ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ވެރިކަމަކީ ސިޔާސީ ވެރިން އަތުރާލާ ކުޅިބައެއް!

ރާއްޖޭގެ ރަސްކަމުގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، މި ރަސްމިއްޔާތު އޮތީ ދާރުލްއުލޫމުގަ: ފޮޓޯ ނެޝަނަލް އާކައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މިއަދު ވެރިކަން ކުރާ ނިޒާމަކީ ރައްޔިތުންނާއި ގާތުން ރައްޔިތުންނަށް ވެރިކަން ކޮށްދިނުމުގެ ނަމުގައި “ޖުމްހޫރީ ވެރިކަން” މި ނަމުގައި ގާއިމް ކޮށްފައިވާ ވެރިކަމުގެ ނިޒާމެކެވެ. މި ނިޒާމަށް 55 އަހަރު ފުރި 56 ވަނަ އަހަރު ގުނަން ފަށާއިރު މި ނިޒާމް އައި ގޮތް އަދުގެ ޖީލަށް ސާފުވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މީލާދީން 1943 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ރާއްޖޭގައި އޭރު ހުންނެވި ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީ އާއި ދެބޭފުޅުން އެއްފަހަރާ އިސްތަޢުފާ ދެއްވިއެވެ. މިހިސާބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙަށް އާދަޔާ ޚިލާފު ބަދަލުތަކެއް އަންނަން ފެށިއެވެ.

އެކިފަހަރު އެކިގޮތަށް އިވެމުންދިޔަ އަޑުތަކެއްގެ ތެރެއިން ރާއްޖޭގެ އެންމެމަތީވަލީ، މަތީ ދަރަޖައިގެ ބޭފުޅުންކޮޅެއްގެ އިސްތަށިފުޅުގައި އެޅިގެން ދިޔަތަންވެސް ފެނިގެން ދިޔައެވެ. އެކަމަކު ދެންވެސް ތަޚުތު ހުރީ ފަޅަށެވެ. ނަމަވެސް މާގިނަދުވަސްތަކެއްނުވެ ސުމުއްވުލްއަމީރު އަލްޙާއްޖަ ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ދިވެހިރާއްޖޭގެ ރަސްކަން ނުހަނު ލޯތްބާއި އިޚްތިރާމާއެކު ދިވެހީން އެރުވިއެވެ. އެއީ 11 އޭޕްރީލް 1943 ގައެވެ. އޭރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން ޤާނޫނީ ގޮތުން ރަސްކަމާ ހަވާލުވެ ވަޑައިގަތުމުގެ ކަންތައްތައް ހަމަނުޖެހި ގިނަދުވަސްތަކެއް ވިއެވެ.

ތަޚުތު ހުހަށް ހުންނަތާ ގިނަދުވަސްވާން ފެށުމުން ރާއްޖޭގެ ވެރިކަން ހަމަޖައްސާނެ ގޮތަކާމެދު ގޮތެއް ނިންމުގެ މަސައްކަތްތަކެއް ފެށުނެވެ. މިގޮތުން ގިނަ ބައްދަލުވުން ތަކަކަށްފަހު ނުކުތް ނަތީޖާއަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެގޮތަކަށް އޮތްކަމުގައިވިޔަސް ޤައުމުގެ އެންމެމަތީ ވެރިއެއްގެ މަޤާމުގައި ހުންނެވުމަށް ދިވެހީން އެދެނީ އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.

ރަސްކަލެއްގެ މަޤާމު ފުރުއްވާކަށް މުޙަންމަދު އަމީން ބޭނުންފުޅެއް ނުވެއެވެ. ރާއްޖޭގެ ދާޚިލިއްޔާއާއި ޚާރިޖިއްޔާގެ ހާލު ހުރިގޮތުންނެވެ. ސަރީހަ ޢިބާރާތަކުން ދަންނަވާނަމަ ދިވެހި ދަރިންނަށްޓަކައި ސިލޯނުގަޔާއި، އަދިވެސް ބޭރުގެ އެތަންމިތާގައި މުޙަންމަދު އަމީނު ކުރައްވާ ޚިދުމަތްތަކުން ދިވެހި ޤައުމު މަޙުރޫމް ކުރެއްވުމަކީ ޤައުމުގެ ޙުއްބުލްވަޠަންގެ ޙައްޤުގައި ކުރައްވަން ހެޔޮނުވާނެ ކަމެއްކަމުގައި އޭނާއަށް ފެނިވަޑައިގަންނަވާތީއެވެ.

އެންމެފަހުން ރާއްޖޭގެ ވެރިކަން އޮންނާނެ އުޞޫލެއްގެ ބަހުސް ސިޔާސީ ތިލަފަތުން ކިރަން ފެށިއްޖެއެވެ. މިގޮތުން ބަހުސްތަކާއި މަޝްވަރާތަކަށްފަހު އެންމެފަހުން ނިންމެވީ ދިވެހިރާއްޖެ ޖުމްހޫރިއްޔާއަކަށް ހެދުމަށް މަޖުބޫރުކޮށްފި ކަމުގައެވެ. މިގޮތުގެމަތިން އުފެދިގެން އައި ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ދުނިޔޭގެ އަލިކަން ދުށީ 1 ޖެނުއަރީ 1953 ގައެވެ. ނަމަވެސް މި ޖުމްހޫރީ ދެމިއޮތީ 7 މަހާއި ދުވަސްކޮޅަކުއެވެ.

އަނެއްކާވެސް ރަސްކަމަކަށް ބަދަލުވެއްޖެއެވެ. އެއީ 7 މާޗް 1954 ގައެވެ. މިފަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލް އެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށްފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނެވެ. އެއީ 11 ނޮވެމްބަރ 1968 ގައެވެ.

ދެވަނަ ފަހަރަށް ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ފޮރޮޅިގެން ދިޔަ ގޮތަށް ބަލާއިރު ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ޢާންމު ސިއްރު ވޯޓެއް 15 މާރޗު 1968ގައި ނެގުނެވެ. މިވޯޓުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން، ވޯޓުދިން މީހުންގެ 81 އިންސައްތަ މީހުން ވޯޓު ދިނީ ޖުމްހޫރިއްޔަތަށެވެ.

މިއާއެކު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމް ކުރެވުނެވެ. އެއީ 11 ނޮވެމްބަރ 1968 ގައެވެ. ރައީސަކަށް އިންތިޚާބު ކުރެވުނީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. ރާއްޖޭ ޖުމްހޫރީ ދުވަސް ފާހަގަ ކުރެވެމުންމިދަނީ މި ދުވަހާގުޅުވައިގެންނެވެ. ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ހެއްދެވިއެވެ. ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާގެ މަޤާމުގެ ނަންފުޅު “ރައީސުލްޖުމްހޫރިއްޔާ” ކަމުގައި އެންމެ ފުރަތަމަ ތަޢާރަފުކުރެވުނީ މި ޤާނޫނުއަސާސީންނެވެ.

ޖުމްހޫރީ ދައުލަތެއްގެ މާނައަކީ ރައްޔިތުންގެ ވެރިކަމެއް ކުރާ ދައުލަތެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަންކަން ނިންމެން ޖެހޭނީ ރައްޔިތުން އެކަމަށް ކަނޑައަޅާ އުޞޫލުތަކުންނެވެ. އެ އުސޫލުތައްވާން ޖެހެނީ އެ ޤައުމެއްގެ ޤާނޫނު އަސާސީގައި ބަޔާންވެ އެނގެން އޮންނަ އުޞޫލުތަކަކަށެވެ. ޖުމްހޫރީ ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ ޤައުމުގެ އެންމެ މަތީ ވެރިޔާއަކީ ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތާޢީދާއެކު އިންތިޚާބު ކުރުމެވެ.

ރައީސް މުހައްމަދު އަމީންއާއި ރައީސް ނާޞިރު ހިމެނޭހެން މިހާތަނަށް 6 ބޭފުޅަކު ވަނީ ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައެވެ. މި ދެ ބޭފުޅުންގެ އިތުރުން ދެން ރައީސްކަން ކުރައްވާފައިވަނީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަންގެ އިތުރުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ދިވެހި ޖުމްހޫރިއްޔާގެ 7 ވަނަ ރައީސެވެ. އަދި ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ހުވާ ކުރައްވާ ދިވެހިރާއްޖޭގެ ވެރިކަމުގެ ތަހުތާއި ހަވާލުވެ ވަޑައިގަންނަވާ ޑރ މުހައްމަދު މުއިއްޒުއަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސްއެވެ.

ކޮންމެއަކަސް ޖުމްހޫރީ ދުވަހާއިއެކު ދިވެހިން އައު ރައީސުލްޖުމްހޫރިއްޔާއަށް މައުހަބާ ކިޔާއިރު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ގިނަ ފަހަރު ދިވެހިން ވެރިއަކު އިންތިޚާބު ކުރަނީ ކޮންމެހެން އެ އިންތިޚާބު ކުރާ މީހާއަށް އޮންނަ ތާޢީދަށް ބަލައިގެން ނޫނެވެ. އެއަށް ވުރެ ބޮޑަށް އޭރަކު ވެރިކަމުގައި ހުރި މީހާ ބަދަލުކޮށްލުމުގެ ނިޔަތުގައެވެ. ރައްޔިތުން ރުހޭނެ ތައުލީމާއި ތަހުޒީބެއް ލިބިފައިވާ ޚިދުމަތްތެރިއެއް އަދި މިހާތަނަކަށް ވެރިކަމާއި ހަމައަށް ނާދެއެވެ. ފަހަރެއްގައި ސިޔާސީ ކުޅިވަރަކީ އެފަދަ އަބުއި ބޭފުޅުންނަށް މާ ހުތުރު ކުޅިވަރަކަށް ވެދާނެއެވެ.

އަޅުގަނޑުމެން ދިވެހިން ޖުމްހޫރިއްޔަތެއްގެ ހިޔަލުގައި މި ކުރި ދަތުރަކީ ފޮނި ދަތުރެކޭ ބުނެވޭކަށް ނެތެވެ. ޖުމުހޫރިއްޔާ އެއްގެ ދަށުން ދިވެހިން ކުރި ދަތުރު ޑިމޮކްރަސީގެ މަގަށް ބަދަލުވެ އެ ދަތުރު ކުރަމުންދާއިރު، ދިވެހިން ހޮވި އެއްވެސް ވެރިޔަކަށް މިހާތަނަށް ދިވެހިންގެ ވިންދު އިހުސާސްވެފައެއް ނެތެވެ. ކޮންމެ ވެރިއަކާއި މެދު ވެސް ދިވެހިންގެ ޝަކުވާ އަކަށް ވަނީ އާއިލީ ކުލަ ވެރިކަމުގެ މަތީފަޑީގައި ގަދަވާކަމުގެ ވާހަކައެވެ.

ހިތާމައާއި އެކު ދަންނަވަން ޖެހެނީ ކޮންމެވެސް ސިޔާސީ ނޫނީ ވިޔަފާރިވެރި ޝަހުސެއްގެ އަތްދަށުވެ ސަރުކާރުތައް ގޮނޑިކޮއްކޮ ސަރުކާރުތަކަށް ވާކަމެވެ. ރައްޔިތުންގެ ވޯޓާއި އެކު ރައްޔިތުންގެ ޚާދިމުންގެ ޓެގް އަޅުއްވައިގެން ވެރިކަމަށް ވަޑައިގަތުމުން، ދެން ރައްޔިތުންގެ އަޑަށް ބީރު ކަންފަތެއް ދޭކަމެވެ. ޖުމްހޫރީ ނިޒާމެއް އޮތް އިރު ރައްޔިތުންގެ ގެ ” ރައްޔިތުންގެ މަޖިލީހުގައި”، އާންމު ރައްޔިތު މީހާއަށް ލުއި ވާނެ ބިލެއް ފާސްކުރެވެނީ މަދަކުންނެވެ. ދެންވެސް ހަމަ ކިޔަންވީ ރައްޔިތުންގެ ވެރިކަމެކޭ ހެއްޔެވެ؟

ޖުމްހޫރީ އުފަލާއި އައު ރައީސްގެ ވެރިކަމެއްގެ ފޮނި ހުވަފެން ދެކެމުންދާއިރު އެންމެ ދެރަކަމަކީ މިއަދު ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ނުފެންނަކަމެވެ. މިއަދު ރައްޔިތުން ދެބައިވެއްޖެ ކަހަލައެވެ. ހުޅަނގުން އައި ސިޔާސީ އޮއިވަރާއި އެކު ދިވެހިންގެ އެއްބައިވަންތަކަން ނެތިގެއްލި ހިނގައްޖެއެވެ. ރައްޔިތުންގެ ކަންކަމުގައި ވެސް އެއް ގަލަކަށް އެރުން ދަތި އުނދަނގޫ ކަމަކަށް ވެއްޖެއެވެ.

ޤަބޫލުކުރަން ޖެހޭ ކަމަކީ ޖުމްހޫރިއްޔަތެއްގެ ހިޔަލުގައި 5 އެއްއަހަރު ހޭދަ ކުރިޔަސް، ހަގީގީ ރައްޔިތުންގެ ވެރިކަމެއް ކުރަން ވަނީ ނުކުޅެދިފައެވެ. އޭގެ ބަދަލުގައި ވެރިކަން ވަނީ އެންމެ ރައްޔިތެއްގެ ނޫނީ ދެތިން މީހެއްގެ އަތުގެ ކުޅި ބަޔަކަށެވެ.

ވަރަށް ގަދަ
56%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 19%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: