ރާއްޖޭގެ އުތުރުގެ ރ. އުނގޫފާރުގައި ހުންނަ އިސްލާމިކް މަރުކަޒުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ކެމްޕަސްއެއް ހިންގަން އެ ޔުނިވާސިޓީ އާއި އިސްލާމިކް މިނިސްޓްރީ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ދެ އަހަރުގެ ތެރޭގައި އައިޔޫއެމްގެ މަރުކަޒުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށް، ކޯސްތައް ހިންގުމަކީ މިނިސްޓަރ ޝަހީމްގެ އެންމެ ބޮޑު އަމާޒެވެ. އެގޮތުން އައު ސަރުކާރުގެ މަގާމާއި ހަވާލުވުމަށް ފަހު މިނިސްޓަރ ވިދާޅުވީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ އިސްލާމީ ތައުލީމުގެ ފުރުސަތުތައް ފަހިކުރުން ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު ވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އެކު ދަތުރުތަކުގައި ބައިވެރެވަޑައިގެން ގދ. ތިނަދޫގެ ޖަލްސާއެއްގައި ވިދާޅުވީ އެ ރަށުގެ އިސްލާމީ މަރުކަޒު ގާއިމު ކުރީ ހުވަދުއަތޮޅުގެ އިސްލާމީ މައި މަރުކަޒަށް އެތަން ހަދައި އިސްލާމީ ޔުނިވާސިޓީގެ މައި މަރުކަޒަކަށް ތަން ހެދުމުގެ މަގްސަދުގައި ކަމަށެވެ.
އެކަމަކު މިދިޔަ ފަސް އަހަރުގެ ތެރޭގައި އެ މަގްސަދު ހާސިލު ނުވެ، އިސްލާމީ މަރުކަޒުގެ މަގުސަދު ހާސިލްނުވެ ތަން ދިޔައީ ވީރާނާވަމުންކަމަށް ޝަހީމް ވިދާޅުވި އެވެ. އޭގެ ފަހުން އެންމެ ފުރަތަމަ ވެސް މި ހަފްތާގައި ތިނަދޫގެ އިސްލާމީ މަރުކަޒު ވަނީ އައިޔޫއެމާ ހަވާލުކޮށްފަ އެވެ. އެއަށް ފަހު ދެން ސޮއިކޮށްފައި ވަނީ އުނގޫފާރުގެ އައިޔޫއެމް އެއްބަސްވުމުގަ އެވެ. މި އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ވައިސް ޗާންސިލަރު އަލީ ޒާހިރާއި މިނިސްޓަރ ޝަހީމް ދެމެދު އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވެފައި ވަނީ މި އެއްބަސްވުމުގެ ސަބަބުން އިސްލާމިކް ޔުނިވާސިޓީގެ ކްލާސްތައް ހިންގައި ކިޔަވައިދިނުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި މިއީ ލިބޭނެ ކުރިއެރުމެއްކަން ފާހަގަކުރައްވައި އަލީ ޒާހިރު ވިދާޅުވީ ކެމްޕަސްގެ ސަބަބުން ޔުނިވާސިޓީއަށް ވެސް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވެފައި ވަނީ މި ސެންޓަރަކީ ޑރ. އަފްރާޝިމް އަލީގެ ނަންފުޅުގައި އެމަނިކުފާނުގެ ނަމުގައި ގާއިމު ކުރި އިސްލާމީ މަރުކަޒެއް ކަމަށެވެ. އަދި މި ޔުނިވާސިޓީގެ ސަބަބުން އަގުހުރި ހިދުމަތްތަކެއް ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޝަހީމް ވިދާޅުވި އެވެ. އިސްލާމިކް ޔުނިވާސިޓީ، ޔުނިވާސިޓީއަކަށްވުމުގައި އަފްރާޝިމްގެ ބުރަ މަސައްކަތް ވާކަން ޝަހީމް ފާހަަގަކުރެއްވި އެވެ.
ޝަހީމް ވިދާޅުވީ ކުއްލިއްޔާއަށް ޔުނިވާސިޓީއެއްގެ ދަރަޖަ ދިނުމުގެ ގާނޫނީ މަސައްކަތް ކުރިޔަށް ގެންދިޔައިރު މަޖިލީހުގައި އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވައި މަސައްކަތް ކުރެއްވީ ޑރ. އަފްރާޝިމް ކަމަށެވެ.

