ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ނެތީ ރައީސް ނަޝީދުގެ އެކަނިތަ؟

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމަށް އެތައް ބަޔަކަށް ގިނަ އަދަދެއްގެ ފައިސާ ދީގެން ހިންގާ އެންމެ މުހިންމު އެއްމުއައްސަސާކަމަށްވާ ރައްޔިތުންގެ މަޖިލީސް މިއަދު ބޭނުންކުރެވެމުންދަނީ ސިޔާސީ އެކްސްޕޯޝާރ ހޯދުމުގެ ގޮތުން ޑްރާމާ ކުޅޭ ސްޓޭޖެއްގެ ގޮތުގައެވެ.

ރައްޔިތުންގެ މަސައްކަތްތައް ކުރިއަރުވައި ދިރުވައި އާލާކުރުމުގެ މަތީ މަސައްކަތްތައް ކުރުމުގެ ޒިންމާ އެޅިފައިވާ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ދަނީ އެކުވެރިންތަކެއްގެ ތެރޭގައި މައްސަލަތަކެއް އުފެދުމާއި ގުޅުންހުރި ސިލްސިލާއެކެވެ. ނިމުމެއްވެސް ނާދެއެވެ.  އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެ ޕާޓީއަށް ވެރިކަން ގެއްލުވާލުމާއިއެކު، ބަދަލު ހިފުމުގެ ގޮތުން އެ ޕާޓީއިންދަނީ ރައްޔިތުން ގުރުބާންކޮށްފައިވިޔަސް ނަޝީދު ގޮނޑިން ވައްޓާލުމަށް މަސައްކަތްކުރަމުންނެވެ. އަދި ކާމިޔާބުކުރެވޭ ވަރެއް ނުވެއެވެ.

ރައްޔިތުން ގުރުބާންކޮށްފައިކަމަށް ބުނެވެނީ ދިވެހިރާއްޖޭގެ ޔޫސަބަލް ރިޒާވުގެ ފައިސާ 4 ދުވަހުގެ ޒަރޫރީ ބޭނުންތައް އިމްޕޯޓުކުރެވޭ މިންވަރަށް ދަށްވެގެންދާނެކަމުގެ ވާހަކަތައް ދެކެވިފައިވާއިރު، އެ މައްސަލައާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވި ހައްލެއް ހޯދިފައިނުވާތީއެވެ. އެއީ ދެކެވުނު ވާހަކައެއްކަމަށްވެސް ނުހަދައެވެ.

އެހެންނަމަވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބެލުމުގެ ކުރިން މިއަދު މުހިންމު ސުވާލުތަކަކަށް ޖަވާބު ހޯދަންޖެހިއްޖެއެވެ. އެމްޑީޕީއަށް މިއަދު ރައްޔިތުން ތަމްސީލުކުރެވޭނެތޯއެވެ. އެ ޕާޓީގެ ޕާލިމެންޓު ގުރޫޕުން މަޖިލީހުގައި އިއްވަނީ ރައްޔިތުންގެ ބަސްތޯއެވެ. ރައްޔިތުންގެ އިތުބާރު ރައީސް ނަޝީދަށް ނެތްކަމަށް އެމްޑީޕީއަށް މިއަދު ބުނެވިދާނެތޯއެވެ. އެ ޕާޓީއިން ބުނާ ބައެއްގައި އިތުބާރު ހިފިދާނެތޯއެވެ.

ޔަގީނުންވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިވެހިރާއްޖޭގެ އަގުލަބިއްޔަތުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ ބައިވެރިން ނުވަތަ އެމްޑީޕީގެ މި ސަރުކާރަށް ނޯ ޖަހާފައެވެ. ރައްޔިތުންވަނީ އެމްޑީޕީއަށް އިތުބާރު ނުކުރާކަމަށް ބުނެފައެވެ. އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވި ގިނަ އަދަދެއްގެ ދާއިރާތަކުގެ ވޯޓު ފޮށިތައްވެސް ކާމިޔާބުކުރެއްވީ ރިޔާސީ ރޭހާއި އެންމެ ފަހުން ގުޅިވަޑައިގެންނެވި ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއެވެ. އެހެންކަމުން ޔަގީނުންވެސް އެ ދާއިރާތަކުގައި މިއަދު އެމްޑީޕީއަށް އިތުބާރެއް ނެތްކަމަށް ބުނުމީ ދޮގަކަށް ނުވާނެއެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން 54 އިންސައްތަ މީހުން އެމްޑީޕީގެ ލީޑަރޝިޕަށް އިތުބާރު ނުކުރާކަން ވޯޓުގެ ނަތީޖާއިން ޔަގީންވެއެވެ. ރައްޔިތުންގެ މަޖިލީހަށް ފޮނުވާ މީހާ އެކަށީގެންވާ ގޮތަކަށް މަސައްކަތްނުކުރާ ނަމަ މަގާމުން ދުރުކުރުމުގެ ބާރު ނުވަތަ އެ މީހާ ބަދަލުކުރުމުގެ އިހުތިޔާރު ރައްޔިތުންގެ އަތުގައި މިވަގުތު އޮތްނަމަ ގިނަ އަދަދެއްގެ މެމްބަރުންގެ ގޮނޑި ގެއްލިގެން ދިއުންވެސް އެކަށީގެންވެއެވެ. އެމްޑީޕީއިން އެތައް ފުރުސަތެއްގައި ރައްޔިތުންގެ ހިޔާލާއި ވިންދާއި ދެކޮޅަށް މަޖީލީހުގެ ބާރުތައް ބޭނުންކޮށްފައިވެއެވެ.

އެގޮތުން ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ފައިސާގެ އަދަދުތައް އިތުރުކުރުމަށް އެމްޑީޕީގެ ލީޑަރޝިޕުން ގެންގުޅުނު ޕްލޭނާއި ރައްޔިތުން އެއްބަސްނޫންކަން ބައެއް ދާއިރާތައް ތަމްސީލުކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ހާމަކުރެއްވިއެވެ. އެހެންނަމަވެސް އެމްޑީޕީއިން ތްރީލައިން ވިޕެއް ނެރި އެކަން މަޖުބޫރުން ކުރުވަން މަސައްކަތްކޮށް ދެކޮޅު ހެދި މެމްބަރުންނާއިމެދު ފިޔަވަޅުވެސް އެޅިއެވެ.

ކޮތަޅަކުން ދެރުފިޔާ ނަގަން ވިސްނި ވިސްނުމަކީވެސް ރައްޔިތުންގެ ހިޔާލުތަކާއި ދެކޮޅަށް ހިންގި އަމަލެކެވެ. ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން އެކަމާއި ދެކޮޅުވުމުގެ ސަބަބުން މިއަދު އެކަން މުރާޖާކުރުމަށްވެސް އެދަނީ ވިސްނަމުންނެވެ. އެހެންކަމުން މަޖިލީހުގައި އެމްޑީޕީއިން ކުރި ބައެއް މަސައްކަތްތައްވެސް ކުރެވިފައިވަނީ އެންމެ އޮއްޓަރުހުރި ގޮތުގައިކަމަށްވެސް ބުނެވެން ނެތެވެ. މަޖިލީހުގެ އެތައް ވަގުތެއް ބޭކާރުކޮށްގެން، އެތައް ތަޅާފޮޅުމަކަށްފަހު ދެ ރުފިޔާއަށް ފާސްކުރީ ކޮންމެހެންވެސް ބޭނުންތެރި ވިސްނުމަކާއި ހިސާބުތަކަކަށް ރިއާޔަތްކޮށް ނަމަ ފަހަތަށް ފިޔަވަޅެއް ނާޅާނެއެވެ. ކަން ކުރީ ރަނގަޅަށް ނަމަ ބަދަލުކުރާކަށް ނުޖެހޭނެއެވެ.

މިއަދު މަޖިލީސް ހުއްޓި ގައުމުގެ އެތައް މަަސައްކަތެއް ކުރިއަށް ނުގެންދެވި އޮތުމަކީ މުޅި ގައުމަށްވެސް އެކަމުގެ ނޭދެވޭ އަސަރުތަކެއް ކުރާނެ މައްސަލައެއްކަމުން ކަން ހިނގާފައިވާ ގޮތަށްވެސް ބަލާލުން މުހިންމެވެ. ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން މަސައްކަތްތައް ކުރުމުގައި ދަތިތައް ކުރިމަތިވާކަމަށް ބުނެ އެމަނިކުފާނު ރިޔާސަތުން ދުރުކުރުމަށް އެމްޑީޕީއިން އެންމެ ފުރަތަމަ ފެށި މަސައްކަތްތައް ހުއްޓާލީ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމަނިކުފާނުގެ ތާއީދު ލިބިދާނެކަމުގެ އިޝާރާތްތަކެއް ފެނުމާއިއެކުއެވެ.

އެހެންނަމަވެސް އެމްޑީޕީއިން އަލުން މައްސަލަ ހުށައެޅީ ރިޔާސީ އިންތިހާބުގައި ކުރިމަތިލާންޖެހުނު ނާކާމިޔާބީއަށްފަހުގައެވެ. އެކަމުގައި ޒިންމާ ނަންގަވަންޖެހެނީ އެމަނިކުފާނުކަމަށް ގިނަ އަދަދެއްގެ މެމްބަރުން ދެކޭތީއެވެ. އެ ޕާޓީއިން ނުކުތީ ރައީސް ނަޝީދު ނޫން ގޮތެއް ހޯދުމަށެވެ. އެހެންކަމުން މިހާރު މައްސަލަ ހުށައެޅިފައިވަނީ ޒާތީ ގޮތުންކަމަށްވެސް ބައެއް ފަރާތްތަކުން ބުނާއިރު، އެމްޑީޕީގެ މަގުސަދަކީ ރައީސް ނަޝީދަށް އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ފުރިހަމަ ނުކުރެއްވުނު ގޮތަށް މަޖިލީހުގެ ރިޔާސަތުގައި ދައުރު ފުރިހަމަ ކުރެއްވުމުން ފުރުސަތު ގެއްލުވާލުމެވެ.

އެ ތުހުމަތު އަމާޒުވަމުންދަނީ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވައިގެން އެމްޑީޕީއާއި ދެކޮޅު ހައްދަވަން ކުރެއްވި މަސައްކަތްތަކުގައި އެމަނިކުފާނަށް ކާމިޔާބީއެއް ލިބިފައިނުވުމުންނެވެ. ޖީއެސްޓީ ބޮޑުކުރުމާއި ރައީސް ނަޝީދު ދެކޮޅުނަމަވެސް ބޮޑުކުރުމަށް ނިންމީ އެމަނިކުފާނު ރިޔާސަތުގައި އިންނަވަނިކޮށެވެ. އެހެންކަމުން އެމަނިކުފާނު ރިޔާސަތުގައި އިނދެގެން އެމްޑީޕީއަށް ބައެއް ޖެއްސުންތައް ކުރިމަތިވި ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ކުރުމުގައި އެއްވެސް ހުރަހެއް ނެތްކަން ސާފެވެ. ހާއްސަ ގޮތެއްގައި އެ ޕާޓީއިން އެކަން ކުރަން ބޭނުން ވެއްޖެ ހާލަތެއްގައި އެމެއް ކުރެވޭނެކަން ކޮތަޅަކުން ދެ ރުފިޔާ ނެގުމަށް ނިންމި ނިންމުމުންވެސް ސާފުވެއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: