އެމްޑީޕީގެ ސަރުކާރުން ހޯދި ޑިމޮކްރެޓިކް ކާމިޔާބީތައް ފުރޮޅާލުމުގެ ފުރުސަތެއް ނުދެއްވާނެކަކަމަށް އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އއ އުކުޅަހުގައި ބާއްވާފައިވާއިރު، މި މަޖިލީސް ޗެއާކުރެއްވީ ފައްޔާޒްއެވެ. އޭނާ މި މަޖިލީހުގައި ދެއްކެވި ވާހަކައިގައި ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ވާހަކަދެއްކެވިއެވެ. އެގޮތުން ވިދާޅުވީ ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމެއް ގާއިމްކުރެވިފައި އޮތްއިރު، ފާއިތުވި ރިޔާސީ އިންތިހާބަކީ މި ނިޔާމުގެ ތެރެއިން އެންމެ ފުރިހަމަކަމާއިއެކު ބޭއްވި އިންތިހާބުކަމަށެވެ. އަދި އެކަން އެގޮތަށް ކުރިއަށްދިޔައީ އެމްޑީޕީގެ ސަބަބުންކަމަށާއި، އެއީ އެމްޑީޕީގެ ޑިމޮކްރެޓިކް ނިޔަތް ރަނގަޅުވުމުންކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރާއްޖޭގައި ގާއިމްކޮށްފައިވާ ޑިމޮކްރެޓިކް ނިޒާމުގެ ފަހުރުވެރިކަން އެމްޑީޕީއަށް ހައްގުކަމަށްވެސް ވިދާޅުވިއެވެ.
ފާއިތުވީ ފަސް އަހަރުގެ ތެރޭގައި އެމްޑީޕީއިން ވާނީ ޕާޓީގެ އަސާސްތައް ނަގަހައްޓާފައިކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އެމްޑީޕީއިން ވެރިކަމުގައި އޮތްއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކާއިއެކު ރައްޔިތުން އުއްމީދުކުރި ބަދަލުތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އެގޮތުން ހާއްސަ އިސްކަމެއް ދެއްވައިގެން އެމްޑީޕީއިން ކުރެއްވި މަސައްކަތްތަކުގެ ގޮތުގައި ފައްޔާޒް ފާހަގަކުރެއްވީ:
- ރާއްޖޭގައި އަމާން މުޖުތަމައެއް ޤާއިމްކުރުން
- ދިވެހިން ބޭނުންވި ފަދަ ޑިމޮކްރަޓިކް ނިޒާމެއް ޤާއިމްކުރުން
އެމްޑީޕީއިން ރައްޔިތުންނަށް 5 އަހަރު ފޯރުކޮށްދިން ހެޔޮވެރިކަމަށްފަހު އެމްޑީޕީއިން ރޭ އުކުޅަހުގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަކީ، ކުރިއަށް އޮތް ފަސް އަހަރު އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރިވުމާއި ބެހޭ މަޝްވަރާތައް ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްކަމަށެވެ. އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ދެން އެމްޑީޕީއިން ކުރަންޖެހޭނެ މަސައްކަތަކީ މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރުން ކުރި ކަންކަން ނެގެހެއްޓުންކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އަނިޔާވެރިކަން އިޔާދަވުމާއި ދެކޮޅަށް މަސައްކަތް ކުރައްވާނެކަމަށާއި، އެމްޑީޕީއިން ހޯދި ކާމިޔާބީތައް ފުރޮޅާލުމުގެ ފުރުސަތު ނުދެއްވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރިވާއިރު މަޖިލީހުގެ ދައުރު ބޮޑުކަމަށް ފާހަގަކޮށް، ކުރިއަށް އޮތްތާގައި މަޖިލީހަށް އުނދަނގޫ، ޒިންމާދާރު މަސައްކަތްތަކެއް ކުރަން ޖެހޭނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީއިން ކުރި މަސައްކަތް ފާހަގަކުރައްވާފައެވެ. މިހާރު އެމްޑީޕީއަށް އަލުން އަނބުރާ ރިޔާސަތު ހޯދިފައިވާތީ ފައްޔާޒް ވަނީ އެކަން ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށް ޕާޓީގެ މެންބަރުންނަށް މަރުހަބާ ދަންނަވާފައެވެ.

