ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓު ދަފްތަރުކުރުމަށްޓަކައި ރައީސް ޔާމީން އެކުލަވާލާފައިވާ ޓީމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް ޔާމީން އަދި ރައީސް ޑރ މުހައްމަދު މުއިއްޒު ދެމެދު އޮތް ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވައި ޕީއެންއެފްގެ ނަމުގައި ޕާޓީއެއް އުފެއްދެވުމުގެ މަަސައްކަތްތައް ކުރައްވަމުންދާއިރު، މިހާރުވަނީ އެ ޕާޓީގެ ނަމާއި ކުލަވެސް ކަނޑައެޅި ނިމިފައެވެ. އަދި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އާއި ރައީސް ޔާމީންގެ އިސް ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ހިމެނިވަޑައިގަންނަވާހެން ޓީމަކުންވަނީ އިލެކްޝަންއަށް ވަޑައިގެންފައެވެ.
ޕީއެންއެފްގެ ޓީމާއި އިލެކްޝަަންސްގެ ފަރާތުން ބައްދަލުކުރެއްވީ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި ނައިބުރައީސް އިސްމާއިލް ހަބީބުގެ އިތުރުން އެހެނިހެން މެމްބަރުންނެވެ. މިކަމުގައި އިސްކޮށް އުޅުއްވާ މަލީހު ހިއްސާކުރެއްވިގޮތުން، ރައީސް ޔާމީން ބޭނުންވެވަޑައިގަންނަވަނީ 8 މުއައްސިސެއްގެ މައްޗަށް ޕާޓީ ރެޖިސްޓްރީކުރުމަށްކަމަށެވެ. އެހެންކަމުން ކުށުގެ ރިކޯޑު ސާފުކުރުމަށް ޑިޕާޓުމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށައަޅާފައިވާމަށްވެސް ބުނެފައިވެއެވެ.
މައުލޫމާތު ހިއްސާކޮށްފައިވާގޮތުން އިލެކްޝަންސްއިން 8 މުއައްސިސެއްގެ ނަން ޖެހުމަށް ޖާގަ ދިންނަމަވެސް ރެޖިސްޓްރީގައި ޖެހޭނީ އެކަކުގެ ނަންކަމަށްވުމުން ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންގެ ނަން ޖެހުމަށް ކަނޑައަޅާފައިވާކަމަށްވެސް ބުނެފައިވެއެވެ.
ރައީސް ޔާމީންގެ ފޯނުކޯލުތަކަށް ރައީސް މުއިއްޒު ޖަވާބު ނުދެއްވާކަމަށް ބުނެ މައްސަލަތައް ހޫނުވެފައިވާއިރު، ރައީސް މުއިއްޒުގެ ދިފާއުގައި ވާހަކަދައްކަވާ ފަރާތްތަކުންދަނީ އެ ވާހަަކަތައް ދޮގުކުރައްވަމުންކަން ފާހަގަކުރެވެއެވެ.

