ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ތާރީހު ބަދަލުކޮށްލައިފި

ރައީސް މުއިއްޒު އަދި ތުރުކީގެ ރައީސް އުރުދުއާން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

54 އިންސައްތައާއި ގާތްކުރާ އަދަދެއްގެ ވޯޓާއިކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ދިވެހިރާއްޖޭގެ ދިވެހިވަންތަކަށް ކަށަވަރުކުރުމުގެ ގޮތުން މަދު ދުވަސްތަކެއްގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އެމަނިކުފާނަށް ވެރިކަން ކަށަވަރުވެގެންދިއުމާއިއެކު އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތްތައް ނުރަސްމީކޮށް ނަމަވެސް ކުރައްވަމުން ގެންދެވިއެވެ. އެގޮތުން އިންޑިއާ ސަފީރާއިއެކު ބޭއްވުނު ބައްދަލުވުމުގައިވެސް ރައްޔިތުންގެ އެ ޝުއޫރުތައް ހިއްސާކުރެއްވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ދެއްވި ހިތޯބުގައި ވަކި ގައުމެއްގެ ނަން ނުގެންނެވިނަމަވެސް ރާއްޖޭގައި ބޭރު ގައުމެއްގެ އަސްކަރިއްޔާއަށް ޖާގަ ނުދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ދީނާއި ގައުމު ދިފާއުކުރައްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނުވަނީ ދެއްވާފައެވެ.

އެއަށްފަހު އިންޑިއާއިން ހުވާކުރުމުގެ ރަސްމިއްޔާތަށް ކަނޑައަޅައި ފޮނުވި މަންދޫބު އާތް ސައެންސަސް މިނިސްޓަރު ކިރަން ރިޖީޖޫ އާއި އެކު ކުރިއަށް ގެންދެވި ބައްދަލުވުމުގައި ދިވެހިންގެ ޝުއޫރުތައް އެ ގައުމުގެ ސަރުކާރާއި ހިއްސާކުރައްވާފައިވާކަމާއި ރަސްމީގޮތުން ސިފައިން ބޭލުމުގެ މަސައްކަތްތައް ފެށިގެން ގޮސްފައިވާކަން އައު ސަރުކާރުން ހާމަކުރިއެވެ.

ރައީސް މުއިއްޒުއާއި މެދު އޮތް އެންމެ ބޮޑު ކަންބޮޑުވުންގޮތުގައި މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކާއި އެމަނިކުފާނާއި އިދިކޮޅު ފަރާތްތަކުންވެސް ފާހަގަކުރަނީ އެމަނިކުފާނު ވެރިކަމުގައި ޗައިނާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ގަދަވަގެންދާނެކަމުގެ ކަންބޮޑުވުމެވެ. އަދި އިންޑިއާ އާއި މިހާރު އޮތް ގުޅުމަށް ބަދަލެއް ނާންނާނެކަމަށް ނުވަތަ އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފަދަ ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާކަންވެސް ފާހަގަކުރެވެއެވެ. އެހެންނަމަވެސް މި ދައުރުގައި އަދި ދުނިޔޭގެ އޮއެވަރު އޮތް މިސްރާބުވެސް ފެނިގެންދަނީ ތަފާތުކޮށެވެ.

ސައުދީ އަރަބިއްޔާއިންވަނީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެއާއިއެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ނިންމާފައެވެ. އެކަން ހާމަވެގެންދިޔައީ އެ ގައުމުގެ ނޫސްތަކުގައި އެ މައުލޫމާތު ޝާއިއުކުރުމާއިއެކުއެވެ. މި އެއްބަސްވުން ގާއިމުކުރުމަށް ނިންމީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވެސް ބައިވެރިވެވަޑައިގެންނެވި އެ ގައުމުގެ ވަޒީރުންގެ މަޖީލުގެ ބައްދަލުވުމެއްގައެވެ.

ރާއްޖޭގެ ކުރީގެ ހުރީހާ ރައީސުންވެސް ފުރަތަމަ ރަސްމީ ދަތުރެއްގެ ގޮތުގައި ވަޑައިގަންނަވަނީ އިންޑިއާއަށެވެ. އެ ގައުމުގެ އިސްވެރިންނާ ބައްދަލުކޮށް އެ ގައުމާއިއެކު ގުޅުންތައް އިތުރަށް ބަދަހިކޮށް އިހުތިރާމު އަދާކުރުމަށެވެ. އެހެންނަމަވެސް ރައީސް މުއިއްޒު ވަޑައިގަތީ އިސްލާމީ ދުނިޔޭގައި އެންމެ ނަންވިދާ އެއް ގައުމުކަމަށްވާ ތުރުކީއަށެވެ.

އެމަނިކުފާނުވަނީ ތުުރުކީއަށް ވަޑައިގެން އެ ގައުމުގެ ރައީސް ތައްޔިބު އުރުދުއާން އާއި ބައްދަލުކުރައްވައި ދިވެހިރާއްޖޭގެ މިސްރާބަށް ތާރީހީ ބޮޑު ބަދަލެއް ގެންނެވުމަށް ހުންގާނާއި ހަވާލުވެވަޑައިގެން ހުންނެވިކަން ހާމަކުރައްވާފައެވެ.

މި ދަތުރާއިމެދު ސޯޝަލްމީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވުނު ނަމަވެސް ސަރުކާރުން ހާމަ ކުރި ހަބަރަކުތަކާއިއެކު ދަތުރުގެ ހައިސިއްޔަތާއިމެދު ކުރެވެމުންދިޔަ ސުވާލުތަކަށް ޖަވާބުތަކެއް ލިބިގެންދިޔައެވެ.

ތުރުކީގެ ރައީސް ގެ ދައުވަތަކަށް ކުރެއްވި މި ދަތުރުގައި ރައީސް މުއިއްޒުއާއިއެކު ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަތެވެ. އެގޮތުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އިގްތިސާދީ ވަޒީރު މުހައްމަދު ސައީދާއި  ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހު ފަދަ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކުރެވެއެވެ.

ތުރުކީގެ ވެރިރަށް އަންކާރާގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ރައީސް މުއިއްޒު އަދި ރައީސް ތައްޔިބު އުރުދުއާން ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ދެ ގައުމު ދެމެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓާއި އިއާދަކުރަނިވި ހަކަތައިގެ އިތުރުން މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއިމެދު ރައީސް މުއިއްޒުވަނީ މަޝްވަރާކުރައްވާފައެވެ.

މަޝްވަރާތަކަށްފަހު ދެ ގައުމުންވަނީ “”އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ” ގެ ނަމުގައި އެއްބަސްވުމެއް ގާއިމުކޮށްފައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު ސައީދުކަމަށްވާއިރު، ތުރުކީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރޭޑް ޕްރޮފެސަރ ޑޮކްޓަރ އޮމަރ ބޮލަޓްއެވެ.

ރައީސް މުއިއްޒު ތުރުކީގެ ބައެއް ވަޒީރުންނާއި އިސް އެހެނިހެން ފަރާތްތަކާއިވެސް ބައްދަލުކުރެއްވިއެވެ. އެގޮތުން އެ ގައުމުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓްރީ އިބްރާހީމް ޔުމާކްލީއާއި ބައްދަލުކުރައްވައި އެމަނިކުފާނުވަނީ ދެމެދުގައި ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމާ ބެހޭގޮތުންނާއި ދަނޑުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތަކެއް އެކުލަވާލުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

އެމަނިކުފާނުވަނީ ތުރުކީގެ މިނިސްޓަރ އޮފް ނޭޝަނަލް އެޑިއުކޭޝަން ޔޫސުފް ތެކިން އާއިވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ގައުމުންވަނީ މަތީ ތައުލީމުގެ ރޮނގުން އެއްބާރުލުން ދިނުމާއިމެދު މަޝްރާތައް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި ސްކޮލަޝިޕް ފުރުސަތުތައް އިތުރުކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރެވިފައިވެއެވެ. އަދި އެމަނިކުފާނުވަނީ އެ ގައުމުގެ މިނިސްޓަރ އޮފް ޓްރެޝަރީ އެންޑް ފިނޭންސް މެހްމެތް ސިމްސެކް އާއި ބައްދަލުކުރައްވައި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި އެއްބާރުލުން ބޭނުންވާ މުހިންމު ދާއިރާތަކާއިމެދު ވާހަކަދައްކަވާފައިކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ވިޔަފާރިއާއި އިގްތިސާދީ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން އެމަނިކުފާނުވަނީ އެ ގައުމުގެ މަޖިލީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި މިވަގުތު އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ ފަލަސްތީނުގެ މައްސަލައާއިމެދުވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދިވެހިން އަބަދުވެސް ޝާމިލުވެ އެއްބާރުލުން ދޭނެކަމަށާއި ފޯރުވެން އޮތް ކޮންމެ އެހީތެރިކަމެއްވެސް ފޯރުވަމުން ގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި ރާއްޖެއާއިއެކު މަސައްކަތްކުރާ ކޮންމެ ގައުމަކާއިއެކުވެސް ގުޅުން ދަމަހައްޓަވާނެކަމަށާއި އެއީ ކެމްޕެއިންގައި އެންމެ އިސް ޝިޔާރުކަމަށްވެސް ވުމުން އެ މަސައްކަތްތައް ކުރެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 51%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 2%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. 54 އިންސައްތައާއި ގާތްކުރާ އަދަދެއް ހޯއްދެވީ އެމަނިކުފާނު ގިނިކަންޏާ ނިކުންނަވައިގެންތޯ؟

  2. ތުރުކީގެ ރައީސް ގެ ދައުވަތަކަށް ކުރެއްވި މި ދަތުރުގައި މަރުޙަބާ ކިޔަންވެސް ތުރުކީގެ ރައީސް ވަޑައިނުގަންނަވާކަމީ ހިތާމަ ކުރަންޖެހޭ ކަމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: