ކުށުގެ ރެކޯޑް ސާފު ކުރުމަށް ފޯމް ހުށަހަޅަމުންދާ މީހުންގެ އަދަދު ގިނަވެ ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ މަސައްކަތްތަކަށް ބާރުބޮޑުވެފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މީގެ ކުރިން ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި، އޮންލައިންކޮށް ހުށަހަޅާ މައްސަލަތަކުގައި ޢާންމުގޮތެއްގައި އެއް ދުވަހުގެ ތެރޭގައި މައްސަލަ ސާފުކޮށްދޭކަމަށެވެ. ނަމަވެސް، ސަރުކާރު ޙިއްސާވާ ކުންފުންޏެއްގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހެޅުމުން، މިނިޒާމު މިވަގުތު ތޮއްޖެހިފައިވާކަމަށް ޕީޖީ ވިދާޅުވި އެވެ. މިކަމުގެ ސަބަބުން އެ އޮފީހުން ފޯރުކޮށްދޭ އެހެން ޚިދުމަތްތަކަށްވެސް އިއްޔެ ބުރޫއަރާ މަސައްކަތް ބާރު ބޮޑުވެފައިވާ ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.
އިތުރަށް އެ އޮފީހުން ބުނީ ޢާންމު ގޮތެއްގައި އަހަރަކު، ޕީޖީ އޮފީހުން ކުށުގެ ރެކޯޑު ސާފުކޮށްދެނީ ޖުމްލަ 13 ހާހެއްހައި ފޯމު ކަމަށެވެ. ނަމަވެސް އިއްޔެ އެކަނި އެ އޮފީހުން 3930 ފޯމު ލިބިފައިވާ ކަމަށެވެ.
އެއީ ގާތްގަނޑަކަށް އަހަރަކު އަންނަނާނެކަމަށް އަންދާޒާކުރާ ފޯމުގެ %30 ޕަސެންޓު ފޯމު ކަމަށާއި، އޭގެ ތެރެއިން 3419 ފޯމުގެ ރެކޯޑު ސާފުކޮށްދެވިފައިވާ ކަމަށެވެ. ނަމަވެސް، އެއީ، ރޭގަނޑާ ހަމައަށް މަސައްކަތްކޮށްގެން ލިބުނު އަދަދު ކަމަށެވެ. މިކަން މި ގޮތަށް އޮތޮމުން މިކަމަކީ ތާއަބަދު އޮންނާނެ ކަމަކަށް ނުވާތީ މި މަސައްކަތް ކުރެވެމުންދާނީ ހަމައެކަނި ރަސްމީ ވަގުތު ތަކުގައި ކަމަށްވެސް އެ އޮފީހުން ވަނީ ކަނޑައަޅާފައެވެ.
މިހާރު ތިބި ފޯމުތައް ކުރިންވެސް ޚިދުމަތް ދެމުން ގެންދިޔަގޮތަށް ދުވަހުން ދުވަހަށް ފޯމުތައް ސާފުކޮށްދެމުން ގެންދާނެ ކަމަށްވެސް ވަނީ ބުނެފައެެވެ. މިހެން ކަމުން މި މަސައްކަތަށް ލަސްތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މިޚިދުމަތް ވަގުތީގޮތުން ލަސްވާތީ ޢާންމުންގެ ކިބައިން މަޢާފަށް އެދޭ ކަމަށްވެސް ބުނެފައި ވެެެެއެވެ.
ޕީޖީ އޮފީހަށް ކުށުގެ ރިކޯޑް ސާފުކުރުމަށް ހުށަހަޅާ ފަރާތްތަކަށް، 10 މިނިޓު ތެރޭ ކުށުގެ ރެކޯޑު ބެލޭނެ އިންތިޒާމުވެސް މީގެ ކުރިން ހަމަޖައްސިއެވެ. އަދި ޕީޖީ އިން ބުނީ ކުށުގެ ރެކޯޑު ސާފުކޮށްދިނުމަށް އެދި ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލް އަށް އީފާސް މެދުވެރިކޮށް ލޮގްއިން ކުރުމަށްފަހު މެނޫއިން ކުށުގެ ރެކޯޑު ސާފުކުރުމުގައި ބައި ނެގުމަށްފަހު ފޮނުވާލެވޭނެ ކަމަށެވެ.
ނަމަވެސް އެ އޮފީހުން ބުނީ މިހާރު ބާރު ބޮޑުވެފައިވަނި އެއްފަހަރާ ގިނައަދަދެއްގެ ފޯމްތަކެއް ލިބެމުންދާތީ ކަމަށެއެވެ. މައުލޫމާތު ލިބިަފއިވާ ގޮތުގައި ޕީޖީއަށް ކުށުގެ ރެކޯޑް ސާފްކުރުމަށް ހުށައަޅަމުން ދަނީ ފެނަކައިގެ މުއައްޒަފުންގެ ކުށުގެ ރެކޯޑް ސާފްކުރުމަށް އެދޭ ފޯމް ތަކެވެ. މިއީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް މުއާޒު މުހައްމަދު ރަޝީދު ހަމަޖައްސައިފަހުން އޭނާ ނިންމަމަވާފައިވާ ނިންމެވުމެކެވެ.
ސަރުކާރު ބަދަލުވި ދަނޑިވަޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވަނީ ގިނަ އަދަދެެއްގެ ބަޔަކަށް އެކުންފުނިން ވަޒީފާތައް ހަމަޖައްސާފައެވެ. އެގޮތުން ކުށުގެ ރެކޯޑް ސާފް ނުކޮށް މުވައްޒަފުންނަށް ވަޒީފާ ދީފައިވާ ކަމަށްވެސް އޭރު އަޑުތައް ފެތުރިގެން ދިޔައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބި އެއް ކުންފުޏަކީ ފެނަކައެވެ. އެ ކުންފުނީގައި 8000 ގާތް ކުރާ އަދަދަށް މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން 2،000 އެއްހާ މުވައްޒަފުންނަކީ ވަގުތީ މުވައްޒަފުންނެވެ.
One Response
ގަނޑުކޮށް ހުށައަޅާ ފޯމުތަކާއި ވަކިން ހުށައަޅާ ފޯމުތައް ނިންމާދިނުން ތަފާތުކޮށްލީމަ އެކަން ހަމަޖެހުނީ އެއްނު.