ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 މަސް ދުވަހަށް މަޖިލީހުގެ 6 ގޮނޑި ހުހަށް، ގާނޫނުން ރައްޔިތުންގެ ހައްގު ހަނިވެފައި!

ރައްޔިތުންގެ މަޖިލިސް.
ޝެއާރކޮށްލާ ކަހަލަދޯ؟

19 ވަނަ ރައްޔިތުންގެ މަޖިލީސް ނިމެން ބާކީ އޮތީ 3 ވަރަކަށް މަސް ދުވަހެވެ. ނޮވެމްބަރ 17 ވަނަ ދުވަހުން ފެށިގެން މަޖިލީސް ކުރިއަށް ދަނީ ހަ ދާއިރާއެއްގެ ގޮނޑީގެ ފަޅުކަމާއިއެކުއެވެ. އެއީ އައު ސަރުކާރުގެ މަގާމުތަކަށް އެ ދާއިރާތަކުގެ މެންބަރުން ވަޑައިގަތުމާއި ގުޅިގެންނެވެ.

ހުހަށް ހުރި ގޮނޑިތައް:

  1. ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި
  2. މަޑުއްވަރީ ދާއިރާގެ ގޮނޑި
  3. ގުރައިދޫ ދާއިރާގެ ގޮނޑި
  4. ނައިފަރު ދާއިރާގެ ގޮނޑި
  5. ވިލިމާލެ ދާއިރާގެ ގޮނޑި
  6. މާވަށު ދާއިރާގެ ގޮނޑި

ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަނެއް ބާއްވާ، އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަން ޖެހެއެވެ. ހަމަ އެ ގާނޫނުގައި މަޖިލީހުގެ ދައުރު ހަމަވުމަށް 6 މަސް ދުވަހަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ބައި އިލެކްޝަން ބާއްވައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިކަމާއި ގުޅިގެން މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ތާވަލްކުރަމުންދަނީ އަންނަ އަހަރުގެ މާޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅަށްވުމާއިއެކު، އިންތިހާބާ ދޭތެރޭގައި 6 މަސް ދުވަސް ނެތުމުން، ގާނޫނު ބުނާ ގޮތުން ހުސްވެފައިވާ ހަ ދާއިރާގެ އިންތިހާބު ނުބޭއްވޭނެކަމަށެވެ.

އެހެންކަމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި ބާކީ އޮތް ތިން މަސް ދުވަހު މަޖިލީސް ކުރިއަށް ދާނީ މި ދާއިރާތަކުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ މެންބަރެއް ނެތިއެވެ.

މިއީ އާ ސަރުކާރުގެ މައްސަލައެއް ނޫނެވެ. ކޮންމެ ވެރިކަމެއްވެސް އެކުލެވޭއިރު، އެ ވެރިކަމުގެ ތެރެއިން ގިނަ އަދަދެއްގެ އިސް ބޭފުޅުންނަކީ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަށާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމަށް ބެއްލެވި ނަމަވެސް މިކަން އޮތީ ފެންނަންށެވެ. މިއީ މަގާމުތަކަށް ވަޑައިގަންނަވާ މެންބަރުންގެވެސް މައްސަލައެއް ނޫނެވެ. މަޖިލީހުގެ މެންބަރަކަށްވީތީ ދައުރު ހަމަނުކޮށް އެހެން މަގާމަކަށް ވަޑައިނުގަނެވޭނެކަމަށް އޮވެގެން ނުވާނެކަމަށެވެ. އަދި ހަމައެއާއިއެކު މިއީ އީސީގެ މައްސަލައެއްކަމަށް ދެންނެވޭނެ އެއްވެސް ފުރުސަތެއްވެސް ނެތެވެ.

ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވި، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ މެންބަރުން އަބަދުވެސް މަޖިލީހުގައި ތިބޭކަން ކަށަވަރުކުރުމަކީ ގާނޫނު އަސާސީއިން ކަށަވަރުކުރެވިފައި އޮންނަންޖެހޭނެ ހައްގެކެވެ. ގާނޫނީ ހުސްކަމެއް އައުމުން ނުވަތަ ދުސްތޫރީ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައެއް ހިފައިގެން ސްޕްރީމް ކޯޓަށް ދިއުމަކުން ނިމުނީކީ ނޫނެވެ.  ބޮޑުކަމެއް ހިނގައިފިނަމަ، އެކަށީގެންވާ ގޮތެއްގައި މައްސަލައަށް މަޝްވަރާކުރުމަށާއި، އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަނެ ހައްލު ހޯދުމަށް ރައްޔިތުންގެ މަންދޫބުން ތިއްބަވާ މަޖިލީހަށް ހުށައެޅުމަކީ މުހިންމުކަމެއްކަމަށް ދެކެމެވެ. ނަމަވެސް މިހާރު އޮތް ގޮތުން އެ ހަ ދާއިރާގެ ތެރެއިން ދާއިރާއެއްގައި ކަމެއް ހިނގައިފިނަމަ ޝަކުވާ ހިފައިގެން ރައްޔިތުން ދާނެ މެންބަރެއް ނެތެވެ.

ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސް ހާސް މީހަކަށް ނުވަތަ ފަސް ހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ކަނޑައެޅުމަށް އޮންނައިރު، ރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީ ފަސްހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސްހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސްހާސް މީހަކަށް މެންބަރެއް ހަމަޖެއްސުމަށް ގާނޫނުގައި އޮވެއެވެ. އެހެންކަމުން ކުރިއަށް އޮތް 3 މަހުގެ ތެރޭގައި މަޖިލީހުގައި 30،000 އަށްވުރެ ގިނަ ރައްޔިތުން ތަމްސީލު ކުރާނެ މެންބަރުންނެއް ނުތިބޭނެއެވެ. މަޖިލީހުގައި މުހިންމު ބޮޑު މައްސަލައަކަށް ބަހުސް ކުރާއިރު، ނުވަތަ ގޮތް ނިންމާއިރު އެ ހަ ދާއިރާގެ ރައްޔިތުން އަޑު އެދަނީ ނީވިއެވެ.

2024 ވަނަ އަހަރަށް ހުށައަޅާ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތްތައް މަޖިލީހުގައި ކުރިއަށްދާ މިފަދަ ދަނޑިވަޅެއްގައި މިހެން ކަން އޮތުމަކީ ހަގީގަތުގައި ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ ދާއިރާތަކަށް ބޭނުންވާ ކަންކަން ހުށަނޭޅި، އަދި ނުހިމެނިވީ ނަމަވެސް އެ އަޑު އިއްވާނެ މެންބަރަކު މަޖިލީހަކު ނެތެވެ.

ބައި އިލެކްޝަންސްތައް ބާއްވަން ޖެހުމުން ކުރާ އެންމެ ބޮޑު ޝަކުވާއަކީ ހަރަދު ބޮޑުވުމެވެ. ނުވަތަ އެކަމަށް ބޭނުންވާ ބަޖެޓު ނެތުމެވެ. މިއީ ރައްޔިތުންގެ ހައްގަކަށް ނުވަތަ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ހުރި ތަފާތު އެކި ކަންކަމަށް ހުރަސް އެޅިގެންވާނެކަމެއް ނޫނެވެ.

ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވި، އަދި ކަށަވަރުވޭތޯ ބެލޭނެ ގޮތަށް ނިޒާމު ބައްޓަން ކުރެވިފައި އޮވޭތޯ ކަށަވަރުކުރުމަށް ހުރަސް އެޅޭ އެއްޗަކަށް ގާނޫނު ވެގެން ނުވާނެއެވެ. ފަރުވާއެއް އޮންނަން ޖެހޭނެއެވެ. މެންބަރަކު އިންތިހާބު ނުކުރަނީނަމަ އެހެން ގޮތަކުން އެ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވާ، އެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް މަޖިލީހުގެ ތަޅުމުގައި ވަކާލާތު ކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދެން ތި ހުރިހާ ޙަރަދެއް ނުކުރެވޭނެ. ޓެކްސްފައިސާ. އެމީހިން މަޖިލީސް ދައުރު ނުނިމެނީސް ސަރުކާރުން އެއްވެސް މަގާމަކަށް ނުދެވޭގޮތަށް ފާސްކުރަންވީ. އަމިއްލައަށް އިސްތިއުފާ ދެންޔާ އިންތިހާބުގެ ހަރަދުގެ ބައެއް އަތުލަންވީ. އެމީހަކު މަގާމު ފުރިހަމަ ނުކުރެވޭނެ ހާލަތަކީ ބަލައިގަނެވޭ އުޒުރަކަށް ނުވަންޏާ ބަނދެވޭގޮތަށް އޮންނަންވީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: