ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރާ ހިންގުން ވަގުތީ ގޮތުން އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ހަވާލުކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ވަނީ، އައު ސަރުކާރުގެ ދައުރު ފެށުމުގެ ކުރިން ރިޓަޔާރ ކުރައްވާފަ އެވެ. އެހެންވެ އެހެން ބޭފުޅަކު ކޮމިޝަނަރުކަމަށް އައްޔަނު ކުރެވެން ދެން ހިންގުން ހަވާލު ކުރީ އެކްޓިން ޕޮލިސް ކޮމިޝަނަރެއްގެ ގޮތުގައި މަންނާނު ޔޫސުފެވެ. އެކަމަކު އަންނަ ހޮނިހިރު ދުވަހު މަންނާނު ވެސް ރިޓަޔާރ ކުރައްވާނެ އެވެ. އެނގިފައިވާ ގޮތުގައި އެދުވަހު ޑެޕިއުޓީ ކޮމިޝަނަރު އަލީ ރަޝީދު ވެސް ރިޓަޔާރ ކުރައްވާނެ އެވެ.
ފުލުސް ހިންގުމަށް ބަދަލުތަކެއް އައި އިރު، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑުގެ ގޮތުގައި ހުންނެވި އެސިސްޓަންޓް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެ މަގާމުން ވަނީ އެކަހެރިކޮށްފަ އެވެ. އެ މަގާމުގައި މިހާރު ހުންނެވީ ޗީފް ސުޕްރިޑެންޓެންޑް އޮފް ޕޮލިސް އަހުމަދު ނާފިޒެވެ.
މީގެއިތުރން ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އިސްވެރިއަކަށް ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމް ވަނީ ހަމަޖައްސާފަ އެވެ.

