ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ރައްޔިތުންދެކެ ލޯބިވާތީ، މުއިއްޒުގެ ވެރިކަަމަށް ހުރަހަކަށް ނުވާނެ: އަސްއަދު

ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަސްއަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމް އަކީ ރައްޔިތުންދެކެ ލޯބިވާ ވެރިއަކަށްވާތީ، ކޮންމެ ބަޔަކު ކޮންމެ އެއްޗެއްކީ ނަމަވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެމަނިކުފާނު ހުރަހަކަށް ނުވާނެ ކަމަށް، ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަސްއަދު ވިދާޅުވެއްޖެއެވެ.

ސަންގުން ގެނެސްދޭ 2023 ގެ ރައީސް ޕްރޮގުރާމްގައި އަސްއަދު ވިދާޅުވީ ރައްޔިތުންނަށް ލުއިފަސޭހަ ކުރެވޭނެ ހުރިހާ ގޮތެއް ރައިސް ޔާމީނު ވިސްނަވާނެ ކަމަށާއި، އެގޮތައް އަމަލުތައް ބަހައްޓަވާނެ ކަމަށެވެ. ރައީސް ޔާމީންގެ ދައުރުގައި ފެނިގެން ދިޔައީ ރައްޔިތުންދެކެ ލޯބިވާ ވެރިއަކު ކުރާނެ ހުރިހާ ކަމެއް ކުރިތަން ކަމަށްވެސް ވެސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ހެވާ ލާބަޔަށް މަސައްކަތް ކުރިތަން ކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

ޑރ. މުއިއްޒަށް ވެރިކަމުގެ ފަސްއަހަރުގެ ދައުރެއް ކުރިއަށް ގެންދިއުމުގައި ރައީސް ޔާމީން ހުރަސްއަޅުއްވާނެ ކަމަށް ބުނަމުންދާއިރު، 11 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ރައީސް ޔާމީން ޖަލުން ގެއަށްބަދުލު ކުރެއްވުމަކީވެސް ކެމްޕޭނުގައި މުއިއްޒު އެޕާޓީގެ ސަޕޯޓަރުންނަށް ދެއްވި ޔަގީން ކަމާއި އެއްގޮތަށް އެމަނިކުފަނަށް ލުޔެއްދެއްވުމުގެ ގޮތުން ސަރުކާރާއި ވާހަކަ ދައްކަވައިގެން ކުރެއްވި ކަމެކެވެ.

ނަމަވެސް ރައީސް ޔާމީން ގެއަށް ދޫކުރުމާއި އެކު އެމަނިކުފާނުވަނީ ގޭ ކުޑަދޮރުން ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ދެއްކެވި ވާހަކަފުޅު ނުސީދާ ގޮތަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ލީޑަޝިޕަށް ވަނީ އަމާޒު ވެފައެވެ.

އެގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ޖަލަށްލީމަ ވެސް އަދި ގެއަށް ބަދަލުކުރީމަ ވެސް މަގުމައްޗަށް ނިކުންނަނީ ހަމަ އާދައިގެ ރައްޔިތުންތަކެއް ކަމަށާއި ބޮޑެތި ގޮނޑިތަކުގައި ތިއްބަވާ ބޭފުޅުންނަށް އެ ފަސޭހަކަން ލިބުނީ ހަމަ ރައީސް ޔަމީނާއި އެގޮތަށް މަގުމައްޗަށް ނިކުތް އާންމު ރައްޔިތުންގެ ކުރި މަސައްކަތުންކަން ހަނދާން ނެތޭ ކަމަށެވެ. އިންސާނީ ތަބީޔަތުގައި ދެރަކަމަކަށް މިވަނީ މަގާމްތަކަށް އާދެވުނީމާ މިކަން ހަނދާން ނެތޭކަން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައިސް ޔާމީންގެ މި ވާހަކަތަކަަށް އިންތިހާބީ ރައީސް މާލޭ ރައްތިތުންނާއި ބައްދަލުކޮށް ސޯޝަލް ސެންޓަރުގައި ދެއްކެވި ވާހަކަފުޅުޅުގައި ވިދާޅުވީ 5 އަހަރުގެ ހެޔޮ ރަނގަޅު ވެރިކަމެއް ކުރަން އެދޭނަމަ ރައްޔިތުން މަގުމައްޗަށް މުޒާހަރާތަކަށް ނުނުކުތުމަށާއި، ހަމަޖެހުމާއިއެކު ތިބުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

އަސްއަދު ވިދާޅުވީ ރައީސް ޔާމީން ކަނޑެއް ހިއްކާ މަގެއް ހަދައިފި ކަމަށާއި، ރައްޔިތުންގެ ގެދޮރު ނެތި މީހުންނަށް ގެދޮރު ހޯދައިދީފައިވާ ކަމަށާއި، ފަސް އަހަރުގެ ދައުރެއްގައި ކުރެވުނު ހުރިހާ ކަމެއް ކޮށްފައިވާ ކަމަށެވެ. ރައިސް ޔާމީންއަކީ ގާބިލް ކަމުގެ މައްޗަށް ގާބިލް ވެރިއެއް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން އާއެކު ތަޖުރިބާ ލިބިގެން ހުންނެވި ވެރިއެއްގެ ހައިސިއްޔަތުންނާއި، ތައުލީމު ލިބިލައްވައިގެން ހުންނެވި ވެރިއަކަށް ޑރ. މުއިއްޒުވާ އިރު އެކުގައި މަސައްކަތް ކުރުމުގައި އެއްވެސް ހުރަހެއް ހުންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: