ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ދައުރުގެ ފޯމިއުލާއަކީ މިއީ!

ރައްުޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ތާރީހަށް ބަލާ ނަމަ، ފެނިގެންދަނީ އަނިޔާވެރިކަމަށްފަހު އަނިޔާވެރިކަމެއް ކަމަށް ބުނާމީހުން މަދެއް ނޫނެވެ. މިހެން ބުނަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެރިކަމުން ދުރުކޮށް އެމަގާމަށް އައްޔަނުކުރި ރައްޔިތުންގެ ކެމްޕެއިންގެ ވެރިކަންވެސް ގިނަ އަދަދެއްގެ ރައްޔިތުންގެ ރުހުމާއިއެކު ގަދަބާރުން ނިނުމަކަށް ގެނައި މަންޒަރު ފެނިގޮސްފައިވާތީއެވެ.

އެއަށްފަހު ރައީސްކަމަށް އައްޔަނުކުރި ކޮންމެ މީހެއްގެ ވެރިކަންވެސް ނިމިގެންދިޔައީ ދެވަނަ ދައުރެއް ކާމިޔާބުކުރުމަށް ކުރި މަސައްކަތްތަކުގައި ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލެއްވުމަށްފަހުއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެންމެ ފަހުން ރައީސްކަމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުވެސް ނިމުމަކަށް އައި ދުވަސްވަރު އިވިގެންދިޔައީ އެ ވެރިން ރައްޔިތުންގެ ތެރެއިން އެއް ބަޔަކަށް އަޅައިނުލާ އިހުމާލުތަކެއް ވެފައިވާކަމުގެ ވާހަކަ ކަން ފާހަގަކުރެވެއެވެ. ދެވަނަ ދައުރެއް ހޯދުމުގެ މަސައްކަތްތައް ނާކާމިޔާބުވެގެންދިޔަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރައްޔިތުންނަށް ލިބެމުންދިޔަކަމަށް ބުނަމުންދިޔަ އަނިޔާތަކުގެ އަޑުތައް ގަދަވުން ނުހިމެނި ނުދާނެއެވެ.

އެހެންކަމުން ދިހަ އަހަރުގެ ވެރިކަމެއް ކުރުމުގެ ހިޔާލު ގެންގުޅޭ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް މި މަސައްކަތްތައް ކޮންމެހެންވެސް ކާމިޔާބުވުން މުހިންމެވެ. ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުންތަކާއި ޝަކުވާތައް ގިނަވަމުންދަނީ އެ މައްސަލަތައް ހުރުމުންނެވެ. ދަތިތައް ދިމާވާތީއެވެ. މި ދަތިތައް ދިމާވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މައްޗަށް ވެރިކަމެއް ކުރުމަށް ވަޑައިގަންނަވާ މީހުން ނިސްބަތްވާ ޕާޓީގެ މީހުންގެ އިހުސާސްތަކަށް އެކަނި ރިއާޔަތްކޮށް ވެރިކަން ކުރުން ކަމަށް ވުމީވެސް އެކަށީގެންވާ ކަމެކެވެ.

އާންމުކޮށް އަޑުގަދަކުރަނީ އިދިކޮޅުގައި ތިބޭ އާންމު މެމްބަރުންނެވެ. އަޑުއުފުލަމުންދަނީ އެ ބަޔަކު އެންމެ ފަހު ރިޔާސީ ރޭހުގައި ތާއީދުކުރި ކެންޑިޑޭޓުގެ ސިޔާސަތުތަކުގެ ތެރޭގައި ކޮންމެހެންވެސް ބޭނުންތެރި ބައެއް ކަންކަން ހިމެނޭއިރު ރޭހުގައި ލިބިގެންދާ ނާކާމިޔާބީ އާއިއެކު މަންފާތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރަމުން އައި ސިޔާސަތުތައްވެސް ގެއްލިގެންދާތީއެވެ. ސަރުކާރު ގެނައުމަށް ވޯޓު ނުދޭ ނުވަތަ އިންތިހާބު ކާމިޔާބުކުރާ މީހާ ނޫން އެހެން މީހަކަށް ވޯޓު ދިން ރައްޔިތުން ކުރިއަށް އޮތް ފަސް އަހަރަށް ކުރި އުންމީދުތަކަށް އަޅާ ނުލެވިދާތީއެވެ.

އެހެންކަމުން ދެވަނަ ދައުރެއް ބޭނުންވާ ބައެއްގެ މިސްރާބު ހުންނަން ޖެހޭނީ ޝަކުވާތަކުގެ އަޑު ކަނޑުވާލުމާއި ދިމާލަށްކަން ޔަގީނެވެ. މިކަން މިހާރުގެ ސަރުކާރަށް ކުރެވޭނީ މި ދެންނެވި ފަދައިން އިދިކޮޅަށް ވޯޓު ދިން ރައްޔިތުން އެ ތާއީދުކުރި ސިޔާސަތުތަކާއި ބޭނުންވިކަންކަން ދެނެގަނެ އެކަންކަންވެސް ހާސިލުކޮށްދީގެންނެވެ. އަދި ކޮންމެ މީހަކު ވީ ވައުދެއް ނަމަވެސް އެކަމަކީ ރައްޔިތުން ކުރަމުންދާ އުންމީދެއްކަމަށްވުމުން މުހިންމު ކަންކަން ފުއްދައިދިނުމުގެ ގާބިލުކަން ހުރި ހާލަތު އެކަން ކުރުން ކޮންމެ ސަރުކާރަކަށްވެސް ލާޒިމުވާނެއެވެ.

އެ ނޫން ހާލަތެއްގައި އަބަދުވެސް އެއް ބަޔަކަށް މަގުތައް މައްޗަށާއި ކަންކަން މައްޗަށް ނުކުމެ އަޑުއުފުލުމަށް މަޖުބޫރުވާނެއެވެ. އަނިޔާވެރިކަމެއް ނެތްތާނގައި ފިތުނައިގެ ބޭނުމަށް އަދި އިދިކޮޅު ބަޔަކު މީހުން ވާހަކަތަކެއް ދެއްކިޔަސް އެކަމުގެ ސަބަބުން ސަރުކާރަކަށް ކުރާނެ ނޭދެވޭ އަސަރެއްވެސް ނޯންނާނެއެވެ.

އެހެންނަމަވެސް ރައީސް މުއިއްޒު ވެރިކަން ކާމިޔާބުކުރެއްވީ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވި އިންތިހާބަކުންކަމަށްވުމުން މި މަސައްކަތްތަކަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. މި މަގުން މަސައްކަތްތައް ކުރައްވާ ނަމަ ރައީސް ސާލިހު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ރައްޔިތުންނަށް ސީދާ މަންފާވަނިވި ކަންކަން ދެނެގަނެ އެކަންކަން ރައްޔިތުންނާއި ހިސާބަށް ގެނެސްދެއްވުމަކީ ދެވަނަ ދައުރެއް ކަށަވަރުކުރުމަށާއި މި ފަސް އަހަރުގެ ހަމަޖެހުން ގާއިމުކުރެއްވުމަށްޓަކައި އެޅިގެންދާނެ އެންމެ މުހިންމު އެއް ފިޔަވަޅުކަމަށްވާއިރު، އެހެނިހެން ކެންޑިޑޭޓުން ވެވަޑައިގެންނެވި ވައުދުތަކާއި ދެއްކެވި ވާހަކަތައް ބައްލަވާލެވުމަކީވެސް ދުރު ހިޔާލެއް ނޫނެވެ.

އެގޮތުން ޒުވާނުން ކުރިއެރުވުމުގެ ގޮތުން ޑިމޮކްރެޓްސްގެ ފަރާތުން ހުށައަޅާފައިވާ ސިޔާސަތުތަކާއި އެކުލަވާލާފައިވާ އިޖްތިމާއީ ހައްލުތަކުގެ ތެރެއިން މި ދައުރުގައިވެސް ތަންފީޒުކޮށް ރައްޔިތުންނަށް އެކަމުގެ ލުއި ފަސޭހަކަން ލިއްބައިދެވެން އޮތްކަންކަން ކޮށްދިނުމަކީ ޒުވާނުންގެ އިހުތިރާމާއި ތާއީދު ލިބިގެންދާނެ ކަމެއް ކަމަށްވާއިރު، ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި އޮތް ޕާޓީއެއްކަމަށްވާ އެމްއެންޕީއިން ރައްޔިތުންނަށް ހައްގު މިންވަރުގެ ގޮތުގައި ފާހަގަކުރެއްވި ކަންކަމަށްވެސް ވެރިކަން ކުރުމުގެ ތެރޭގައި ރިއާޔަތްކުރުން މުހިންމެވެ. ރައީސް ސާލިހަށް ދެވަނަ ދައުރު ގެއްލިގެންދިޔަ ސަބަބުތަކުގެ ތެރޭގައި ކޯލިޝަން ޕާޓުނަރުންގެ ހިޔާލުތަކަށް އިހުތިރާމެއް ނެތުން ހިމެނޭކަން ކެމްޕެއިންގެ ވާދަވެރިކަމުގެ ތެރެއިން އެނގިގޮސްފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ އިގްތިސާދު ވަރުގަދަކުރުމަށާއި ރައްޔިތުންގެ ތެރޭގައި މުއްސަނދިކަން އިތުރުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ބައެއް ސިޔާސަތުތައް ތަންފީޒުވެގެންދިއުމަށްވެސް ރައްޔިތުންގެ ތެރެއިން ބަޔަކު އެދެމުންދިޔައެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރެއްވުމުގެ ގޮތުން މުހިންމު ބައެއް ވިސްނުންތައް ގެންގުޅުއްވާފައިވާއިރު، އަދުގެ ސިޔާސީ މައިދާނުގެ ހަލަބޮލިކަމުގެ ސަބަބުން އެ މަސްރަހާއިމެދު ނުތަނަވަސްވެފައިވާ ރައްޔިތުންގެ އުންމީދުތަކާއި ބައެއް މިނިވަން ކެންޑިޑޭޓުންނާއިވެސް ގުޅިފައިވާކަމީ ހަގީގަތްކަމަށްވުމުން އެ ކަން ބަލައިގަނެ ހުރިހާ ރައްޔިތުންވެސް ހިމެނިގެންދާ ގޮތަށް ވެރިކަމެއް ކުރެއްވުމަށް އެ ވިސްނުންތަކުގެ ބޭނުން ހިފުން ރަނގަޅު ކަމެއްގެ ގޮތުގައި ފެނިގެންދެއެވެ.

ކޮންމެ މީހެއްގެ ހިޔާލެއް ނަމަވެސް ކުރީ ރައްޔިތުންނަށްޓަކައި ކަމަށްވުމުން ރަނގަޅު ވިސްނުމެއް ނަމަ ބަލައިގަތުމުގައި ދެރައެއް ލިބިގެނެއް ނުދާނެއެވެ. މިއީ މިދިޔަ ވެރިކަން ތަކުގައި ވެރިން އަމަލުކޮށްފައިވާ އާންމު އުސޫލު ނޫން ނަމަވެސް، ކުރީގެ އުސޫލުތަކުގެ މަތިން އަމަލުކޮށްގެން ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރުކުރުމުގެ މަގުސަދު މިހާތަނަށް އެއްވެސް މީހަކަށް ހާސިލުކުރެވިފައިނުވާކަަމަށްވުމުން އަދި ކޮންމެވެސް ވަރަކަށް މި ހިޔާލު ތަފާތު ނަމަވެސް މިގޮތުގެ މަތިން ހަމަޖެހުން ގާއިމުވެ ވެރިކަމެއް ކުރެވިގެންދާނެކަމާއިމެދު ޝައްކެއްވެސް ނެތެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: