ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކުރައްވާނެކަމަށް ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޗައިނާގައި ކުރިއަށް ގެންދިޔަ އިންޑިއަން އޯޝަން ރީޖަން ފޯރަމްގައި ވާހަކަދައްކަވަމުން ނައިބުރައީސް ލަތީފް ވިދާޅުވީ، ސަރަހައްދީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ސަރަހައްދުގެ ހުރިހާ ގައުމެއްގެ ޝާމިލުވުން މުހިންމުކަމަށެވެ. އަދި ވަކި ކޮޅަކަށް ނުޖެހި މި ސަރަހައްދުގެ މުޖުތަމައުތަކަށް ކުރިއެރުން ގެނައުން މުހިންމުކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިތުރަށް ވަރުގަދަ ގުޅުންތައް ގާއިމުކުރުމަށާއި އެކި ކަންކަމުގައި މައުލޫމާތު ބަދަލުކުރުމާއި އަތުގުޅާލައި މަސައްކަތްކޮށް ސަރަހައްދީގޮތުން މަންފާތަކެއް ހާސިލުކުރުމަށް މަސައްކަތްތައް ފެށުމަށް ރާއްޖެ ތައްޔާރުކަމަށެވެ. އަދި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު އަރައިގަނެވުމާއިއެކު ރާއްޖެއިން މަސައްކަތްކުރަމުން އައިސްފައިވަނީ މި ސަރަހައްދުގައި އޮތް ގުޅުންތައް ވަރުގަދަކުރުމަށާއި އަމަންއަމާންކަން ދެމެހެއްޓުމަށްކަމަށެވެ. އަދި ސަރަހައްދީގޮތުން ކުރެވޭ މަސައްކަތްތަކުގައި އެއްވެސް ތަފާތުކުރުމެއ ނެތި ހުރިހާ ގައުމެއްވެސް ޝާމިލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޝާމިލުކޮށްގެން މަސައްކަތްތައް ކުރުމުން ވަކި ކޮޅަކަށް ބުރަވާ މައްސަލައަށް ލުއިތަކެއް ލިބި ސަރަަހައްދީގޮތުން ކުރިއެރުން ހޯދުމުގައި ފަސޭހަތަކެއްވެގެންދާނެކަމަށެވެ. އަދި އެމަނިކުފާނުވަނީ ރާއްޖޭގައި ޗައިނާއިންކޮށްފައިވާ މަސައްކަތްތައް ކުރިއަރައިގެންދިއުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަންވެސް ފާހަކޮށްފައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއާއި ޗައިނާއަކީ ވަރުގަދަ ބިންގަލެއްގެ މައްޗަށް ގުޅުފައިވާ ދެ ގައުމުކަމަށާއި މަސައްކަތްކުރަމުންދަނީ އިޖްތިމާއީ ކުރިއެރުމާއި އަމާންކަން އަދި ނަފާވާ ކަންކަން ކުރުމަށްކަމަށްވެސް ވިދާޅުވިއެވެ.
ނައިބުރައީސް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ޗައިނާ އާއި އެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް އަހައްމިއްޔަތުކަން ދޭނެކަމަށެވެ. އަދި ދެ ގައުމު ގުޅުން ކުރެވިދާނެ އައު ކަންކަން ދެނެގައުމަށްވެސް ސަރުކާރުގެ ޝައުގުވެރިކަން ހުރިކަމަށާއި އެ ކަންކަމުން ދެ ގައުމަށް ފައިދާތަކެއް ހާސިލުކުރުމަށް ބޭނުންވެވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

