ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީގައި ބަޔާން ކުރާ ރައްޔިތުންގެ ބާރު، ވަރުގަދަ ނަމަވެސް ބަޔަކަށް ވިކިފައިވާ އެއްޗެއް؟

ޝެއާރކޮށްލާ ކަހަލަދޯ؟

“ދިވެހިރައްޔިތުން އެބަޖެހޭ ޒިންމާދާރުވާން. ދިވެހިރައްޔިތުން އެބަޖެހޭ ދިވެހިރައްޔިތުންގެ ވާޖިބު ފުރިހަމައަށް އަދާކުރަން. ރާއްޖޭގެ ޑިމޮކްރެސީ ބައްޓަންވެގެންދާނީ، ރާއްޖޭގެ ޑިމޮކްރެސީ ކާމިޔާބު ވެގެންދާނީ، ރައްޔިތުން އެބައިމީހުންގެ ވާޖިބުތައް އަދާކުރާ މިންވަރެއްގެ މައްޗަށް. ރައްޔިތުން ޒިންމާދާރުވާ މިންވަރެއްގެ މައްޗަށް”

ހަނދާނަށް އަންނަނީ 30 އަހަރުގެ ދިގު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރަށްފަހު 2009 ވަނަ އަހަރު 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ގާތްވެފައި ވަނިކޮށް ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅެވެ. ވިސްނާލުމުން ފަހުމުވަނީ އެމަނިކުފާނު އެދުވަހު ދެއްކެވި ވާހަކަފުޅަކީ ވަރަށް މުހިންމު ކަން ހިނގަންޖެހޭގޮތުގެ ވާހަކަކަމެވެ. އެހެންނަމަވެސް ކަންހިނގަމުން އަންނަ ގޮތާއި މުޅިން ހިލާފު ކަންކަން ކަމެވެ.

މީގެއިތުރުން ރައީސް މައުމޫން ވިދާޅުވީ އެންމެ އިހްލާސްތެރި ބޭފުޅަކީ ކޮބަތޯ، ނުވަތަ އެންމެ ގާބިލް ބޭފުޅަކީ ކޮބައިތޯ އަދި އެންމެ އިލްމީ ބޭފުޅަކީ ކޮބައިތޯ ބެލުމަކީ ރައްޔިތުންގެ ވާޖިބެއްކަމަށެވެ. ރައްޔިތުން އެފަދައިން ބަލައިގެން މަގާމްތަކަށް މީހުން ހޮވާނަމަ އެ މަގާމުތަަކުގައި ތިބޭނީ ކަމަށް ގާބީލް، ނަޒާހަތްތެރި، އިހްލާސްތެރި ބޭފުޅުންކަމަށެވެ.

2008 ވަނަ އަހަރު ލިބުނު ފެހި ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބަޔާން ކުރަނީ ދިވެހިދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީގައި ރައްޔިތުންގެ ބާރުގެ ނަމުގައި ވަކި ބާރެއް އޮވެއެވެ. އެ ބާރުގެ ބޭނުން ކުރުމަށް ރައްޔިތުންނަށް އެކި އިންތިހާބުތައް ލިބެއެވެ.

ރިޔާސީ އިންތިހާބަކީ ރައްޔިތުންނަށް ލިބިގެންވާ ބާރުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރު ނުވަތަ ދިވެހިރާއްޖޭގައި ރައީސްއަކަށް އައްޔަނު ކުރާނެ ބޭފުޅަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބެކެއެވެ. އެއަށްފަހު ދެން ރައްޔިތުން ކުރިމަތި ލަނީ މަޖިލިސް އިންތިހާބާއެވެ. ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާތަނެވެ. ދިވެހިރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނުތަކަށް ގެންނަން ޖެހޭ އެންމެހައި އިސްލާހުތައް ގެނައުމުގައި އެންމެ މައި ރޯލު އަދާ ކުރަނީ މި ދެންނެވި ގާނޫނު ހަދާ މަޖިލީހުނެވެ.

ގާނޫނު ތަކަކީ ރައްޔިތުން އެބައި މީހުންގެ ހެވާއި ލާބައަށްޓަކައި، ނުވަތަ އަހަރެމެންގެ މި މުޖުތަމައު އަމާން ސުލްހަވެރި ތަނެއް ގޮތުގައި ދެމިއޮތުމަށް ބޭނުންވާނެ އެންމެ މުހިންމު އެކައްޗެވެ. ދިވެހިރައްޔިތަކީ ކޮބައި ކަމުން ފެށިގެން ދިވެހިރައްޔިތަކަށް ލިބިދޭ ހުރިހާ ބާރަކާއި، އަދި ދިވެހިރާއްޖޭގައި ކަަންކަން ހިންގަމުން އަންނަ ގޮތް ނުވަތަ ހިނގަންޖެހޭ ގޮތް ލިޔެފައިވާ ފެހި ފޮތަކީވެސް މި ދެންނެވި ގާނޫނު ހަދާ މަޖިލީހަށް ބާރު ލިބިދޭ އެއްޗެކެވެ.

މަޖިލީހަކީ ދިވެހިރާއްޖޭގައި ވަކި ކުރެވިފައި ބާރުތަކުގެ ތެރެއިން އެއްބާރު ކަމުގައި ވާއިރު އެތަނަށް މީހުން އައްޔަނު ކުރުމުގެ ބާރު ވަނީ ރައްޔިތުންގެ މުށުތެރޭގައެވެ. ރައްޔިތުންނަކީ ގައުމުގެ މުސްތަގުބަލު އިތުރު ހަރުފަތަކަށް ގެންދިއުމުގައި މުހިންމު ރޯލެއް އަދާކުރާ ބަޔެވެ. މިއަދު އެ ބާރަކީ ފައިސާފޮއްޗަކަށް ވިއްކާ ނުލެވޭނެ އެއްޗަކަށް ހަދައިފިނަމަ ގާނޫނު ހަދާ މަޖިލީހުގެ ތެރެއިންވެސް ރައްޔިތުން އެ ހޯދަމުންދާ ޑިމޮކްރެސީއާއި ރައްޓެހި، ނަޒާހާތްތެރި އަދި ހާއްސަކޮށް އިހުލާސްތެރި ބަޔަކު ފެނިގެންދާނެއެވެ.

ރައްޔިތުންގެ ހައްގުތައް އިސްކޮށްގެން، ރައްޔިތުންނަށްޓަކައި މަސައްކަތް ކުރާ އެބައެއްގެ މިސްރާބަކީ ހަމައެކަނި ރައްޔިތުންގެ ހައްގުތައްކަމުގައި ހާދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް މީހަކު އެ މަޖިލީހަށް މިއަދު ނިހާޔަތަށް ބޭނުންވެއެވެ. އެތައް ދައުރެއް އެތައް މަޖިލީހެއް ރައްޔިތުން ދެކެފިއެވެ. މަޖިލީސް ވުޖޫދުވެގެން އައިރު ނުވަތަ އެތަނަށް ހޮވާފައިތިބޭ މީހުންނަކީ ނުހަނު އިއްޒަތްރެ ރައްޔިތުންގެ ނަޒަރުގައި އަގެއް ހުރި ބައެއް ގޮތުގައި އިރެއްގައި އޮތް ނަމަވެސް މިހާރު ރައްޔިތުންގެ އިތުބާރު އެ މަޖިލީހަށްގެއްލި ހޮވައިފައި ތިބޭ މެންބަރުންނަކީ އަގެއް ނެތް ބަޔަކަށް ވެއްޖެއެވެ.

ދިވެހިރާއްޖޭގެ މަޖިލީހުގެ އިއްޒަތާއި އެތަނަށް ރައްޔިތުންގެ ގަދަރު ހޯދުމަށްޓަކައި މަސައްކަތް ވެސް ކުރަންޖެހެނީ ހަމަ ރައްޔިތުންނަށްށެވެ. ތިމާގެ ދާއިރާއަށް ހޮވަންވީ ތަރައްގީ އިސްކުރައްވާ، ރައްޔިތުން އިސްކުރައްވާ، ގައުމު އިސްކުރައްވާ ބައެކެވެ. ގަނޫނުގައި އިއްޒަތްތެރި މެންބަރު ބުނުމުން އަދި އެ މެންބަރަކު އިއްޒަތެރި ވީ ނޫންކަމަށް ރައްޔިތުން ބުނަމުން އަންނަތާ އެތަކެއް އަހަރުތަކެއް ވެއްޖެއެވެ.

އުފެދޭ ސުވާލަކީ އިންތިހާބާއި ދިމާކޮށް ތިމާ ގާތަށް ފައިސާ ހިފައިގެން އަންނަ މީހާއަށް ތިމާގެ ބާރު ވިއްކަލަނީ ކޮން ސަބަބަކާއި ލައިގެންތޯ؟ރައްޔިތުން ވިސްނަންވީ މުހިންމީ  ހިނދުކޮޅަކަށް ލިބޭ ފައިސާ ތޯ ނުވަތަ ތިމާގެ ހައްގު ސަލާމަތް ކުރުންތޯއެވެ. ރައްޔިތުންގެ ވާޖިބު ފުރިހަމައަށް އަދާކުރުމުގައި ރައްޔިތުން ވަނީ ވަރަށްބޮޑަށް ފަހަތުގައެވެ. ރިޔާސީ ނިޒާމަކާއި ބަރުލަމާނީ ނިޒާމެއް އެކުވެ ލިބިފައިވާ ހައިބްރިޑް ނިޒާމަކަށް އަހަރެމެންގެ ޑިމޮކްރެސީ ބައްޓަންކުރަން މަަސއްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އެ ޑިމޮކްރެސީ އާއި މުޅިން ހިލާފަށް އަމަލު ކުރުމުން އެކަމަށް ފުރަގަސްދޭނެ ހަމަ އެއްވެސް ރައްޔިތަކު ނެތީތޯ މިއީވެސް އުފެދޭ ސުވާލެކެއެވެ.

ޑިމޮކްރެސީ ތައާރަފްވެ ރައްޔިތުންނަށް ބާރުތަކެއް ލިބިގެން ދިޔައިރު އެބާރުތަކަަކީ ކިހާ މުހިންމު އަދި ކިހާ ވަރުގަދަ ބާރުތަކެއް ކަމެއް ރައްޔިތުން ދެނެގަންނަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. މަގާމްތަކަށް އައްޔަނުކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގަ ކަމަށް ވާއިރު އެ ބާރުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ކުރާނަމަ ރައްޔިތުން މިއަދު ތިބޭނީ އެމީހުން އެ ބޭނުންވާ އަމާން އައްސޭރިއެއްގައިކަން އެއީ ޔަގީންކުރާ ކަމެކެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: