ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ނިންމައިފި އެވެ.
ތިން ވަނަ ދައުރު ދަންމާލުމަށް ނިންމި މިއީ ދެވަނަ ފަހަރެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި ހުންނެވި ރައީސް މުހައްމަދު އަސްލަމް އިއުލާނު ކުރެއްވީ މި މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންދާނެ ކަމަށެވެ. މީގެ ކުރިން ދައުރުގެ ވަގުތު އިތުރު ކުރީ މި މަހުގެ ހަތް ވަނަ ދުވަހާއި ހަމައަށެވެ. އެހެންކަމުން އެ މާދަމާއަށް ހަމަވާނެ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބެޖެޓަށް ބަހުސް ކުރުން ކުރިޔަށް އޮތް އިރު، އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު އެ މަސައްކަތް ދިގުލައިގެން ދިޔައީ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ދުރު ކުރުމަށް ހުށަހެޅި މައްސަލަ ތާށިވެ ޖަލްސާތައް ކުރިޔަށް ނުގެންދެވުމުގެ ސަބަބުންނެވެ.
ބަޖެޓުގެ މަސައްކަތްތަކުގެ ތެރެއިން މިވަގުތު ކުރިޔަށް ދަނީ ކޮމިޓީ މަރުހަލާގެ މަސައްކަތެވެ. އެއަށް ފަހު ތަޅުމުގައި ވެސް ވެސް ބަހުސްގެ މަސައްކަތް ކުރިޔަށް ގެންދަން ޖެހޭނި އެވެ.

