ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިން ބޭލިޔަސް އިންޑިއާއިން ރާއްޖެއަށް އެހީދެމުންދާނެ: އިންޑިއާ އަސްކަރިއްޔާ

ރައީސް މުއިއްޒު އިންޑިއާގެ އާތް ސައިންސް މިނިސްޓަރާއި ބައްދަލުކުރެއްވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލި ނަމަވެސް އެ ގައުމުން ރާއްޖެއަށް އުފަލާއިއެކު އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ގަބޫލުކުރާކަމަށް އިންޑިއާ އަސްކަރިއްޔާއިން ބުނެފިއެވެ.

އިންޑިއާގެ މަޝްހޫރު ނޫހެއްކަމަށްވާ “އިންޑިއާ ޓުޑޭ” އިން ވަނީ ދިވެހިރާއްޖެއާއި އެ ގައުމުގެ ދެމެދުގެ މަސްރަހާއި ގުޅޭގޮތުން ރިޕޯޓެއް ޝާއިއުކޮށްފައެވެ. އެގޮތުން ރައީސް މުއިއްޒު އިންޑިއާ ސިފައިން ބޭލުމަށް ކުރައްވަމުންދާ މަސައްކަތްތަކަކީ ހައިރާންވަނިވި ކަމެއް ނޫންކަމަށާއި އެމަނިކުފާނަކީ އިންޑިއާ އާއި ދެކޮޅު ސިޔާސަތެއް ގެންގުޅުއްވާ މީހެއްކަމަށް ބައިނަލްއަގުވާމީ ޖަމާއަތެއްކަމަށްވާ އޮބްސާވާރ ރީސާޗް ފައުންޑޭޝަންގެ އިސް ރީސާޗަރެއްކަމަށްވާ ޑރ ހަރްޝް ޕަންޓް ބުނެފައިވެއެވެ. އެހެންނަމަވެސް ރާއްޖޭގައި އިންޑިއާ އަސްކަރީ ހަރަކާތްތައް ކުޑަކަމަށާއި އެ ކަންކަމުން ފައިދާވަނީ ރާއްޖެއަށްކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާގެ އަސްކަރިއްޔާގެ ފޮރިން ކޯޕަރޭޝަން ޑިޕާޓުމެންޓުގެ ކުރީގެ އިސްވެރިޔާ ރިއަރ އެޑްމިރަލް ސުދަރްޝަން ޝްރިކާންޑެ ބުނެފައިވާގޮތުން އިންޑިއާގެ އަސްކަރިއްޔާގެ މުއައްޒަފުން ރާއްޖޭގައި އެކި މަސައްކަތްތައް ސަރުކާރާއި ގުޅިގެން ކުރަމުންދެއެވެ. އަދި އެއީ ރާއްޖޭގެ ދައުވަތުގެ މަތިން ކުރެވެމުންދާ މަސައްކަތްތަކެއްކަމަށާއި ކުދި އަސްކަރީ ޔުނިޓުތައް މަސައްކަތްކުރަމުންދަނީ ފެންނަ ތާނގައިކަމަށްވެސް ބުނެފައިވާއިރު މަސައްކަތްތައް ކުރެވެމުންދަނީ ދެފުށް ފެންނަ އުސޫލެއްގެ ދަށުންކަމަށްވެސް ބުނެފައިވެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ޗައިނާއިން އަދާކުރަމުންދާ ދައުރު ފުޅާވެގެންދާނެކަމުގެ ކަންބޮޑުވުމުގެ ސަބަބުން އަސްކަރީ ކަންކަން ރާވައި އިންތިޒާމުކުރާ މީހުން ދަނީ ކުރިމަގަށް އަޅަން ޖެހިދާނެ ފިޔަވަޅުތައް ދެނެގަތުމުގެ މަސައްކަތްތައްކުރަމުންކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އިންޑިއާގެ އިސް އަސްކަރީ އޮފިޝަލެއްކަމަށްވާ ވައިސް އެޑްމިރަލް އަނިލް ކުމާރް ޗައުލާ މީޑިއާތަކަށް ދިން ބަޔާނެއްގައި ބުނެފައިވާގޮތުން، ރާއްޖެއަށް ހުރިހާ ކަނޑުމަތީގެ އެހީތެރިކަމެއް ފޯރުކޮށްދެމުންދަނީ އިންޑިއާއިންނެވެ. އެހެންކަމުން އިންޑިއާގެ ސިފައިން ފޭބުމުންނާއި އެހެން ބަޔަކު އެ މަސައްކަތްތަކާއި ހަވާލުވުމުން އެ ގައުމަށް ބައެއް ދަތިތައް ކުރިމަތިވުމުގެ ފުރުސަތުތައް އޮތްކަމަށް ބުނެފައިވެއެވެ.

އިންޑިއާގެ ސްޓްރެޓެޖިސްޓުން ބުނާގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އިންޑިއާ އާއި ދެކޮޅު ޝިޔާރުތަކެއް ބޭނުންކުރައްވައިގެންނެވެ. އެހެންކަމުން އެ މަނިިކުފާނަށް އާންމުނަށް ފެނިގެންދާ ގޮތަށް އެ ވިސްނުމާއި ޕޮސިޝަން ބަދަލުކުރައްވަން ދަތިކަމެއްކަމަށް ވެވަޑައިގަންނަވާނެކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ސަރުކާރެއް ހިންގުމުގެ ހަގީގަތަށް ބަލާއިރު، އިންޑިއާއިން ރާއްޖޭގެ ދިފާއީ މަސައްކަތްތަކުގައި އަދާކުރާ ރޯލުގެ މުހިންމުކަން ބަލައިނުގުމަކީ ގޯސްވިސްނުމެއްކަމަށް ބުނެފައިވެއެވެ.

ޑރ ހަރަޝް ޕަންޓު ބުނެފައިވާގޮތުން، ރާއްޖެއިން އިންޑިއާގެ ސިފައިން ފައިބާ މަންޒަރު ފެނިގެންދިއުމަކީ ޗައިނާއަށް ލިބިގެންދާ ކުރިއެރުމެއް ނަމަވެސް އެކަމުގެ ސަބަބުން ރާއްޖެއާއި އިންޑިއާގެ ދެމެދު އޮތް ސަލާމަތީ ގުޅުމަށް އަންނާނެ ބަދަލުތައް އަންދާޒާކުރަން ނޭނގޭކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވެސް ގެންގުޅުއްވީ އިންޑިއާ އާއި ދެކޮޅު ސިޔާސަތެއް ނަމަވެސް އެމަނިކުފާނުވެސް އިންޑިއާ އާއި އެކު ދިފާއީ ގުޅުންތައް ދެމެހެއްޓެވިކަން އޭނާ ފާހަގަކުރިއެވެ.

އެހެންކަމުން އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ރާއްޖޭގައި އިންޑިއާގެ މަގާމު ކަށަވަރުކަމަށާއި ރާއްޖޭގެ ނަޒަރުގައި އިންޑިއާ އަށް ލިބިފައިވާ ޖާގަ ނުވަތަ ހައިސިއްޔަތު ދުވަހަކުވެސް ޗައިނާއަށް ނުލިބޭނެކަމަށް ބުނެފައިވެއެވެ. އިންޑިއާގެ އަސްކަރިއްޔާގެ އިސް މީހެއްކަމަށްވާ ލޫޓަނެންޓް ޖެނަރަލް އަނިލް އަހޫޖާ ބުނެފައިވާގޮތުން، ރާއްޖެއަކީ އެއްވެސް ހާލަތެއްގައި އިންޑިއާއިން އަސްކަރީ ބޭސްއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ގައުމެއް ނޫންކަމަށެވެ.

އެހެންކަމުން ރާއްޖެއިން އެ ގައުމުގެ ސިފައިން ބޭލުމަކީ އަސްކަރީ ވިސްނުމެއްގެ މަތިން ކުރެވެމުންދާ މަސައްކަތްތަކަކަށްވުރެ ބޮޑަށް ސިޔާސީ މަސައްކަތެއްކަމަށް ފެނިގެންދާކަމަށް ބުނެފައިވެއެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލިނަމަވެސް އިންޑިއާ އިން ރާއްޖެއަށް އުފަލާއިއެކު އެހީތެރިކަން ފޯރުކޮށްދޭނެކަަމަށް ގަބޫލުކުރާކަމަށްވެސް ބުނެފައިވެއެވެ. އޭނާ ބުނެފައިވާގޮތުން ގުޅުން މިހާރު އޮތް ގޮތުން ބަދަލުކޮށް ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި މައުލޫމާތު ހިއްސާކުރުން ފަދަ މަސައްކަތްތައްވެސް ކުރެވިދާނެކަަމަށެވެ. އެހެންނަމަވެސް އެ ގައުމަށް ރާއްޖެ މުހިންމު ވަރާއިމެދު އެއްވެސް ބަޔަކަށް ދެކޮޅު ނުހެދޭނެކަމަށްވެސް ފާހަގަކުރިއެވެ.

މީގެ އިތުރުން ރާއްޖެ އާއި އެ ގައުމުގެ ގުޅުމާއިމެދު ރާއްޖޭގެ ސިޔާސީ ވެރިންގެ ކޮމެންޓެއް ހޯދުމަށް މަސައްކަތްކުރިކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންނަމަވެސް ބައެއް ސިޔާސީ މީހުން އެކަމަށް އިހުތިރާމާއިއެކު ދެކޮޅު ހެދިކަމަށާއި، ސަބަބަކީ ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު ނާޒުކު ފައްތަރެއްގައި އޮތުންކަމަށްވެސް ބައެއް މީހުން ހިއްސާކުރިމަށް ރިޕޯޓުގައިވެއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރި ރައީސް މުއިއްޒުގެ ސަރުކާރުގެ އިސްވެރިން ހިޔާލުތަފާތުވުންތައް އެއް ފަރާތްކުރުމަށްވެސް މަސައްކަތްތައް ކުރަމުންދާކަމަަށް ހިއްސާކުރިކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: