އެވެ. އަދި އިތުރު ސިޓީއެއް ވެސް ފޮނުވައި އިއްޔެގެ ޖަލްސާ ކެންސަލް ކުރީ ކާކުގެ އެންގުމަކަށްތޯ ވެސް ސާފުކޮށްދޭން ވަނީ އެދިފަ އެވެ.
މިއަދުގެ ހެނދުނު ޖަލްސާ ފެށުމުގެ ކުރިން ވެސް މެމްބަރުން ތިބީ އަޑުގަދަރަ ކުރާ ހިފައިގެން މަޖިލީހުގެ ރިޔާސަތު ކައިރީގަ އެވެ. އަދި އަޑުގަދަކޮށް ބުނަމުން ދިޔައީ އިތުރު އެއްވެސް މަސައްކަތަކަށް ޖާގައެއް ނެތްކަމަށާއި، އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަން ޖެހޭ ކަމަށެވެ.
މިއަދުގެ ހެނދުނު އެންމެ ފުރަތަމަ މަޖިލީހުގެ ޖަލްސާ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވް ކުރަން ފެށިއިރު ރިޔާސަތުގައި ހުންނެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އަފީފް ޖަލްސާ ފެއްޓެވުމާއި އެކު ގޮނޑިތަކުން އެމްޑީޕީގެ މެމްބަރުން ތެދުވެ އަޑުގަދަ ކުރަން ފަށަ އެވެ. އަދި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވެސް އަފީފަށް އުނދަގޫ ކުރެއްވުމުގެ ގޮތުން މޭޒު މަތީން ބައެއް ތަކެތި ނެގުމަށް މަސައްކަތް ކުރައްވަ އެވެ.
ރިޔާސީ މޭޒު ކައިރީގައި ތިއްބެވި އިދާރީ މުވައްޒަފުންގެ ތެރެއިން އަމީން އާންމު ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާއަށް ވެސް މެމްބަރުން އުނދަގޫކޮށް ބަސް ބުނާ މަންޒަރު ފެނެ އެވެ.

