ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާދަވެރިން ޖަހާ މަޅީގައި މެންބަރުން ނުޖެހުމަށް އަބްދުއްރަހީމް ގޮވާލައިއިފި

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޕްރެސްކޮންފަރެންސެއްގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް/ޕީއެންސީ ރޫޅާލުމަށް ވާދަވެރިން ޖަހާ މަޅީގައި ނުޖެހުމަށް ޕާޓީގެ މެންބަރުންނަށް ޕީއެންސީގެ ޗެއާޕާސަން އަބްދުލްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

އަބްދުލްރަހީމް މިފަދައިން ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްއިން އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެ ބުރުގައިވެސް ޕީޕިއެމް/ޕީއެންސީގެ ކެންޑިޑޭޓު، އަދި މިހާރުގެ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒަށް އައްޑޫއިން ދެއްވި ތާއީދަށް އަބްދުލްރަހީމް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ދަތުރުގެ މައިގަނޑު ބޭނުމަކީވެސް އެއީކަން ފާހަގަކުރެއްވިއެވެ.

އިންތިހާބު ނިމި ހުވާ ނުކުރެއްވި ނަމަވެސް، ޝުކުރު އަދާކުރެއްވުމަށް ރަށްތަކަށް ދަތުރުކުރައްވަން ޑރ މުއިއްޒު ނިންމެވި ނިންމެވުމުން ޑރ މުއިއްޒު މަސައްކަތްކުރައްވާނީ ރައްޔިތުންނާއި ގާތުންކަން މިހާރުވެސް އެނގިގެންދާކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. ޑރ މުއިއްޒުގެ ސަރުކާރު ވެގެންދާނީ ފުދުންތެރި ދިރިއުޅުމެއް ބިނާކޮށްދޭނެ، ހަމަހަމަކަމާއި އިންސާފު ހޯދައިދޭނެ ސަރުކާރަކައްކަމަށް އަބްލްރަހީމް ވިދާޅުވިއެވެ.

މިއަދު މިއޮތީ ދިވެހީންގެ ރާއްޖެއަށް އާދެވިފައި، ދިވެހިންގެ ރާއްޖެއަށް އައިރު، ރާއްޖޭގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައިގައި.

އަބްދުލްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ކާމިޔާބުވީއިރު، ގައުމުގެ ހާލަތު ވަނީ ވަރަަށް ގޯސްވެފައިކަމަށް ފާހަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ މި ގައުމުގައި ރައްޔިތުން އެދޭ ގޮތަށް އެއްވެސްކަމެއް ބައްޓަންވެފައި ނެތްކަމަށެވެ. އަދި ދިވެހިންގެ އަތްމަތީގައި ދިވެހީންގެ ބާރުތައްވެސް ނެތްކަމަށް ވިދާޅުވިއެވެ. އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާއިރު، އަދުލު އިންސާފާއި، ޝަރުއީ ނިޒާމުުގައި ހަމަހަކަން ނެތްއިރު، ޒުވާނުން ތިބީ މަގުމަތިވެފައިކަމަށް ވިދާޅުވިއެވެ.

މިކަންކަމުން އަރައިގަތުމަށްޓަކައި، ރައްޔިތުންގެ އިތުރު އެހީ ޑރ މުއިއްޒަށް ބޭނުންވާކަމަށް ފާހަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ ގައުމު އޮތް ހާލަތުން ރަނގަޅު ކުރެވޭނީ ރައްޔިތުންގެ އެބާރުލުމާއިއެކުކަމަށެވެ. އެގޮތުން މަޖިލީހުގެ ތަނަވަސް އަގުލަބިއްޔަތެއްގެ މުހިންމުކަން ފާޙަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބގައިު ޕީޕީއެމް/ޕީއެންސީއަށް މެޖޯރިޓީ ހޯދުމަށް މަސައްކަތްކޮށްދެއްވުމަށ ޑރ މުއިއްޒު އެދިވަޑައިގަންނަވާކަމަށެވެ.

މަލްޓި ޕާޓީ ޑިމޮކްރެސީގެ ނިޒާމު ރާއްޖެއަށް ތައާރަފުވީއިރުންސުރެ، މި ހިސާބަށް އައިރު ރިޔާސީ އިންތިހާބެއްގައި އަޅުގަނޑުމެންގެ ފިކުރަށް އެންމެ ބޮޑު ކާމިޔާބެއް ލިބިގެން ދިޔައީ ނިމިދިޔަ ރިޔާސީ އިންތިހާބުން. އެހެންވީމަ ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމެވީ ޝުކުރު އަދާކުރުމުގެ ދަތުރު މިފަހަރު ފައްޓަވާނީ އައްޑޫއި ސިޓީއިންކަމަށް. އެހެންވީމަ އެންމެ ފުރަތަމަ ދަތުރު އަޅުގަނޑުމެން މިތަނަށް މިކުރީ.

އަބްދުލްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުލްރަހީމް ވިދާޅުވީ ޕީޕިއެމް/ޕީއެންސީ ބައިބައިކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެކަމަށެވެ. އަދި އެދިވަޑައިގެންވީ ވާދަވެރިން ޖަހާ މަޅީީގައި މެންބަރުން ނުޖެހުމަށެވެ. ކުރިއަށް އޮތް މަޖިލީސް އިންތިހާބާއި ދިމާކޮށް އެކިއެކި ވާހަކަ އިވޭނެކަމަށް ފާހަގަކޮށް، އެ ވާހަކަތަކަށް ސަމާލުކަން ނުދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ޕީޕީއެމް/ޕީއެންސީ ރޫޅާލުމަށް އެމްޑީޕީގެ ސަރުކާރުން ވަރަށް ގިނަ މަސައްކަތްކުރިކަމަށާއި، ބޮޑެތި އަނިޔާތައް ދިންކަމަށް ފާހަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ އެގޮތުން އެންމެ ބޮޑު އަނިޔާއެއް ލިބިވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށްކަމަށެވެެ. 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބާއި ދިމާކޮށް ރައީސް ޔާމީން ޖަލަށްލައި، އަދި އެއަށްފަހު މިނިވަންކޮށް އަނެއްކާވެސް ޖަލަށްލީކަމަށް ވިދާޅުވިއެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ޕީޕިއެމް/ޕީއެންސީއިން ހުރިހާކަމެއްވެސް ކޮށްފައިވާނީ ރައީސް ޔާމީންގެ ލަފާގެ މަތިންކަމަށާއި، ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުނީވެސް އެމަނިކުފާނުގެ އިރުޝާދާއިއެކުކަމަށް ވިދާޅުވިއެވެ. އަދި އެ އިރުޝާދުގެ ބޭނުންކޮށް ކާމިޔާބީ ލިބުނުކަން އަބްދުލްރަހީމް ފާހަގަކުރެއްވިއެވެ.

ޕީޕީއެމް/ޕީއެންސީއަކީ ރައްޔިތުންގެ ތާއީދު ހޯދައިފައިވާ ޕާޓީއެއްކަމަށާއި، އެއީ ވާހަކަދައްކާ ޕޯޑިއަމްއާއި، ދައްކާ ވާހަކަ ވަގުތާއިއެކު ބަދަލުނުވާތީކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

އެއް ދުވަހު އެއް ޕޯޑިއަމްގައި، އަނެއް ދުވަހު އަނެއް ޕޯޑިއަމްގައި ތިބެގެން އަޅުގަނޑުމެން ވާހަކައެއް ނުދައްކާނެ.

އަބްދުލްރަހީމް ވިދާޅުވިއެވެ.

ޑިރެކްޓަރ ޖެނެރެލް އޮފް ޓްރާންސިޝަންގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ އަބްލްރަހީމް ވަނީ މި ޖަލްސާގައި އިންތިގާލީ މަރުހަލާއާއި ގުޅިގެންވެސް ވާހަކަދައްކަވާފައެވެ. އަބްދުލްރަހީމް ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން ގައުމު އޮތީ އިނދަޖެހިފައިކަން ދެނެގަަނެވިފައިވާކަމަށެވެ. ގައުމުގައި ފައިސާ ނެތްކަމަށް ވިދާޅުވިއެވެ. ނަމަވެސް އިހުލާސްތެރި މަސައްކަތްތަކެއްކޮށް، ޑރ މުއިއްޒުގެ ވެރިކަމުގައި މިކަންކަމަށް ބޭނުންްވާ ހައްލު ހޯއްދަވާނެކަމަށް ވިދާޅުވިއެވެ.

އަބްދުލްރަހީމް ވިދާޅުވީ ޑރ މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެން ވައުދުތައްވެސް ފުއްދަވާނެކަމަށެވެ. އެގޮތުން ހުޅުދޫގެ ބުރިޖުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފައްޓަވާނެކަން ރައްޔިތުންނަށް ދަންނަވައިދިނުމަށް ޑރ މުއިއްޒު އެދިވަޑައިގެންފައިވާކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: