ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މަޖިލީހުގައި އުޅުއްވަނިިކޮށް“ ރިޔާސަތު ޝަރީފަށް ހަވާލު ކުރުމުން، އީވާގެ ނުރުހުން!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައިސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ “މަޖިލީހުގައި އުޅުއްވަނިިކޮށް”، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފާ ހަވާލުކުރުމުން، މަޖިލީހުގެ ތަޅުމުގައި އީވާ އިހުތިޖާޖު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް ފިޔަވައި އެހެން މެމްބަރަކު ޖަލްސާއެއްގެ ރިޔާސަތަށް ވަޑައިގަންނަވާނީ އެ ދެބޭފުޅުން ވެސް އުޒުރުވެރިވެވަޑައިގަންނަވާ ހާލަތުގަ އެވެ. އެގޮތަށް ހަވާލުކުރާނެ މެމްބަރުން ކަނޑައަޅާނެ ގޮތް މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ތަފްސީލުކޮށް ބަޔާންކޮށްފައި އޮވެއެވެ.

ޖަލްސާގެ ފުރަތަމަ ހުސްވަގުތުކޮޅަށް ފަހު ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާނު ކުރެއްވީ ޖޭއެސްސީގެ ޖަލްސާއަކަށް އެމަނިކުފާނު ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ތަޅުމުގައި ވަޑައިގެން ނެތްކަން އިއުލާނު ކުރެއްވުމަށް ފަހު، ރިޔާސަތު ބަލަހައްޓަވަން އަސްލަމް ހަވާލުކުރެއްވީ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފަށެވެ.

މަޖިލީހުގެ ތަޅުމުގައި ނައިބު ރައީސް ނެތުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ދަށުން، ބޭފުޅަކު ރިޔާސަތު ބަލަަހައްޓަވައިދެއްވުން އެދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް ރިޔާސަތުވަނީ ހަވާލު ކުރައްވާފައެވެ. ޝަރީފު ރިޔާސަތަށް ވަޑައިގެން ޖަލްސާ ފަށްޓަވައި މެމްބަރުންނަށް ވާހަކަ ދައްކަވަން ފުރުސަތު ދެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އީވާ މަޖިލީހުގެ ތަޅުމަށް ވަޑައިގެން ފުރަތަމަ މަސައްކަތް ކުރެއްވީ ”ނިޒާމާ ބެހޭ މައްސަލައެއް“ ކަމަށް ވިދާޅުވެ ފުރުސަތެއް ހޯއްދަވާށެވެ.

އެެ ފުރުސަތު ޝަރީފު ނުދެއްވުމުން، އީވާ ވަޑައިގެންނެވީ އެ ވަގުތު ވާހަކަ ދައްކަވަން ހުންނެވި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޝަހީމްގެ މޭޒު ކައިރިއަށެވެ. އެ ތަނަށް ވަޑައިގެން، އެ މޭޒުގައި ހުރި މައިކަށް އަޑު އަރާ ގޮތަށް އިހުތިޖާޖު ކުރައްވަމުން ގެންދެވިއެވެ. އީވާ ވިދާޅުވީ މަޖިލީހުގައި އޭނާ ހުންނަވަނިކޮށް ރިޔާސަތު އެހެން ބޭފުޅަކަށް ހަވާލުކުރެއްވީ ގަވައިދާ ހިލާފަށްކަމަށެވެ.

ނައިބުރައިސް އީވާ އިހުތިޖާޖު ކުރަމުން ގެންދިއުމުން ރިޔާސަތުން ޝަރީފު ވިދާޅުވީ ޖަލްސާގެ ނިޒާމު ގެއްލިފައިވާތީ ވަގުތީ ގޮތުން މަޖިލީސް މެދުކަނޑައިލާ ކަމަށެވެ.

ޖަލްސާ މެދުކަނޑައިލުމަށް ފަހު އަލުން ފެށި އިރު އަސްލަމް ވަޑައިގެން ރިޔާސަތުގައި އިންނެވުމުން ނިޒާމާ ބެހޭ މައްސަލައެެއް ކަމަށް ވިދާޅުވެ، އީވާ އެދިވަޑައިގެންނެވި “ނިޒާމާ ބެހޭ މައްސަލަ” ހުށަހަޅުއްވަން ފުރުސަތު ދެއްވި އެވެ.

އެ ފުރުސަތުގައި އޭނާ ވިދާޅުވީ މެމްބަރު ޝަރީފު ރިޔާސަތު ބަލަހައްޓަވާ ގޮތަށް އަސްލަމް ނިންމެވީ އޭނާ ވަޑައިގެން މަޖިލީހުގައި އުޅުއްވަނިކޮށް ކަމަށާއި އެކަން އަސްލަމަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެތަށް ފަހަރެއްގެމަތިން މަޖިލީހުގައި އަސްލަމް އާއި ވާހަކަދައްކަވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: