ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެންބަރުން ޖަހާނެ ސަކަރާތެއް ޖަހާއިރުވެސް، ބަލަން ތިބުން ނޫން ގޮތެއް ނެތް!

ރައްޔިތުންގެ މަޖިލީސް.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ދުވަސްވަރު އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވާހަކައެވެ. މަޖިލީސް އިންތިހާބުގައި އިންތިހާބު ކުރަންވީ ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ބުނެ ދެކެވޭ ވާހަކަތަކެވެ. އެންމެ ރަނގަޅު ވާނީ އިދިކޮޅަށް މެޖޯރިޓީ ދިނުންތޯ ނުވަތަ ސަރުކާރަށް މެޖޯރިޓީ ދިނުންތޯ ކުރެވޭ ބަހުސްއެވެ. ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ ގާބިލް މީހާތޯ ނުވަތަ ހޮވާނީ ގާތް ތިމާގެ މީހާތޯ، މިއީ އެތައް ބައެއްގެ ހިތުގައި ފުނިޖެހިފައިވާ ސުވާލުތަކެވެ. ހޮވާ މެންބަރުގެ ސަބަބުން އަންނާނެކަމަށް އުއްމީދުކުރާ ބަދަލު ހަގީގަތުގައިވެސް އައިސްދާނެކަމާއިމެދު ރައްޔިތުން ތިބީ ޝައްކެއްގެ މަތީގައެވެ.

މަޖިލީސް އިންތިހާބުގައި ދާއިރާތަކަށް ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މެންބަރުން ހޮވާއިރު، އެ މެންބަރުންގެ ހުންނަން ޖެހޭ މާ ބޮޑު ޝަރުތުތަކެއް ގާނޫނުއަސާސީގައި ނެތްކަމުގެ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ގާބިލް ބޭފުޅެއްތޯ، ކަން ކުރެވިދާނެ ބޭފުޅެއްތޯ ބެލުމަށް ހަމަ އެންމެ ޝަރުތެއްވެސް މަޖިލީހަށް ވާދަ ކުރާ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭކަމަކަށް ގާނޫނުގައި ނޯވެއެވެ. އެހެންކަމުން ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމާއި، ގާނޫނު ހެދުމަށް މަޖިލީހަށް ކޮންމެ މީހަކަށްވެސް ވާދަކުރުމުގެ ފުރުސަތު އޮވެއެވެ.

މަޖިލީހަށް މެންބަރުން އިންތިހާބުކުރުމުގައި ރައްޔިތުންގެ ޒިންމާ ބޮޑުކަމުގެ ވާހަކަ ފެށޭ ހިސާބަކީ މިއީއެވެ. އެންމެ ގާބިލު، ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި 5 އަހަރުގެ ދައުރަކަށް ދެމި ހުންނާނެ މީހަކު ހޮވުމުގައި ރައްޔިތުންގެ ޒިންމާއެއް އޮންނަކަމަށް ފާހަގަކުރެވެނީ މިހެންވެއެވެ.

މަޖިލީސް އިންތިހާބާއި ދިމާކޮށް ކުރާ ކެމްޕެއިނުގައި ހަމަ އާންމު ބަހުން ބުނާހެން ހަނދު ނަގާ އަތަށްވެސް ލާދެއެވެ. އުޑުން ތަރިތައްވެސް ބާލައިދެއެވެ. ރައްޔިތުންގެ ހައްގުގައި ކޮންމެކަމެއް ކުރަން ހުރީ ތައްޔާރަށްކަމުގައި ދައްކައެވެ. އެއިރެއްގައި ރައްޔިތުންނަށް ދިމާވެފައި ހުންނަ ދަތިތައް ފިލުވައިދެއެވެ. ގޭ ކަރަންޓު ބިލާއި، ފެން ބިލު ދައްކައިދީ، ކޮޓަރި މަރާމާތު ކޮށްދިނުމާއި، ބޭސް ފަރުވާއަށް ފުރުމަށް އެހީވުމާއި މިފަދަ އެތައްކަމެއް ކޮށްދެއެވެ. އެދުނިއްޔާ އެދުނުކަމެއް ކޮށްދެޔޭ ދެންނެވުމުންވެސް ދޮގަކަށް ނުވާނެކަން ޔަގީނެވެ.

މި ބުނާ ކަރަންޓު ބިލާއި، ފެން ބިލު ދައްކައިދީ، މާލީ ގޮތުން އެހީތެރިވާ މީހާއަކީ، އެއީ އެންމެ ރަނގަޅު މީހާކަމުގައި ރައްޔިތުންނަށް ދެކެވެއެވެ. އިންތިހާބުގެ ތެރޭގައި ރަނގަޅުވީ މީހައަކީ ކުރިއަށް އޮތް 5 އަހަރަށް މަޖިލީހަށް އިންތިހާބުކޮށްފިނަމަ، ރައްޔިތުންނަށް ހަރާން ކޯރުވާނެ މީހެއްކަމެއް އޭރު އެ ރައްޔިތު މީހާއަށް އިނގޭނީ ކިހިނެއްތޯއެވެ. މަޖިލީހަށް އިންތިހާބު ކުރުމުން ދާއިރާގެ ރައްޔިތުން އެއް ފަރާތްކޮށް، ދިފާއުކުރާނީ ޕާޓީގެ ލީޑަރުކަމެއް އޭރު އެ ރައްޔިތު މީހާއަކަށް ނޭނގޭނެއެވެ. ދައުރު ހަމަވެ ނިމޭއިރު، ރައްޔިތުންގެ ހައްގުގައި މަޖިލީހުގައި އެއްވެސް މަސައްކަތެއް ނުކުރައްވާނެކަން ނުވަތަ، މަޖިލީހަށް ހާޒިރުނުވާނެކަން، މިއީ އިނގޭނެ ކަންކަމެއް ނޫނެވެ. ކެމްޕެއިނު ތެރޭގައި ފޯނަށް ގުޅާލުމުން އެ ރިންގުން ޖަވާބު ދޭ މީހާ، މަޖިލީހަށް އިންތިހާބުވުމުން ފޯނު ނުނަގާނެކަން އޭރު އިނގޭނެ އެއްވެސް މީހެއް ނުހުންނާނެއެވެ.

މެންބަރު ކޮންމެ ގޮތަކަށް ކަންތައް ކުރެއްވި ނަމަވެސް، އަދި މަޖިލީހަށް ހާޒިރު ނުވާ ނަމަވެސް ހޮވުމަށްފަހު ރައްޔިތުންނަށް ކުރެވޭނެކަމެއް ނޯވެއެވެ. ރައްޔިތުން އެއް ފަރާތްކޮށް، ރައްޔިތުންގެ ހައްގުގައި އެއްވެސް ވަކާލާތެއް ނުކޮށް، ޕާޓީ ބޮލަށްލައިގެން މަޖިލީހުގައި މެންބަރު ކޮންމެ ސަކަރާތެއް ޖެއްސެވި ނަމަވެސް ރައްޔިތުން ޖެހެނީ ބޮޑު ސްކްރީނު އެ މަންޒަރު ބަލަން ތިބޭށެވެ. ރަށުގައި ބޮޑުކަމެއް ދިމާވެގެން މެންބަރުގެ އެހީއަށް އެދި ގުޅުމުން ފޯނަށް ޖަވާބު ނުދިނުމުން ޖަހާލެވޭ ސްޓޭޓަސްއެއްގެ އިތުރަށް ދެން ކުރެވޭނެ މާ ބޮޑުކަމެއް ރައްޔިތު މީހާއަކަށް ނޯވެއެވެ.

މިއީ މެންބަރުންނަށް ހިތު ހުރިހާ ގޮތަކަށް ކަން ކުރަން ލިބޭ ހިތްވަރެކެވެ. ކޮން ގޮތަކަށް ކަންތައް ކުރެއްވި ނަމަވެސް 5 އަހަރު ފަހުން ނޫނީ ގޮނޑި ނުގެއްލޭނެކަމުގެ ޔަގީންކަން އޮންނާތީ މެންބަރުގެ ފަރުވާލެއް ނެތެވެ. ތިމާއާއި ތިމާ މީހައެވެ. ރައްޔިތުން ވީ ހާލެއްގައެވެ.

މިކަމަށް ހައްލު ހޯދުމަށް އޮތް ތަނަކީވެސް މަޖިލީހެވެ. 5 އަހަރުގެ ދައުރަށް އިންތިހާބުކުރާ މެންބަރުގެ އަމަލުތައް ރައްޔިތުންނަށް ކަމުނުދިއުމުން އެ މެންބަރާއިމެދު ފިޔަވަޅު އެޅުމުގެ ފުރުސަތު ނުވަތަ އެކަން މަޖިލީހާއި ހަމައަށް ގެނައިސް ވަކި ގޮތެއް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް އޮންނަން ޖެހެއެވެ. އޭނާއަށް އެ ފުރުސަތު ދެވުނީ ގޯހަކުންކަމަށް ދެކި، 5 އަހަރު ރައްޔިތުން ހާލުގައި ޖެއްސުމަކީ އެއްވެސް މީހަކަށް އޮވެގެންވާނެ ފުރުސަތެއް ނޫނެވެ. 5 އަހަރު ނިމުމުން ބަދަލެއް ގެނައުމަށް ރައްޔިތުން އެ ކުރާ އިންތިޒާރު ނިމުމަކަށް ގެނައިސް، ދައުރު ހަމަނުވީ ނަމަވެސް އެ މެންބަރަކީ މަގާމަށް ކުފޫ ހަމަނުވާ ބޭފުޅަކަށް ވަނީނަމަ ގޮނޑިން ދުރުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ހޯދައިދޭންޖެހެއެވެ.

އެއީ ދާއިރާގެ ރައްޔިތުންގެ ފަރާތުން، ވަކި އަދަދަކަށް ސޮއި ހަމަކޮށް މަޖިލީހަށް ހުށައަޅާ ޕެޓިޝަނަކުން ނަމަވެސް، ނުވަތަ އެހެން ގޮތަކުންވެސް ރައްޔިތުންނަށް އެ ފުރުސަތު ލިބެން ޖެހެއެވެ. ރައްޔިތުން އިންތިހާބުކުރި މެންބަރު، ރައްޔިތުންނަށް ހަރާންކޯރުވާތަން ބަލާ، އެ އުނދަގޫ ތަހައްމަލު ކުރަން 5 އަހަރު ރައްޔިތުން ތިބެން ޖެހުމަކީ ވަރަށްވެސް ބޮޑު ކަންބޮޑުވުމެކެވެ. އަޅުގަނޑު ދައްކަން މިއުޅޭ ވާހަކަ އިތުރަށް ތިލަކޮށްލާނަމެވެ. ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް ހޮވި މެންބަރަށް، ރައްޔިތުންގެ އިތުބާރު ނެތްއިރުވެސް އޭނާއަށް އެ މަގާމުގައި ހުރެވުމަކީ ހަމަ އިންސާފުތޯއެވެ؟ މިފަދަ ކަމެއް ގެނައުން ވެގެންދާނީ މެންބަރުންވެސް ޒިންމާދާރުވާނެކަމަކައްކަން ޔަގީނެވެ. ނަމަވެސް ކަން ކުރައްވާނީ ހަރުދަނާ އުސޫލެއްގެ ދަށުންނެވެ. ބޭނުން އިރަކު ބޭނުން ގޮތަކަށް މެންބަރު ގޮނޑި ދުރުކޮށް، ބޭނުން މީހަކު އަނެއްކާ އެ ގޮނޑިއަށް ގެނެސް މިހެން ކަން ކުރެވޭ އުސޫލުންނެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: